މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމު ކޮށްގެން ބާއްވާ ފުރަތަމަ ރިސާޗް ކޮންފަރެންސް ފަށައިފި އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި ކީނޯޓާއި ޕެނަލް ޑިސްކަޝަންތަކާއި ދިރާސީ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ވޯކްޝޮޕްތައް ވެސް ކުރިއަށްދާނެ އެވެ.
މި ކޮންފަރެންސް މިއަދު ފެށީ "އިގުތިސާދީ ދިރާސާތައް ފުޅާކުރުން: ދެމެހެއްޓެނެވި މުސްތަގުބަލަކަށް ސިޔާސަތާއި އީޖާދުކުރުން" މި ޝިއާރުގެ ދަށުންނެވެ.
ކޮންފަރެންސް ފެށުމުގެ ގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ކީ ނޯޓް ސްޕީޗެއް ދެއްވި މި ކޮންފަރެންސްގައި ވަނީ އެމްއެމްއޭގެ ޑޭޓާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ އާޓުތަކަށް ވޯޓު ދިނުމުގެ ފުރުސަތުވެސް ދީފަ އެވެ.
މިކޮންފެރެންސްގައި ގަވަރުނަރު މުނައްވަރުގެ އިތުރަށް އިންޑިއާގެ ރިޒާވް ބޭންކު (އާރްބީއައި)ގެ ޑެޕިއުޓީ ގަވަނަރު ޑރ. މިކައިލް ޑެބަބްރަޓާ ޕަޓްރާވެސް ކީ ނޯޓު ތަގުރީރެއް ދެއްވި އެވެ. އަދި ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީވެސް ވަނީ ވާހަކަދައްކަވާފަ އެވެ.
ތަފާތު ދާއިރާތަކުން ތައްޔާރުކޮށްފައިވާ ދިރާސާ ކަރުދާސްތަކެއްވެސް މި ކޮންފަރެންސްގައި ހުށަހަޅާފައިވެ އެވެ.
ކޮންފަރެންސްގައި މައިގަނޑު ގޮތެއްގައި ވާހަކަދެއްކީ ރާއްޖޭގެ އިގުތިސާދަށް ހުރި ގޮންޖެހުންތަކާއި، ކުރިއަށް ހުރި އިގުތިސާދީ ފުރުސަތުތަކާ ގުޅޭގޮތުންނެވެ.
މި ކޮންފަރެންސްގައި ދިރާސާ ކަރުދާސްތައް ހުށަހެޅުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން މި ކޮންފަރެންސްގައި ވަނީ އެމްއެމްއޭ ރިސާޗް ފަންޑް އިފްތިތާހުކޮށްފަ އެވެ. މި ފަންޑް އިފްތިތާހު ކުރެއްވީ އެމްއެންޔޫ ޗާންސެލަރު މަހްމޫދު ޝައުގީއެވެ
އެމްއެމްއޭގެ މި ފަންޑުގެ އަމާޒަކީ ދިރާސާތައް ކުރުމަށް ހިތްވަރުދީ ދިރާސާކުރާ ފަރާތްތަކަށް ފަހި މާހައުލެއް ބިނާކުރުމެވެ. މި ފަންޑު އެމްއެމްއޭ އިން ފަށާފައިވަނީ އެއް މިލިއަން ރުފިޔާއާއެކުއެވެ.
މި ފަންޑަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ކޮންފަރެންސްގައި ވަނީ ދެ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.
އޭގެ ތެރެއިން އެއް އެއްބަސްވުމަކީ ދެމެހެއްޓެނިވި ކުރިމަގަކަށް ދިރާސާތައް ފުޅާކުރުމާއި އީޖާދީ އުފެއްދުންތައް ކުރިއެރުވުމަށް ދިރާގާއެކު ސޮއިކުރި އެއްބަސްވުމެކެވެ.
އަނެއް އެއްބަސްވުމަކީ އިގުތިސާދީ ދިރާސާތައް ކުރިއެރުވުމަށާއި ތައުލީމާއި އީޖާދުކުރުމުގެ ދާއިރާއިން އެކުގައި މަސައްކަތްކުރުމަށް މެލޭޝިއާގެ އިސްލާމް ސެލަންގޫރު ޔުނިވާސިޓީއާއެކު ސޮއިކުރި އެއްބަސްވުމެކެވެ.