ހަބަރު

ކާނަލް ނާޒިމް ވާދަ ކުރައްވަނީ ދަނގެތީ ދާއިރާއަށް

އަންނަ އަހަރު އޮންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ދަނގެތީ ދާއިރާއަށް ވާދަ ކުރަން ނިންމަވާފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ނާޒިމް މިގޮތަށް ވިދާޅުވީ، ވީޓީވީގެ މެހެމާންސަރާ ޕްރަގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ، ދަނގެތީ ދާއިރާއަކީ ވަރަށް ބޮޑަށް އަޅާނުލެވި، އިހްމާލްވެވިފައިވާ ދާއިރާއެއް ކަމަށާއި އެއަތޮޅުގައި ރިސޯޓްތައް ގިނައިން ހުރިނަމަވެސް ރައްޔިތުންނަށް ފަތުރުވެރިކަމުގެ ހަގީގީ ނަފާ ލިބިގެން ގޮސްފައިނުވާ ކަމަށެވެ. އަދި އެދާއިރާއަށް ވާދަ ކުރައްވަން ނިންމެވީ އެއަތޮޅުގެ ކައުންސިލަރުންނާއި ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށްފަހު މަޝްވަރާ ކުރެއްވުމަށްފަހު ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ މިއީ ވަރަށް ބޮޑަށް އަޅާނުލެވި އޮތް ދާއިރާއެއްކަން، އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ކުރިމަތިލަނީ ދާއިރާއަށް ދިމާވެފައިވާ މައްސަަލަތައް ހައްލުކޮށް، ރައްޔިތުން އުފާކޮށްދޭނެ ފަދަ ހިދުމަތްތަކެއް ކޮށްދިނުމަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، ދަނގެތީ ދާއިރާގެ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންނާއި ބައްދަލުކުރައްވައި ދިމާވެފައިވާ ދަތިތައް ހައްލު ކޮށްދެއްވާނެ ކަމަށާއި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެ ކަމަށެވެ. އަދި ވިދާޅުވީ، ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރާއެކު ދަނގެތީ ދާއިރާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުމަށް ތައްޔާރަށް ކަމަށެވެ.

"އަޅުގަނޑު ނިކުމެ މިހުރީ ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގެ މަތިވެރި މަގްސަދުގައި، ދަނގެތީ ދާއިރާގެ ރައްޔިތުން އަޅުގަނޑަށް އެ ފުރުސަތު ދެއްވައިފިނަމަ ދާއިރާއަށް ހިދުމަތްކުރުމުގައި ސާބިތުވެ ދެމި ހުންނާނަން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރެކެވެ. ދަނގެތީ ދާއިރާގައި މިހާރު ހުންނެވީ އިލްހާމް އަހުމަދެވެ. އޭނާވެސް ވަނީ ވަރަށް ފަހުން ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންފަ އެވެ.