ހަބަރު

ބަސްތާ ވެއްޓުނު ހާދިސާއާ އެކު މާލޭގައި އިމާރާތްކުރުން ވަގުތީ ގޮތުން ހުއްޓުވައިފި

ސިމެންތި ބަސްތާއެއް ވެއްޓި މިއަދު ކުޑަ އަންހެން ކުއްޖަކަށް އަނިޔާ ވުމާ ގުޅިގެން، އިމާރާތްކުރުމުގެ މަސައްކަތްތަކަށް މިހާރު މާލޭގައި ދީފައިވާ ހުއްދަތައް ވަގުތީ ގޮތުން ހުއްޓުވާފައި ކަމަށް މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު
ޝަރީފް ވިދާޅުވެއްޖެ އެވެ.

"އަވަސް އޮންލައިން" އަށް އޭނާ ވިދާޅުވީ، މި ހާދިސާ ހިނގީ ކޮންސްޓްރަކްޝަން ކުންފުނިތަކާ މާދާމާ ބައްދަލުކޮށް މިފަދަ ކަންތައްތަށް ހައްލު ކުރުމަށް މަޝަވަރާ ކުރަން ހަމަޖެހިފައި ވަނިކޮށް ކަމަށެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާއެއް ހިގުމުން ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓުވާފައިވާ ކަމަށް ޝަމާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭ ސިޓީ ކައުންސިލްގެ ހުއްދައެއް ނެތި އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދަން މިހާރު ވަނީ އަންގައިފަ އެވެ.

"އަޅުގަނޑުމެންނަށް މިކަމުގެ ހަބަރު ލިބުނު ހިސާބުން ފަށައިގެން އަޅުގަނޑުމެން ވަނީ، އިމާރާތް ކުރުމަށް ދޫކޮށްފައިވާ ހުއްދަތައް ވަގުތީ ގޮތުން ހިފަހައްޓާފައި. ކުރިއަށް ދެން ކޮންސްޓްރަކްޝަން މަސައްކަތެއް ކުރެވޭނީ އަޅުގަނޑުމެން އަލުން ހުއްދަ ދިނީމަ" ޝަމާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސިމެންތި ބަސްތާ ވެއްުޓުމުގެ ސަބަބުން އަނިޔާ ވެފައިވަނީ ރާއްޖޭގައި އުޅޭ ބިދޭސީ ބޭރު ކުއްޖަކަށް ކަމަށެވެ. މާލެ ސިޓީ ކައުންސިލް، ހެލްތް މިނިސްޓިރީން އަދި ހައުސިން މިނިސްޓްރީގެ ބޭފުޅުންވެސް އެ ކުއްޖާގެ އާއިލާއާ ވަނީ ބައްދަލުކޮށްފަ އެވެ. ޝަމާއު ވިދާޅުވި ގޮތުގައި، މި ހާދިސާގެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލާނެ އެވެ.