ހަބަރު

އެމްޑީޕީ ބައެއް މެންބަރުންގެ ވޯޓާ އެކު އުމުރު ބަދަލު ކުރާ އިސްލާހުފާސްވާނެ: ނިހާން

Jun 22, 2015
2

ރައީސް އާއި ނައިބު ރައީސްކަން ކުރެވޭ އުމުރު، 30-65 ހެދުމަށް ހުށަހަޅާފައިވާ ބިލް، އެމްޑީޕީގެ ބައެއް މެންބަރުންގެ ތާއީދާ އެކު ފާސްވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވެއްޖެ އެވެ. 

އެމްޑީއޭއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހަޅުއްވާފައިވާ އެ ބިލްގައި ވަނީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރު ކަމަށް ހަމަޖެއްސުމަށެވެ.

އެ ބިލަށް ތާއީދުކޮށް ވޯޓުދިނުމަށް އެމްޑީއޭ އާއި ޕީޕީއެމް އިން ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށް، "ޕީއެސްއެމް"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ނިހާން ވިދާޅުވެފައި ވަނީ، އެ އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުން ވެސް ވޯޓު ދޭނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ޕީޕީއެމް އާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ވޯޓާ އެކު އެ އިސްލާހު ފާސްވާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ.

ނިހާން ވިދާޅުވެފައިވާ ގޮތުގައި މި ހަފްތާގެ ތެރޭގައި ކޮމިޓީގެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅައި ވޯޓަށް އެހޭނެ ކަމަށް ލަފާކުރެވެ އެވެ.

މިހާރު ގާނޫނު އަސާސީގައިވާ ގޮތުގައި އުމުރުން 35 އަހަރު ވެއްޖެ ނަމަ ރައީސް ކަމަށާއި ނައިބު ރައީސްކަމަށް ކުރިމަތިލެވެ އެވެ.

ގާނޫނު އަސާސީއަކަށް ގެންނަ އިސްލާހަކަށް ވުމުން، އެ އިސްލާހު ފާސްވުމަށް މުޅި މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައި ވޯޓް، 64 މެންބަރުންގެ ވޯޓު ބޭނުންވާނެ އެވެ.

އެ އިސްލާހަށް ތާއީދު ކުރުމަށް ޖޭޕީގެ ޕާލިމަންޓްރީ ގްރޫޕަށް އެ ޕާޓީގެ ލީޑަރު އަންގަވާފައިވާއިރު އެމްޑީޕީ އިން އަދި އެކަމުގެ ރަސްމީ ސްޓޭންޑެއް ނަގައިފައެއް ނުވެ އެވެ. ނަމަވެސް އެ ބިލްގެ ބަހުސްގެ މަރުހަލާގައި އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައި ވަނީ ވެރިކަމަށް ކުރިމަތިލެވޭ އުމުރު 18 އަހަރަށް ތިރި ކުރަން ތާއީދު ކުރާ ކަމަށެވެ. އެހެން ނަމަވެސް ވެރިކަން ކުރެވޭނެ އެންމެ މަތީ އުމުރު ބޭއްވުމަށް ތާއީދެއް ނެތް ކަމަށެވެ.

އެ އިސްލާހަށް ތާއީދު ނުކުރައްވާކަން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ޕީޖީ ގުރޫޕަށް އަންގަވައި، އެ ިއސްލާހަށް ތާއީދު ކުރެވޭނީ ޕާޓީގެ ކައުންސިލުން ނިންމައިގެން ކަމަށް ސިޓީ އަކުން ދަންނަވައިފަ އެވެ.

ނިހާން ވިދާޅުވީ އެ ސިޓީއާ ގުޅިގެން ޕީޖީގެ ބައްދަލުވުމެއް ބާއްވައި، އެ އިސްލާހަށް ތާއީދު ކުރަން ޕީޖީ ގްރޫޕަށް ނިންމި ދާނެ ކަމަށް މެންބަރުން އިއްތިފާގުވެފައިވާ ކަމަށެވެ. އެހެންވެ، އެ އިސްލާހަށް ތާއީދު ކުރަން ނިންމައި އެ ނިންމުން މައުމޫންއާ ހިއްސާކޮށްފައިވާ ކަމަށް ވެސް ނިހާން ވަނީ ވިދާޅުވެފަ އެވެ. އަދި ގާނޫނު އަސާސީއަށް ގެންނަ އެ އިސްލާހުގެ ކަންކަން ރައީސް ޔާމީންނަށް ވެސް އެނގިވަޑައިގެންފައިވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެ އިސްލާހު ހުށަހެޅުއްވި މެންބަރުން ވިދާޅުވެފައިވާ ގޮތުގައި، އެ ބިލްގެ މަގުސަދަކީ ވެރިކަން ކުރެވޭނެ ގާބިލް އެ ފެންވަރު ހުރި ޒުވާނުން ތިބި އިރު، އެ ފުރުސަތު ޒުވާނުންނަށް ވެސް ހުޅުވާލުމެވެ.

އިދިކޮޅު މެންބަރުން އެ އިސްލާހާ އެންމެ ބޮޑަށް ދެކޮޅު ހައްދަވަނީ، މިހާރުގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މަގާމުން ވަކިކޮށް އެހެން ބޭފުޅަކަށް ނައިބު ރައީސްކަން ހަވާލު ކުރަން ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް ބުނެ އެވެ. އަދި ވަކި މީހަކަށް ނޫނީ ވަކި ކަމަކަށް ޓާގެޓްކޮށްގެން ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ ކުރަން ހެޔޮވާވަރު ކަމެއް ނޫން ކަމަށް އެ މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.