އިލެކްޝަންސް ކޮމިޝަން

ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް އިސްލާހު ގެންނަނީ

ސިޔާސީ ޕާޓީތަކަށް ފައިސާދޭ އުސޫލަށް ބަދަލު ގެނައުމަށް ސިޔާސީ ޕާޓީތަކުގެ ގަނޫނަށް އިސްލާހު ހުށަހެޅުމަށް އިލެކްޝަކޮމިޝަން (އީސީ)އިން ނިންމައިފި އެވެ.

އިލެކްޝަން ކޮމިޝަނުން މައުލޫމާތު ދިން ގޮތުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މިހާރު ވަނީ ޑްރާފްޓް ކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ސިޔާސީޕާޓީތަކުގެ ގާނޫނަށް މައިގަނޑު ދެ އިސްލާހެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުށަހަޅާފައިވާ މައިގަނޑު ދެ އިސްލާހަކީ ފަސް އަހަރު ތެރޭގައި ސިޔާސީ ޕާޓީތަކުން ކޮންގްރެސް ބާއްވަން ޖެހޭނެ ކަމަށް އޮތް އޮތުމަށް ގެނެވޭ އިސްލާހަކާއި، ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމަށް ނިންމާފައިވާ ގޮތަށް ގެނެވޭ އިސްލާހެެކެވެ.

ފަސް އަހަރު ތެރޭގައި ކޮންގްރެސް ބާއްވަން ޖެހޭ ގޮތަށް ގަނޫނުގައި އޮންނަ އޮތުމަށް އިސްލާހު ގެންނަނީ ދިމާވެދާނެ ހާލަތަކަށް ބަލައި އެކަށީގެންވާ ސަބަބަކާއެކު ކޮންގްރެސް ލަސްކުރެވޭ ގޮތަށެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޭ އުސޫލު ބަދަލު ކުރަނީ އިންތިހާބުތަކުގައި ޕާޓީތަކުން ހޯދާ ކާމިޔާބަށް ބަލައިގެންނެވެ. އެގޮތުން 10،000 މެންބަރުން ހިމެނޭ ކޮންމެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ކޮންމެވެސް މިންވަރެއް ދިނުމަށްފަހު ބާކީ ފައިސާ ދެނީ މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކަމިޔާބީއަށް 30 ޕަސެންޓް އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީތަކުން ހޯދާ ކާމިޔާބަށް 20 ޕަސެންޓް ހާއްސަ ކޮށްގެންނެވެ.

ފުއާދު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހު ކުރަނީ ޕާޓީތަކުގެ ހިޔާލާއި ކޮމިޝަނަށް ފެންނަ ކަންކަންވެސް ހިމަނައިގެން ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ޑްރާފްޓް ބިލް މިހަފްތާ ތެރޭ ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާނެ ކަމުގައިވެސް ފުއާދު ވިދާޅުވި އެވެ.