ހަބަރު

އެމްޑީއޭއިން މަޖިލީހުގެ ހުރިހާ ދައިރާއަކަށް ވާދަކުރަން ނިންމައިފި

އަންނަ މާޗްމަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި، މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީއޭއިން ވާދަ ކުރަން ނިންމައިފި އެވެ.

އެމްޑީއޭއިން މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ކުރިމަތި ލައްވަން ނިންމެވީ މިއަދު ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއިންނެވެ. އެގޮތަށް ހުށަހެޅުއްވީ އެޕާޓީގެ ލީޑަރު އަހުމަދު ޝިޔާމް މުހައްމަދު ކަމަށްވެސް އެޕާޓީން ބުންޏެވެ.

އެމްޑީއޭއިން ދާއިރާތަކަށް ޓިކެޓްދޭން ނިންމާފައިވަނީ ކޮން ގޮތަކަށް ކަމެއް ސާފެއް ނުވެ އެވެ. އެޕާޓީ އަކީ މީގެ ކުރިން އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއެކު ކޯލިޝަން ހަދާފައިވާ ޕާޓީއެކެވެ. ނަމަވެސް ކޯލިޝަންގެ މުއްދަތު ހަމަވި އިރުވެސް އަލުން ކޯލިޝަން އެކުލަވާލަން ނިންމާފަ އެއް ނުވެ އެވެ.

މަޖިލީހުގައި 87 ދާއިރާ ހިމެނެ އެވެ. އަންނަ އަހަރު މާޗްމަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ދެ ދާއިރާއެއްވެސް ވަނީ އިތުރުކޮށްފަ އެވެ. ދެ ދާއިރާ އިތުރުކޮށްފައިވަނީ މައްޗަންގޮޅިއަށާއި ހެންވޭރަށެވެ.