އިމާރާތް ކުރުން

މަސައްކަތްކުރީ ހުއްދައާއެކު، ކުއްޖާއަށް އެހީ ވާނަން: ޑަބްލިއު ކޮންސްޓްރަކްޝަން

އިމާރާތުގައި މަސައްކަތް ކުރަމުން ދިޔައީ ހުއްދަށް ހޯދައިގެން ކަމަށާއި ސައިޓުަގައި ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާވި ކުއްޖާއަށް އެހީ ވާނެ ކަމަށް ޑަބަލިއު ކޮންސްޓްރަކްޝަން އިން ބުނެފި އެވެ.

އެ ކުންފުނީގެ ފޭސް ބުކް ޕޭޖްގައި ބުނެފައިވަނީ، މާފަންނުގައި އެ ކުންފަުނިން މަސައްކަތް ކުރަމުންދިޔަ ސައިޓެއްގައި ހިގި ހިތާމަވެރި ހާދިސާގައި އަނިޔާވި ކުއްޖާއަށް ބޭސް ފަރުވާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްދޭނެ ކަމަށެވެ. އަދި އެ އިމާރާތުގައި މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނަގައިގެން، ރައްކާތެރިކަމުގެ ބޯޑު ވެސް ބަހައްޓައިގެން ކަމަށެވެ.

ކުންފުނިން މިހެން ބުނެފައިވީ ނަމަވެސް މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ، އެ ސައިޓްގައި މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުއްދަތައް ނުނަގާ ކަމަށެވެ. ހުއްދައިގެ ބޯޑެއް އެ ސަރަހައްދުގައި ހުއްޓަސް އެއީ އެހެން މަސައްކަތެއް ކުރަން ނަގާފައިވާ ހުއްދައެއް ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީގެ މޭޔަރު ވިދާޅުވީ ސައިޓް ސުޕަވައިޒްކުރުމުން އިތުރު އެހެން މައްސަލަތަކެއް ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިއަދުގެ އެ ހާދިސާއަށްފަހު އިމާރާތް ކުރުމުގެ މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ކައުންސިލްގެ ހުއްދައެއް ނެތި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން ވެސް ވަނީ އަންގާފަ އެވެ.