އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް، އެފްއައިޔޫ ފޮނުވާ މައްސަލަތަކުގެ ތަހުގީގު އެކަށީގެންވާ ގޮތުގައި އިދާރާތަކުން ތަހުގީގު ނުކުރާ ކަމަށާއި މަނީލޯންޑްރިންއަށް ތުހުމަތުވާ މައްސަލަތަކުގައި ފިޔަވަޅު އެޅިފައި ނުވާ ކަމަށް އެ ޔުނިޓްގެ ރިޕޯޓެއްގައި ބުނެފި އެވެ.
އެފްއައިޔޫގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ، 31 މައްސަލައެއް ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ޝައްކު ކުރެވޭ ނުވަ ޓްރާންސެކްޝަނެއްގެ މައުލޫމާތު ތަހުގީގު ކުރުމަށް ކަމާ ގުޅޭ އިދާރާތަކަށް ފޮނުވި ކަމަށެވެ. އެގޮތުން އެންމެ ގިނަ މައްސަލަތައް އެފްއައިޔޫއިން ފޮނުވީ ފުލުހުންގެ އިދާރާއަށެވެ. ދެން އެންމެ ގިނަ މައްސަލަތައް ފޮނުވީ ޓެކްސް އިދާރާ، މީރާއަށެވެ. އަދި ކައުންޓާ ޓެރަރިޒަމް ސެންޓަރަށް ވެސް ހަތަރު މައްސަލައެއް ވަނީ ތަހުގީގު ކުރަން ފޮނުވައިފަ އެވެ. އަދި އޭސީސީއަށް ވެސް ވަނީ، ދެ މައްސަލައެއް މިދިޔަ އަހަރު ވެސް ފޮނުވައިފަ އެވެ.
އެފްއައިޔޫގެ ރިޕޯޓްގައި ބުނެފައި ވަނީ މި މައްސަލަތައް ތަހުގީގީ އިދާރާތަކަށް ފޮނުވި ނަމަވެސް، ކަޅު ފައިސާ ދައުރުވުން ހުއްޓުވަން އެފްއައިޔޫއިން ކުރާ މަސައްކަތްތަކަށް އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ބައިވަރު ކަމަށެވެ. އަދި އެފްއައިޔޫއިން ކުރާ މަސައްކަތުގެ ނަތީޖާ ހާސިލް ކުރަން ގޮންޖެހުންތައް ބޮޑުވެފައިވާ ކަމަށް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. އެންމެ ބޮޑު މައްސަލައަކީ އެދެވޭ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު ނޭޅުވުމެވެ.
"މި ޔުނިޓުން މިހާތަނަށް ދިވެހިރާއްޖޭގެ ތަހުގީގު އިދާރާއަކަށް ފޮނުވި އެއްވެސް ރިޕޯޓަކާއި ގުޅިގެން މަނީ ލޯންޑްރިންގެ ތަހުގީގެއް ފުރިހަމަ ކުރެވިފައި ނުވާ ކަމާއި މިފަދަ ދައުވާއެއް ކުރެވި ޝަރީއަތުގެ މަރުޙަލާއަކަށް ގެންދެވިފައިވެސް ނުވާކަން ފާހަގަ ކުރަމެވެ،" އެފްއައިޔޫގެ އަހަރީ ރިޕޯޓްގައިވެ އެވެ.
މީގެ އިތުރުން އެ ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ، ފުރިހަމަ ގޮތެއްގައި މަނީ ލޯންޑްރިން އަދި ޓެރަރިޒަމް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީދު ކުރެވެމުން ނުދާ ކަމަށެވެ. ރިޕޯޓްގައި ފާހަގަ ކުރި ގޮތުގައި މިފަދަ ތަހުގީގުތަކާއި މައްސަލަތަކުގައި ދައުވާކޮށް ފިޔަވަޅު އެޅުމަށް ތަހުގީގީ އަދި ތަންފީޒު އިދާރާތަކާއި، ޝަރުއީދާއިރާއަށް ފަންނީ ހުނަރާއި ތަޖުރިބާ ބޭނުންވާކަމަށެވެ.
އެފްއައިޔޫގެ ރިޕޯޓްގައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، ތަހުގީގު ކުރަން ހުށަހެޅުނު ގިނަ މައްސަލަތަކަކީ، ޓެރަރިޒަމްއަށް އެހީތެރިވެދިނުމާއި ޓެރަރިޒަމް ފައިނޭންސިންއަށް ތުހުމަތުވާ މައްސަލަތަކެވެ. އަދި ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމާއި ފައިސާ ހޯދި ގޮތުގެ ޝައްކު އުފެދުމާއި މީހުންގެ ޕްރޮފައިލްއާ ނުބައްދަލު ފައިސާގެ މުއާމަލާތް ކުރުމުގެ މައްސަލަތައް ވެސް ތަހުގީގު ކުރަން ވަނީ ހުށަހަޅައިފަ އެވެ.