ހަބަރު

ޕީޕީއެމްގެ ވޯޓާއެކު ޖޭއެސްސީގެ މެންބަރު ކަމަށް ފާރިސް ހަމަޖައްސައިފި

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑިޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ހުންނަވާ މެންބަރު ކަމަށް ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އައްޔަން ކުރަން ފާސްކޮށްފި އެވެ.

ޖޭއެސްސީއަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 67 މެންބަރުންނެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވި އެވެ. ފާރިސް ޖޭއެސްސީއަށް އައްޔަން ކުރުމަށް ޕީޕީއެމްގެ މެންބަރުން ވެސް ވޯޓު ދެއްވި އެވެ.

މަޖިލީހުގެ ފަރާތުން ޖޭއެސްސީގައި މިދިޔަ ހަތަރު އަހަރު ހުންނެވީ ޕީޕީއެމްގެ އިސް މެންބަރެއް ކަމަށްވާ، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އެވެ. ނަމަވެސް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާ އިއްޔެ ވަނީ އޭނާ އެ މަގާމުން ދުރުކޮށްފަ އެވެ.

އެގޮތުން ހުސްވެފައިވާ މަގާމަށް ކުރިމަތިލާފައި ވަނީ ފާރިސްގެ އިތުރުން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ނަން ވެސް ވަނީ ހުށަހަޅައިފަ އެވެ. އޭނާގެ ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު އެވެ. އެހެން ނަމަވެސް މެންބަރު ރަޝީދު ވަނީ އޭނާގެ ނަން އަނބުރާ ގެންދަވައިފަ އެވެ. އެއާ އެކު މަޖިލީހުގައި ވޯޓަށް އެހީ ފާރިސްގެ ނަމަށް އެކަންޏެވެ.