ވިޔަފާރި

އެސްޓީއޯ ސުޕަމާޓް މިހާރު ހިތްގައިމު ތަ؟

Jun 22, 2015
1

"އެއް ފްލޯއަކަށް ބަލާއިރު މިހާރު ސުޕަމާޓް ވާނެ ރާއްޖޭގެ އެންމެ ބޮޑު ފިހާރަ އަށް،" އެސްޓީއޯގެ ސީނިޔަ މެނޭޖަރު ހަމްދޫން ސައީދު ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރީގެ މައި މަރުކަޒުގެ ގޮތުގައި ބަލާ "ޓްރޭޑް ސެންޓަރު" ގައި ހިންގަމުން ގެންދާ ސުޕަމާޓަށް މިވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. ދާދި ފަހަކާޖެހެންދެން ރާއްޖޭގެ އެންމެ ބޮޑު ފިހާރައިގެ ގޮތުގައި ހުރި ސުޕަމާޓް "ތަރައްގީކޮށް" އަލުން ނިމިގެންދިޔަ ހަފުތާގައި ހުޅުވިއިރު، ކުރިން 3،000 އަކަފޫޓު ހުރި ފިހާރައިގެ ބޮޑުމިން މިވަނީ 8،000 އަކަފޫޓަށް ވުރެ ބޮޑު ކޮށްފަ އެވެ. މިބަދަލާއެކު ކަސްޓަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ވެސް ވަރަށް ބޮޑުތަން، ރަނގަޅު ވެގެން ދާނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

"ސުޕަމާޓް ހުޅުވާފައި މިވަނީ ރައްޔިތުންނަށްދޭން ޖެހޭ އެންމެ ފުރިހަމަ ދެވޭ ގޮތަށް ފުލް ސެޓަޕަކާއެކު،" ހަމްދޫން ވިދާޅުވި އެވެ.

ސުޕަމާޓް ކުރިން ހަދާފައިވަނީ ޓްރޭޑް ސެންޓަރުގެ ތެރެއިން ސުޕަ މާޓަށް ވަދެވޭ ގޮތަށެވެ. ނަމަވެސް ސުޕަމާޓް ބޮޑުކޮށް މިފަހަރު ހުޅުވިއިރު، އޯކިޑް މަގަށް ވާގޮތަށް ދޮރެއް ކަނޑާފައިވެ އެވެ. މިކަން ކަސްޓަމަރުން ފާހަގަ ކުރީ ރަނގަޅު ބަދަލެއްގެ ގޮތުގަ އެވެ. އަދި ކުރިއާ ބަލާއިރު ފިހާރައިގެ ޖާގަ ބޮޑުވުމަކީ ކަސްޓަމަރުން ފާހަގަ ކުރި އެއް ކަންތަކެވެ.

ސުޕަމާޓުން ވިޔަފާރި ކުރަން ގޮސްހުރި މުހައްމަދު ލަތީފު ބުނީ ފިހާރަ ބޮޑުވުމަކީ ލިބިގެންދާނެ ފަސޭހައެއް ކަމަށާއި، މި ފަސޭހައާއެކު އަގުތައްވެސް ހެޔޮވުން އެދޭ ކަމަށެވެ.

"މިހާރު ވަރަށް ހިތްގައިމު. ޖާގަ ތަނަވަސްވުމަކީ ވިޔަފާރިކުރަން ދާ މީހުންނަށް ލިބޭނެ ފަސޭހައެއް. އެގޮތަށް ބަލާއިރު ވަރަށް ރަނގަޅު،" ލަތީފު ބުންޏެވެ.

"ކުޑަކުދިން ގޮވައިގެން އައިސް މިތަނަށް ދޫކޮށްލުމުން ފޫހިވުމެއް ނެތި ކުޅެލާ ހަދާނެ ގިނަ ސާމާނު މިތަނުގައި ހުންނާނެ،" ހަމްދޫން ވިދާޅުވި އެވެ.

ފިހާރަ ބޮޑު ކުރިއަސް ހިދުމަތް "އަމިއްލަ ޒާތުގައި" ރަނގަޅެއް ނުވެ އެވެ. އެހެންކަމުން އެސްޓީއޯއިން ވަނީ ހިދުމަތް ރަނގަޅު ކުރުމަށް ކަސްޓަމަރުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. އެގޮތުން ކަސްޓަމަރުންގެ ބޭނުންތައް ބެލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސުޕަމާޓްގެ ހެޑް ފާތިމަތު އާޝާން ވިދާޅުވި ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ކަސްޓަމަރުންނާ ވާހަކަ ދައްކަމުންދާ ކަމަށެވެ.

"ހިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ދުވާލަކު 18 ކަސްޓަމަރުންނަށް ވާހަކަ ދައްކަން މަސައްކަތް މި ކުރަނީ. ބޭނުންވަނީ ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް،" އާޝާން ވިދާޅުވި އެވެ.

ސުޕަމާޓް ބޮޑުކުރުމާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް މިވަނީ ފަށާފަ އެވެ. މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ދުބާއީ ދަތުރެއް ލިބެ އެވެ. ދެވަނަ އިނާމަކަށް ސެމްސަންގް ގެލެކްސީ ފޯނެއް ދޭއިރު ތިންވަނަ އިނާމަކަށް ސުޕަ މާކެޓުން އެއް އަހަރުގެ ވިޔަފާރި ކުރެވޭ ވައުޗެއް ދެ އެވެ. މި ޕްރޮމޯޝަންގައި ގިނަ ބާވަތްތަކުން 80 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދެ އެވެ.