ހަބަރު

ރޯދަ މަހުގެ ވަކި ވަގުތުތަކެއްގައި ބައެއް މަގުތައް ބަންދު ކުރަނީ

ރޯދަ މަހުގެ މެންދުރު 1:00 އިން ފެށިގެން އިރުއޮއްސި 6:30 އަށް މާލޭގެ އަށް ސަރަހައްދަކަށް ބަރު ވެހިކަލްތައް ވަނުމާއި އެ މަގުތަކުގައި މުދާ އަރުވައި ބޭލުމުގެ މަސައްކަތް ކުރުން މަނާކޮށްފި އެވެ.

ޓްރާންސްޕޯޓް އޮތޯރިޓީ އިން މިއަދު ނެރުނު އިއުލާނެއްގައިވާ ގޮތުގައި، ރޯދަ މަހުގެ މެންދުރު ފަހުން ފެށިގެން ބަރު އުޅަނދުތައް ވަނުމާއި މުދާ ބާލައި އެރުވުން މަނާކޮށްފައި ވަނީ؛ ބޮޑުތަކުރުފާނުމަގު އެމްއެމްއޭ ސަރަހައްދުން ފެށިގެން މީރު ބަހުރު ބަނަދަރާއި ހަމަޔަށް، މަސް މާރުކޭޓްގެ ދުކުނުން އޮންނަ ކަނޑި ދޮންމަނިކު ގޯޅި، ހަވީރީ ހިނގުމުން ހުސޭނީ ގޯޅިން ފެށިގެން ފާރުކެނޑި ހިނގުމާ ހަމަޔަށް، މުހައްމަދު އިސްމާއީލް ދީދީ ގޯޅި، މުހައްމަދު އިބްރާހިމް ދީދީ ގޯޅި، ހުސޭނީ ގޯޅި، ކެނދިގަސް ހިނގުން، އާބުރުޒު ހިނގުން އަދި ފާރުކެނޑި ހިނގުމެވެ.

އެގޮތަށް ހަމަޖެއްސީ ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނި ގޮތުގައި ރޯދަ މަހުގެ ވަގުތުތަކުގައި މަގުތަކުގެ ބާރުބޮޑުވެ، ޓްރެފިކް ބިޒީ ވާތީ ކަމަށެވެ. އަދި މި ފިޔަވަޅުގެ ސަބަބުން އެކި ތަންތަނަށް ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށާއި މަގު ހިނގާ ފަރާތްތަކަށް ފަސޭހަވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ބަރު އުޅަނދުތައް ދުއްވާ ފަރާތްތަކުން އެ ވަގުތުތަކަށް ސަމާލުކަން ދީ އެ ސަރަހައްދުތަކަށް ނުވަނުމަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީގެ އެންގުމާ ހިލާފުވާ ފަރާތްތައް ހުއްޓުވައި އެ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.