ހަބަރު

އެމްޑީޕީގެ ޕީޖީ ލީޑަރު ކަމަށް އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް. އެމްޑީޕީގެ ޕާލިއަމަންޓް ގްރޫޕްގެ ލީޑަރުކަމަށް ހަމަޖައްސައިފި އެވެ.

އޭނާ އެމަގާމަށް އައްޔަން ކުރެއްވީ މިއަދު އެވެ. އެމަގާމުގައި ކުރިން ހުންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗީފް ވިޕްގެ މަގާމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުވެސް ވަނީ ހަމަޖައްސާފަ އެވެ. މީގެ ކުރިން އެމަގާމުގައި ހުންނެވީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ.

އެދެމަގާމަށް ދެބޭފުޅުން އައްޔަން ކޮށްފައިވަނީ، ނަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، އިތުރު އެހެން ފަރާތަކުން އެމަގާމަށް ކުރިމަތިލާފައިނުވާތީ އެވެ. މަޖިލީހުގައި އެމްޑީޕީގެ 18 މެންބަރުން ހިމެނެ އެވެ.

އަސްލަމަކީ އެމްޑީޕީގެ މިދިޔަ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައީސް ނަޝީދުގެ ކެމްޕެއިން މެނޭޖަރެވެ. އޭނާ މަޖިލީހުގެ މެންބަރުކަން ކުރައްވާތާ 10 އަހަރުވެއްޖެ އެވެ. އަދި އަންނަ އަހަރުވެސް މަޖިލީހަށް ކުރިމަތިލުމަށްވަނީ ނިންމަވާފަ އެވެ.