ހަބަރު

ވެރިކަން ކުރެވޭ އުމުރު ބަދަލު ކުރާ ބިލަށް ވޯޓް ނެގުން މިއަދު 1:30ގައި

ވެރިކަން ކުރެވޭނެ އުމުރު 30-65 އަކަށް ބަދަލުކުރަން ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދު 1:30 ގައި ވޯޓަށް އަހާނެކަން މަޖިލީހުގެ ރިޔާސަތުން އިއުލާންކޮށްފި އެވެ.

މިއަދު 10:30ގައި ފެށި މަޖިލީހުގެ ޖަލްސާގައި އެ އިސްލާހުގެ ކޮމިޓީ ރިޕޯޓާ މެދު ބަހުސް ކުރުމަށް ހުޅުވާލުމުން ބަހުސް ކުރުމަށް އެދިވަޑައިގަތީ މުލަކު ދާއިރާއަށް ނިސްބަތްވާ އެމްޑީޕީގެ އިބްރާހިމް ނަސީރެވެ. އޭނާ ވެސް މާގިނަ ވާހަކަތަކެއް ނުދައްކައި ވިދާޅުވީ އެ އިސްލާހައް އެމްޑީޕީ އިން ވޯޓު ދިނުމަށް އަންގާފައި ވާތީ ވޯޓު ދޭނެ ކަމަށެވެ. އަދި މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތުން އެ އިސްލާހު ފާސްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

އިތުރު މެންބަރަކު ވާހަކަ ދައްކަވަން ނެތުމުން ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވަނީ އެ އިސްލާހަށް މިއަދު ވޯޓަށް އެހުމަށް ހުށަހަޅުއްވައިފަ އެވެ.

އެ ހުށަހެޅުމަށް މެންބަރަކު އިއުތިރާޒް ނުކުރެއްވުމުން މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވީ އިތުރު މަސައްކަތެއް ނެތުމުން ޖަލްސާ މެދުކަނޑާލީ ކަމަށާއި ވޯޓަށް އެހުމަށް ދެން ޖަލްސާ ބާއްވާނީ މިއަދު މެންދުރު، 1:30 ގައި ކަމަށެވެ.

އެ އިސްލާހަށް ތާއީދު ކުރުމަށް ޕީޕީއެމް –އެމްޑީއޭގެ އިތުރަށް ޖޭޕީ އަދި އެމްޑީޕީ އިން ވެސް ވަނީ ތްރީލައިން ވިޕްނެރެފަ އެވެ.