ވިޔަފާރި

30 ޕަސެންޓް އިތުރަށް ބިސް ގެނައި، އެކަމަކު ޑިމާންޑަށް ހިފަހައެއްޓައެއް ނުލެވުނު

Jun 18, 2015
1

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ފާތިމަތު އާޝާން މިއަދު ވިދާޅުވީ މިއަހަރު ޑިމާންޑް އިތުރު ވެދާނެ ކަމަށް ބަލައި މިދިޔަ އަހަރަށް ވުރެ 30 ޕަސެންޓް ބިސް އެތެރެ ކުރި ކަމަށެވެ. ނަމަވެސް ޑިމާންޑް ބޮޑުވެ، ހިފަހައްޓައި ނުލެވުނީ ކަމަށް ވެސް އާޝާން ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިސް ހޯލްސޭލް ކުރުން ހުއްޓާލާފައި އޮތް ނަމަވެސް އިތުރު ޝިޕްމަންޓެއް ގެނެސް އަންނަ އާދިއްތަ ދުވަހު އަލުން ބިސް ހޯލް ސޭލް ކުރަން ފަށާނެ އެވެ.

"ވަކިން ވިއްކަން ވެސް ބިސް ނުހުރެ އެއްކޮށް ހުސްވެދާނެ ކަމުގެ ބިރު އޮތުމުން ހޯލް ސޭލް މި ހުއްޓާލީ. އެކަމަކު އާދިއްތަ ދުވަހުގެ މެންދުރެއް ހާ އިރުން ފެށިގެން އަނެއްކާ ވެސް ހޯލް ސޭލް ފަށާނަން،" އާޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފިޔާ އަދި އަލުވި ހޯލް ސޭލް ކުރުން ކުރިއަށް ގެންދާ ކަމަށެވެ.

އާޝާން ވިދާޅުވި ގޮތުގައި ބިސް ހޯލް ސޭލް ކުރުން ހުއްޓާލާ އިރަށް އާންމު ބާާރުގައި ވަގުތުން ބިސް އަގުބޮޑު ކުރި ކަމަށެވެ. އަދި އެގޮތަށް އެތަކެތި އަގު ބޮޑު ކުރުމަކީ އަގުތައް ތިރި ކުރަން ކުރާ މަސައްކަތަށް އެޅޭނެ ގޮންޖެހުންތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަގުތައް ތިރި ކުރެވޭނީ އާންމު ވިޔަފާރިވެރިން ވެސް އެކަމަށް އެއްބާރުލުން ދީގެން ކަމަށް ވެސް އާޝާން ވިދާޅުވި އެވެ.

"މިއީ ހުރިހާ ވިޔަފާރިތަކުން އެއްބާރުލައިގެން ކުރެވޭނެ ކަމެއް. އަޅުގަނޑުމެން އަމިއްލައަށް ކުރެވޭނެ ކަމެއް ނޫން މިއީ،" އާޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން ވިއްކި ބައެއް ބިސް ކޭސްތައް ހަލާކުވެފައިވާ ކަމަށް ބުނި ނަމަވެސް، އެއީ ތެދެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ބިސް ކޭސް ވިއްކަމުން ދަނީ ވަރަށް ރަނގަޅަށް ބެލުމަށް ފަހު ހަލާކުވެފައި ހުރި ތަކެތި ނެގުމަށް ފަހުގައި ކަމަށެވެ. އަދި ބިސް ގަތުމުގެ ކުރިން ގަންނަ ފަރާތުން ވެސް ބެލުމަށް ފަހުގައި ނޫނީ ބިސް ނުގެން ދިޔުމަށް އެދޭ ކަމަށް ވެސް އާޝާން ވިދާޅުވި އެވެ.

އެސްޓީއޯއިން ފިޔާ ބަސްތާއެއް ވިއްކަނީ 220ރ. އަށެވެ. އަދި އަލުވި ބަސްތާއެއް ވިއްކާނީ 180ރ. އަށެވެ. އަދި ބިސްކޭހެއް ވިއްކަނީ 250ރ. އަށެވެ.