ހަބަރު

އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ހުއްޓާލައިފި

ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށްޓަކައި މިދިޔަ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖާ ސޮއި ކުރައްވާފައިވާ އިންޓާނަލް މެމޯއެއްގައި ވަނީ، މިމަހުން ފެށިގެން ބަލައިގަންނަމުން ދިޔަ އެސްޓީއޯ ހިޔާ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހާއި ހަމައަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޑިސެމްބަރު މަހުގެ މުސާރައާއެކު އެ ފައިސާ ޖަމާ ކުރެވޭނެ ކަމަށްވެސް މެމޯގައި ވެއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް އިއުލާން ކުރުމަށްފަހު، އެފަރާތްތަކަށް މިހާރު ވަނީ ލިޔުންވެސް ހަވާލުކޮށްފަ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކުރާ އެސްޓީއޯގެ ދެ ޓަވަރުގެ ބިންގާ އަޅުއްވާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގައި އެވެ.

ގާތްގަނޑަކަށް ދެ ހާހެއްހާ މުވައްޒަފުން މަސައްކަތް ކުރާ، އެސްޓީއިން އަޅާ ފްލެޓްތައް ހިމެނޭ ދެ ޓަވަރު އަޅަނީ ޓަވަރެއް 15 ބުރިއަށެވެ. ގާތްގަނޑަކަށް 24،000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ދެ ޓަވަރުގެ މަސައްކަތް ކުރަނީ ޗައިނާގެ އެމްސީޖީ ޗައިނާ- މިލީނިއަމް ޑިވްލޮޕްމަންޓް ގްރޫޕުންނެވެ. މި މަޝްރޫއުގެ މަސައްކަތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާއިރު، މި މަޝްރޫއަށް އެސްޓީއޯ އިން 27 މިލިއަން ޑޮލަރު ހޭދަ ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

މި ފްލެޓުތަކުގައި 350 އެޕާޓްމަންޓް ހުންނާނެ އެވެ. އަދި މި އެ ޕާޓްމަންޓްތަކުގައި އެއް ކޮޓަރި އާއި ދެ ކޮޓަރި އަދި ދެ ކޮޓަރިއާއި މޭޑްރޫމެއް ހިމެނޭ ޓޫޕްލަސް ވަން އެޕާޓްމަންޓްތައް ވެސް ހުންނާނެ އެވެ.

މި މަޝްރޫއު އަށް ފައިސާ ހޯދަނީ ލޯނެއްގެ ދަށުންނެވެ. މި ފްލެޓަށް ފައިސާ ހޯދާފައިވާ ފައިނޭންޝަލް މޮޑެލްއަކީ ކޮންޓްރެކްޓާ އެސިސްޓެންސް ފައިނޭންސްގެ އުސޫލުންނެވެ. ނުވަތަ އިމާރާތް ކުރުމަށް ހަވާލުވާ ކުންފުނިން ބޭންކުން ފައިނޭންސް ހޯދާ އުސޫލުންނެވެ.