ގްރޭޓާ މާލޭ ބަސްޓާމިނަލާއި ހުޅުމާލޭ ބަސް ޓާމިނަލާ ދެމެދު ބަސް ސްޓޮޕްތައް ގާއިމުކޮށްފި އެވެ.
ހުޅުމާލެއިން މާލެއަށް ދަތުރު ކުރާ ބަސް ހުއްޓުމަށް މާލޭ ބޮޑުތަކުރުފާނު މަގުގައި ދެ ބަސް ސްޓޮޕް ވަނީ ގާއިމް ކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބަސް ސްޓޮޕް މާލޭ ބޮޑުތަކުރުފާނު މަގު ދަރުބާރުގޭ ކައިރީ ބަހައްޓާފައިވާއިރު ދެވަނަ ބަސް ސްޓޮޕް ހުންނާނީ އެސްޓީއޯ ރެޑީ މިކްސް ކައިރީގަ އެވެ.
ހުޅުމާލޭގައި ބަހައްޓާފައިވާ ބަސް ސްޓޮޕްތަކުގެ ތެރެއިން، ހުޅުމާލޭ ނިރޮޅުމަގު ހުދުމާ ކައިރީ އާއި ޗައިނާ ޓައުން އަދި ދިރާގު އޮފީސް ކައިރީ ވަނީ ބަސް ސްޓޮޕްތައް ގާއިމް ކޮށްފަ އެވެ. މީގެ އިތުރުން، ކުރިކީލަ މަގުގައި ހުންނަ ރެޑް ވޭވް މޯލް ކައިރީގައި ވެސް ބަސް ސްޓޮޕެއް ވަނީ ގާއިމް ކޮށްފަ އެވެ. އަދި ރީތި ގަސް މަގުގައި ހުންނަ އަމިން އެވެނިއުގައި އާއި އެމްއެންޑީއެފް ފަލެޓުތައް ކައިރީގައި ވެސް ވަނީ ބަސް ސްޓޮޕެއް ގާއިމް ކޮށްފަ އެވެ. މި ބަސް ސްޓޮޕްތައް ބެހެއްޓުމުގެ ކުރިން ހުޅުމާލެއަށް އަންނަ މީހުންނަށް ހާއްސަކޮށް ވަކި ބަހެއް ރަށު ތެރޭ ދުއްވި އެވެ.
މުޅިން އަލަށް އާ ބަސް ސްޓޮޕްތަކެއް މާލެ އާއި ހުޅުމާލޭއަށް ދަތުރު ކުރާ މަގުގައި ބަހައްޓާފައިވާއިރު، ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ އަލަށް ގާއިމް ކުރި ބަސް ސްޓޮޕްތައް ބައްލަވާލާފަ އެވެ. އަދި މީޑިއާ އާ ވާހަކަ ދައްކަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އަލަށް ގާއިމް ކުރެވުނު ބަސް ސްޓޮޕް ތަކުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ފަސޭހަ ވެގެން ދާނެ ކަމަށެވެ. އަދި މާލެ ތެރޭގައި ދުއްވުމަށް ކުދި ބަސްތަކެއް ގެނެސް ކުރިއަށް އޮތްތާ އެ ހިދުމަތްވެސް ދެވޭނެ ކަމަށެވެ. މީގެ އިތުރުން، އަތޮޅުތެރޭގެ ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ބޮޑެތި ރަށްރަށުގައިވެސް ބަހުގެ ހިދުމަތް ފެށުމަށް ދިރާސާތައް ކުރެވެމުންދާ ކަމަށެވެ. އަދި އައްޑޫގައި މި ހިދުމަތް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް މިރޭ އައްޑޫއަށް ފުރާނެ ކަމަށް ވެސް މިނިޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ނަހުލާ ވިދާޅުވީ މީހުން އުޅޭ ހިސާބުތަކާއި ދުރުގައި ބަސް ސްޓޮޕް ހުރުމުން ވަރަށް ގިނަ ބަޔަކަށް އެކަމުގެ އުނދަގޫތައް ކުރިމަތިވަމުން އަންނަ ކަމަށެވެ. އަދި މި ގެނެވުނު ދާއިމީ ބަދަލުގެ ސަބަބުން އެކަން ހައްލުވެގެން ދާނެ ކަމަށެވެ.
ގްރޭޓާ މާލެ ބަސް ޓާމިނަލާއި ހުޅުމާލެ އާ ދެމެދު ދުއްވާ ބަސްތައް ހުއްޓުމަށް ވަކިން ހާއްސަ ބަސް ސްޓޮޕްތަކެއް ގާއިމް ކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.