ހަބަރު

24 ގަޑިއިރު ވިޔަފާރިތައް ހުޅުވަން އާންމުންގެ ހިޔާލު ހޯދަން ބައްދަލުވުމެއް ބާއްވަނީ

24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދޫކުރުމުގެ އުސޫލާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި 24 ގަޑިއިރު ވިޔަފާރިތައް ހުޅުވަން ހުއްދަ ދޭނެ އުސޫލެއް ވަނީ ކަނޑައަޅައިފަ އެވެ. ސިޓީ ކައުންސިލުން ބުނި ގޮތުގައި 24 ގަޑއިިރު ވިޔަފާރިތައް ހުޅުވުމާ ބެހޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ އެ ކައުންސިލްގައި އެދިފަ އެވެ. އެހެންކަމުން، އެކަމަށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ބައްދަލުވުން ބާއްވަން ސިޓީ ކައުންސިލުން ނިންމާފައި ވަނީ 2 ޑިސެމްބަރު 2018 ވަނަ ދުވަހުގެ ރޭގަނޑު 8:30 ގައި، ކައުންސިލުގެ މާފަންނު އޮފީހުގަ އެވެ. އެ ބައްދަލުވުމުގައި މާލޭ ސިޓީގެ ހުރިހާ ރައްޔިތުންނަށް ވަނީ ދައުވަތު އަރުވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މީގެ ކުރިންވެސް މާލޭގައި 24 ގަޑިއިރު ފިހާރަތަކާއި ސައި ހޮޓާތައް ހުޅުވާފައި ބެހެއްޓި އެވެ. އެހެންނަމަވެސް އެ އުސޫލަށް ބަދަލު ގެނެސް ވަކި ގަޑިތަކެއްގައި ވިޔަފާރި ކުރެވޭ ގޮތައް ނިންމީ ރައީސް ޔާމީންގެ ސަރުކާރުގަ އެވެ. ވިޔަފާރިތައް 24 ގަޑި އިރު ހުޅުވަން ހުއްދަ ދިނުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ.

އެކަމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީ އިން ވެސް ވަނީ މިހާރު އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.