ހަބަރު

ނުކުޅެދުންތެރިކަން ހުންނަ ކުދިން މުޖުތަމައުގައި އިތުރަށް ބައިވެރިކުރާނަން: މިނިސްޓަރު

މުޖުތަމައުގެ ހުރިހާ ފަންތިއެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފުރުސަތުތައް ފަހިކޮށްދީ މުޖުތަމައު ތެރޭގައި އެހެން ކުދިންނެކޭ އެއްފަދައިން އުޅެވޭނެ މަގު ފަހި ކުރަން ޖެހޭނެ ކަމަށް ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަ ކުރަން މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއިން މިއަދު ހަވީރު ރަސްރަނި ބަގީޗާގައި ބޭއްވި ކުޑަކުދިންގެ އާއިލީ ހަވީރު ފައްޓަވައިދެމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ، އެ މިނިސްޓްރީއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ކުޑަކުދިންގެ ހަވީރެއް އިންތިޒާމް ކުރީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތައް އެކީގައި އުފާވެރި މާހައުލެއް ހޯދައިދިނުމަށާއި މުޖްތަމައުގެ އެހެން ކުދިންނާ އެކީގައި އުޅެވޭނެ ކަމުގެ ނިޔަތުގައި ކަމަށެވެ. އަދި މި ކުދިންގެ ތެރެއިން ބައެއް ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެހެން ކުދިންނެކޭ އެއްފަދައިން ޕާކުތަކަށް އައިސް އުފާ ކުރުމުގެ ފުރުސަތު ލިބޭ ކުދިންނެއް ނޫންް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ބޭއްވި ކުޑަކުދިންގެ އާއިލީ ހަވީރުގައި ދުވަހުގެ ޝިއާރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ދުވަހުގެ ޝިއާރުގެ ގޮތުގައި އޮންނަ ފަދައިން ބާރުވެރި ކުރުވުމާއި ބައިވެރި ކުރުމުގެ ގޮތުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އެ މިނިސްޓްރީގައި ކުރިޔައް އޮތް ދުވަސްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރަން ހުރި ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ބައްޓަން ކުރާނީ އެ ފަރާތްތައް މުޖުތަމައުގައި ބައިވެރިކޮށް އަސާސީ ހިދުމަތްތައް ފަހި ކޮށްދެވޭނެ ގޮތްގޮތައް ރާވައިގެން ކަމަށެވެ.

މި މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާނީ ތަފާތު ގޮތަކަށް. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރުމަށް ހުރި ގާނޫނުތަކާއި ގަވާއިދުތައް ހުރި ގޮތަށް އަދި އިތުރަށް ވެސް އެކަންކަން ބައްޓަން ކުރާނީ އެ ފަރާތްތަކުގެ ބޭނުންތަކާއި އެ ފަރާތްތައް މުޖުތަމައުގައި ބައިވެރިކޮށްގެން.
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް

މިނިސްޓްރީ އޮފް ޖެންޑާ އިން މިއަދު ރަސްރަނި ބަގީޗާގައި ބޭއްވި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލީ ހަވީރުގައި ޖެންޑާ މިނިސްޓަރު ވަނީ އެކުދިންނާއި އެކުދިންގެ އާއިލާއާ ބައްދަލު ކުރަށްވާ އާއިލީ ހަވީރުގައި ބައިވެރި ވެފަ އެވެ.