ހަބަރު

ފާރިސް މައުމޫން ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ މެންބަރު ކަމުގެ ހުވާ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން މިއަދު ކުރައްވައިފި އެވެ.

ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވަޔާއެކު ފާރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖޭއެސްސީގެ މެމްބަރު ކަމުގެ ހުވާ ކުރައްވައިފި ކަމަށާއި، ގާނޫނު އަސާސީއާއި، ގާނޫނުތަކުގައިވާ ގޮތުގެ މަތީން ޖޭއެސްސީގެ މެމްބަރު ކަމުގެ ޒިންމާތަށް އަދާކުރައްވަމުން ގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމި ހުންނަވާނެ ކަމަށާއި، އެ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށް ފާރިސް ވަނީ ވިދާޅުވެފަ އެވެ.

ޖޭއެސްސީއަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުގައި ވޯޓު ދެއްވީ 67 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. ފާރިސް ޖޭއެސްސީއަށް އައްޔަން ކުރުމަށް ޕީޕީއެމްގެ މެންބަރުން ވެސް ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި މިދިޔަ ހަތަރު އަހަރު ހުންނެވީ ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ ވަނީ އޭނާ އެ މަގާމުން ދުރުކޮށްފަ އެވެ.