ހަބަރު

މަގުމައްޗަށް އެޅި ކުނިތައް ނަގައިފި، 68 ލޮރީގެ ކުނި ހުރި

Jun 19, 2015

މަގުމައްޗަށް އަޅާފައިވާ ކުނިތައް ގިނަވެ، 68 ލޮރީއެއްގައި މިއަދު ވެސް އުކާލާފައިވާ ކަމަށް ހައުސިން މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީގެ ރަސްމީ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނީ، މާލޭގެ މަގުމައްޗަށް ބަޔަކު އުކާލާފައިވާ ކުނިތައް ނެގުމަށް މިއަދު ހިންގި ހަރަކާތުގައި ހައުސިން މިނިސްޓްރީގެ 50 މުވައްޒަފަކު 12 ލޮރީއެއް ބޭނުންކޮށް ކުނި އުކާލި ކަމަށެވެ. އަދި އެ ކުނިތައް ނެގިއިރު، ޖުމްލަ 68 ލޮރީގެ ކުނި އުކާލަން ޖެހުނު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މިނިސްޓްރީ އިން ރޭނެރުނު ބަޔާނެއްގައި ބުނެފައ ވަނީ ރޯދަޔަށް ގޭގެއިން އުކާލައި ކުނި މިނިސްޓްރީ އުކާލަ ދިނުމަށް މިދިޔަ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ހަރަކާތް ނިމުމަށް ފަހު ވެސް ބައެއް ގެތަކުން މަގުމައްޗަށް ކުނި އުކަމުން އަންނަ ކަމަށެވެ. އަދި އެ ޕްރޮގްރާމްގައި ބައިވެރިވެ، ނަންނޯޓް ކުރި ހުރިހާ ގެއަކުން ކުނި އުކާލަ ދިން ކަމަށް ވެސް މިނިސްޓްރީ އިން ބުންޏެވެ. އަދި އޭގެ ފަހުން މިހާރު މަގުތަކަށް އަޅަމުން އަންނަ ކުނިތަކާ މެދު މިިނިސްޓްރީއަށް ޒިންމާވެވެން ނެތް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެ މައްސަލައިގައި ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ އެކަން ކުރަނީ އިދިކޮޅު ފަރާތްތަކުން ރާވައިގެން ކަމަށެވެ. އަދި އެކަމުގެ މަގުސަދަކީ ހައުސިން މިނިސްޓްރީ އިން މާލެ ތެރެ ސާފު ކުރާތީ އެކަމަށް ޖެއްސުން ކުރުމެވެ.