ރިޕޯޓް

މަލީހުގެ ޒަމާނީ ތަސައްވަރާއެކު ދައުލަތް ހިންގުން ރައްޔިތުންނާއި ގާތަށް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އިންތިހާބުވެ ވަޑައިގެންނެވުމާއެކު އާ ތިން މިނިސްޓްރީއެއް އުފެއްދެވި އެވެ. އޭގެ ތެރެއިން އާންމުންގެ ސަމާލުކަން ލިބިގެން ދިޔައީ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އެއް އުފެއްދެވި ހަބަރަށެވެ. ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ މިނިސްޓްރީގެ ވަޒީރު ކަމުގެ ފަތްކޮޅު ޖުމްހޫރީ ޕާޓީގައި މިހާރު ހުންނެވި އަދި ކުރީގެ ޔޫތު މިނިސްޓަރު މުހައްމަދު މަލީހް ޖަމާލަށް އެރުވުމާއެކު ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި އެވެ.

ސައިންސާއި ޓެކްނޮލޮޖީ ފަދަ "ޓެކްނިކަލް" މަސައްކަތްތަކެއް ކުރާ ވުޒާރާގެ އެންމެ އިސްވެރިއަކަށް އެކަމާއި ގުޅޭ އެއްވެސް އިލްމަކާއި ހިލްމެއް ނެތް ބޭފުޅަކު އައްޔަނުކުރުމާއެކު ގިނަ "މީމް" ތަކާއެކު އެތަކެއް ބައެއްގެ ޖޯކުތަކާއި ހަޖޫގެ ޝިކާރައަކަށް މަލީހް ވެގެންދިޔަ އެވެ.

އެހެނަސް، "އަވަސް" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރުގެ ވިސްނުމާއި ތަސައްވަރު އަދި ކޮނޑުގައި އެޅިފައިވާ ޒިންމާތަކަށް ބީރަށްޓެހިނޫންކަމާއި، މަދު ދުވަސްކޮޅެއްގެ ތެރޭގައި މި ދާއިރާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކުގެ އެންމެ ފުނަށް ވަޑައިގެންނެވިކަން ވަރަށް ސާފުކޮށް ތިލަވެގެން ދިޔަ އެވެ.

މުޅި ދައުލަތް ހިންގުމާއި ގުޅިފައިވާ ފުޅާ މެންޑޭޓެއް!

މަލީހް ވިދާޅުވި ގޮތުގައި، އަލަށް އުފެއްދި މިނިސްޓްރީއެއް ނަމަވެސް، ސަރުކާރުގެ ވިސްނުމުގެ ތެރެއިން އާ ދާއިރާއެއްގެ ގޮތުގައި އިތުރުވީ ހަމައެކަނި ސައިންސް ދާއިރާކަމަށެވެ. ޓެކްނޮލިޖީގެ މެންޑޭޓަކީ މިހާރު ވެސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެންސީއައިޓީ) ގެ ތެރެއިން މަސައްކަތް ކުރެވެމުންދާ ދާއިރާއެއްކަމަށް މަލީހު ވިދާޅުވި އެވެ.

"ސައިންސް މެންޑޭޓް ހަގީގަތުގައި އަޅުގަނޑުމެން މި އިތުރުކުރީ، ދެން އޭގެ ދަށުން އަޅުގަނޑުމެންގެ މެންޑޭޓް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރަމުން މިިދަނީ، އެހެންވީމަ ސައިންސް މެންޑޭޓްގެ ދަށުން ކުރެވޭނެ އެންމެ މުހިިންމު އެއް މަސައްކަތަކީ ސައިންސް ފައުންޑޭޝަނެއް އުފެއްދައި ރާއްޖެއަށް ބޭނުންވަނީ ކޮންކަހަލަ ރިސާޗުތަކެއްތޯ ބަލައި އޭގެ ތަންކޮޅެއް ކޮލިޓޭޓިވް މަސައްކަތްތަކެއް ކުރުން،" ރާއްޖޭގައި ގިނަ ދިރާސާތަކެއް ކުރުމުގެ ތަސައްވަރު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

މިހާރުވެސް ރާއްޖޭގައި އެކިއެކި އިދާރާތަކުން ދިރާސާތައް ހެދޭއިރު، މުސްތަގުބަލުގައި އެ މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަވާނެކަމަށް މަލީހް ވިދާޅުވި އެވެ.

100 ދުވަހުގެ ވައުދުތައް ފުއްދުމުގައި މުހިންމު ދައުރެއް!

ސަރުކާރުގެ 100 ދުވަހު ހާސިލްކުރަން ކަނޑައެޅި ވައުދުތަކުގެ ތެރޭގައި، ސައިންސް މިނިސްޓްރީއަށް ސީދާ ނިސްބަތްވާ ވައުދެއްނެތް ނަމަވެސް، އެހެނިހެން ގިނަ ވުޒާރާތަކުގެ ވައުދުތައް ފުއްދުމުގައި މުހިންމު ދައުރެއް ދަނީ މަލީހް އިސްވެ އަދާކުރައްވަމުންނެވެ.

މިގޮތުން، ސަރުކާރުގެ ގެސްޓްހައުސް ވައުދުގެ ތެރެއިން ގެސްޓްހައުސް ހިންގާ ހުރިހާ ރަށަކަށް ބޭނުންވާ ވެބްސައިޓްތައް ހެދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީއަށް ކޮށްދެމުން އަންނަ ކަމަށް މަލީހު ވިދާޅުވި އެވެ.

"އެއަށްފަހު އަޅުގަނޑުމެން ނިންމާނަން ވެބްސައިޓްތަކުގެ ކޮންޓެންޓް އަޕްލޯޑުކޮށް މެއިންޓެއިން ކުރާނީ ކޮން ބައެއްތޯ، ވެދާނެ ކައުންސިލްތައްކަމަށް ނޫނީ ޓޫރިޒަމް މިނިސްޓްރީއަށް ވެސް، ހުރިހާ ރަށަކަށް އެއްގޮތް ވެބްސައިޓެއް ފަރުމާކުރާނީ،"

ދައުލަތުގެ މައުލޫމާތު އެއްތަނަކަށް، ދިގު ކިޔޫތަކަށް ނިމުމެއް!

ވަޒީރުގެ ތަސައްވަރު ހަމަ ޔަގީނުންވެސް ބައްޓަން ކުރައްވާފައިވަނީ މިހާރު ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކޮށް ޓެކްނޮލޮޖީގެ އެހީއާއެކު ދައުލަތް ހިންގުން ރައްޔިތުންނާއި ގާތަށް ގެނުއަމަށެވެ. އެކަމަށްޓަކައި، މަލީހް އެންމެ މުހިންމުކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވަނީ ދެމެހެއްޓެނެވި ގޮތެއްގައި އެކަން ކުރެވޭނެ މަގު ކޮށައިދެއްވުމެވެ.

ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވެން އޮތީ ޓެކްނޮލޮޖީ ދާއިރާއިން
މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް

މިގޮތުން، ޓެކްނޮލޮޖީއާއެކު ރާއްޖެ ކުރިއަށް ދެވިދާނެ ގޮތްތައް ހިމަނައި، މާސްޓާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް މިނިސްޓަރު ވަނީ އަމާޒުހިއްޕަވާފަ އެވެ.

"ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ސަރުކާރުގެ ހިންގުމުގައި ޓެކްނޮލޮޖީ ބޭނުންކުރުން އިތުރުކުރުން، ސަރުކާރުގެ ހިދުމަތްތައް ފޯރުކޮށްދިނުމުގަ ޓެކްނޮލޮޖީ އިތުރުކޮށް ސާވިސް ޑެލިވަރީ އަވަސްކުރުން، އެކަން ކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ މިހާރު ހުރި ދައުލަތުގެ މައުލޫމާތުތައް ހިމެނޭ ޑޭޓާބޭސްތައް އިންޓިގްރޭޓް ކުރުން،" މަލީހް ހިއްސާކުރެއްވި އެވެ.

ދައުލަތުގެ އެކި އިދާރާތަކުގައި ހުންނަ މައުލޫމާތުތައް ވަކިވަކިން ބެލެހެއްޓުމުގެ މިހާރުގެ ނިޒާމާއެކު އެފަދަ މައުލޫމާތުތައް ހޯދުމަށް ރައްޔިތުން އުފުލަންޖެހޭ ތަކުލީފާއި ބުރަ މިނިސްޓަރަށް އިހުސާސުކުރެވެ އެވެ.

"މިސާލަކަށް އަބަދުވެސް އަޅުގަނޑުމެން މިދައްކަނީ ކުށުގެ ރެކޯޑު، ކުށުގެ ރެކޯޑު ސާފުކުރަން 10 ނޫނީ 13 އިދާރާއަށް ދާންޖެހޭ، އޭތި އޮޓޮމޭޓް ވީމާ އެއްވެސް އޮފީހަކަށް ފިޒިކަލީ ދާން ނުޖެހި، ކޮންމެ މީހަކަށް ދެވޭ އީފާސް، ނުވަތަ ޑިޖިޓަލް އައިޑީ ބޭނުންކޮށްގެން ފޯމު ފިލްކޮށްލީމަ އަޅުގަނޑުމެން ފޮނުވާނަމޭ އެ ރެކޯޑް ބޭނުންވާ ދިމާލަކަށް، އެތެރޭގެ ޕްރޮސެސްއެކޭ އެ މައުލޫމާތުތައް އެކި ދިމަ ދިމާލުން އެއް ކުރުމަކީ، މިހާރު އެތައް ދުވަހަކުން ނިމޭ ކަމެއް މަދު މިނެޓް ކޮޅެއްގެ ތެރޭގައި ނިމިގެންދާނެ." މަލީހު ވިދާޅުވި އެވެ.

މިނިސްޓަރުގެ ވިސްނުންފުޅަކީ، އެ މަސައްކަތް ނިމޭއިރު، ކިޔޫގައި ޖެހިގެން ސަރުކާރު އޮފީސްތަކުން ހިދުމަތް ހޯދުމުގެ ޒަމާންވީ ސަގާފަތަށް ނިމުމެއް ގެނައުމެވެ. މިގޮތުން، ބޯހިޔާވަހިކަމަށް ފެންބޮވައިގެންފައިވާ އެތަކެއް ހާސް ބަޔަކު ފްލެޓަށް ފޯމު ހުށަހެޅުމަށް ކިޔޫ ދަމާލަން ޖެހުމަށް މިނިސްޓަރުގެ ފުޅާ ތަސައްވަރުގެ ތެރެއިން ހައްލެއް ހޯއްދަވައި ދެއްވުމުގެ މަސައްކަތް މިހާރުވެސް ވަނީ ފައްޓަވާފަ އެވެ.

"ފޯމު ހުށަހަޅާއިރު އެމީހަކަށް އެނގޭނެ އެމީހަކަށް ލިބޭ ޕޮއިންޓުގެ އަދަދު، ވަރަށް ހާމަކަން ބޮޑުކޮށް ފަރުދާގެ ފުރަގަހުގަ އެއްވެސް ކަމެއް ފޮރުވިފައިނެތި، ދެން ފޯމުގައި ހިމެނޭ ދިރިއުޅުމުގެ ފެންވަރާއި ކަންކަން ކުއަންޓިފައި ކުރެވޭނެ ފޯމިއުލާއެއް އެކަމުގެ ތެރެއިން ނެރެވޭނެ، މިސާލަކަށް އެޕާޓްމަންޓުގެ ސައިޒާ ފާހާނާ އާއި، މީހުން ދިރިއުޅޭ އަދަދުތައް އެ ފޯމިއުލާގެ ތެރެއިން ހޯދޭނެ،"

ސައިބާ ސެކިޔުރިޓީ އާއެކު ގާނޫނީ ބާރުވެރިކަން!

ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފްކޮށް ދުނިޔޭގައި މިހާރު ލިބެން ހުރި ހިދުމަތްތައް ހޯދުމުގައި އެންމެ ބޮޑު ހުރަހަކަށްވަނީ، ގާނޫނީ ގޮތުން ލިބެންޖެހޭ ރައްކާތެރިކަން ނެތުމުން ކަމަށް މަލީހު ގަބޫލުކުރައްވަ އެވެ. މިގޮތުން، ސައިބާ ސެކިޔުރިޓީއިން ފެށިގެން، ޑޭޓާ ޕްރައިވަސީއާއެކު ޖުމްލަ ފަސް ބިލެއް ޑްރާފްޓް ކުރުމަށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމަށް ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް މަލީހު ހާމަކުރެއްވި އެވެ.

"ދެން އަޅުގަނޑުމެން ނިންމަން ޖެހޭނީ ބޮޑު އެއް ގާނޫނެއްތޯ ނޫނީ ވަކިވަކި ގާނޫނުތަކެއްތޯ، އެކަން ކުރުމުގެ މައިގަނޑު ވިސްނުމަކީ މިހާރުވެސް ބޭރުގެ ޕޭމަންޓް ގޭޓްވޭތައް ރާއްޖެ ގެނުއަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި، އެޕަލް ޕޭ، ވީޗެޓް، ގޫގުލް ވޮލެޓް، ފަދަ ހިދުމަތްތައް ރާއްޖެއަށް ގެނެވޭނީ އެ ކުންފުނިތައް ބޭނުންވާ ލީގަލް ފްރޭމްވާކް ހެދިގެން، އޭގެ ހުރަހަކަށްވެފަ އޮތީ ގާނޫނުތައް ނެތުން،"

އިންޓަނެޓް، އަސާސީ ހިދުމަތަކަށް!

ސަރުކާރުގެ ހިންގުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެވެން އޮތީ ޓެކްނޮލޮޖީ ދާއިރާއިންކަމަށް މަލީހު ހިތުގެ އަޑިން ގަބޫލުކުރައްވާއިރު، ހާސިލް ކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކާއި ސީދާ ގުޅިފައިވަނީ އެކަށީގެންވާ އިންޓަނެޓްގެ ހިދުމަތް ކަމުގައި ހުދު މިނިސްޓަރު ވެސް ޝައްކެއް ނުކުރައްވަ އެވެ.

"ޑިޖިޓަލް ޑިވައިޑް ކުޑަކުރުމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން އެބަޖެހޭ، އެއްކަމަކީ އިންޓަނެޓްގެ ހިދުމަތް އެކަށީގެންވާ ރަނގަޅު އަގެއްގަ ލިބެންހުރުން، ބައެއް ގައުމުތަކުގަ އިންޓަނެޓްވެފައި އޮންނަނީ އަސާސީ ހިދުމަތަކަށް، އަޅުގަނޑު ގަބޫލު ކުރާގޮތުގައި ރާއްޖޭގެ މިސްރާބު ހުރީ އެދިމާލަށް،"

ރާއްޖޭގައި ހަރަކާތްތެރިވާ މުވާސަލާތީ ކުންފުނިތަކެއް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓަރު ގަބާލުކުރައްވަ އެވެ. ނަމަވެސް، އިންޓަނެޓް ހިދުމަތުގެ އަގުތައް ރިވައިސް ކުރުމަށްޓަކައި، ކޮމިޔުނިކޭޝަން އޮތޯރިޓީން އިސްވެ، 25 ވަރަކަށް ގައުމުގެ މައުލޫމާތުތައް ބަލައި ދިރާސާ ކުރަމުންދާ ކަމުގައި މަލީހު ވިދާޅުވި އެވެ.

"އެ ކޮމްޕެރިސަންތަކަށް ފަހު އެކުލަވާލާ ރިޕޯޓް ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ލިބޭނެ، އެ ރިޕޯޓް ލިބުމާއެކު އަޅުގަނޑުމެން އިށީންނާނަން ކުންފުނިތަކާއެކު ތަންކޮޅެއް ތަފްސީލީ މަޝްވަރާތަކެއް ކުރުމަށް،"

ވަރަށް ބޮޑަށް ޝަކުވާ ކުރެވޭ ސަރުކާރު އޮފީސްތަކުން ފޯނު ނުނަގާތީ، އަޅުގަނޑުގެ ވިސްނުމަކީ ފޯނު އޭގެ ޒާތުގަ ކުރަންނުޖެހޭވަރަށް ކަންކަން ގެންދިއުން
މިނިސްޓަރު މަލީހް

އިންޓަނެޓްގެ ހިދުމަތް ފުޅާކޮށް ހަރުދަނާ ކުރުމަށްޓަކައި، އިތުރު ސަބްމެރީން ކޭބަލެއް ރާއްޖެއަށް ގެނައުމުގެ މަލީހުގެ ދުރު ރާސްތާގެ ޕްލޭނުގައި ވަނީ ހިމަނުއްވާފަ އެވެ.

"ކަނެކްޓިވިޓީ އާއި ސެކިޔުރިޓީ ވަރުގަދަކުރަން ރާއްޖެއަށް އިތުރު ކޭބަލެއް ރަނގަޅު ދިމާލަކުން ގެނައުން މުހިންމު، އިންޓަނޭޝަނަލް އެކްސޭންޖްތަކަށް ބަލައިފިއްޔާ ސިންގަޕޫރު ނުވަތަ އެފްރިކާ ބައްރުން ޖިބޫޓީ، އެ ފަދަ ދިމާލަކަށް ގުޅޭ ގޮތަށް އިތުރު ކޭބަލެއް ގެނައުން ވެގެންދާނީ އަގަށްވެސް، އިންޓަނެޓް ސެކިޔުރިޓީއަށް ވެސް އެޅޭ ބާރެއް،"

ގުދުރަތީ ކާރިސާތަކަށް މުވާސަލާތީ އިތުރު ނިޒާމެއް!

ގުދުރަތީ ގޮތުން ރާއްޖެ އުފެދިފައި އޮންނަ ގޮތުން، ކާރިސާއެއް މެދުވެރިވާ ހާލަތެއްގައި ކުރިމަތިވާ އެންމެ ބޮޑު ނުރައްކަލަކީ މުވާސަލާތީ ހިދުމަތް ކެނޑި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމެވެ. މީގެ 14 އަހަރު ކުރިން އެރި ސުނާމީގައި މެދުވެރިވި އެ ހާލަތު ތަކުރާރުވިޔަ ނުދިނުމަކީ ވަޒީރުގެ އިތުރު އަމާޒެކެވެ.

"އެންމެ ކައިރި ރަށްރަށަށް ވެސް ގުޅޭނެ ގޮތެއް ނެތް ލޭންޑްލައިންސް އެއްކޮށް ޑައުންވީމަ، އޭގެ ފަހުން ބޭރުގެ އެހީގައި ސިފައިންނާއި ފުލުހުންނަށްވެސް އެބަހުރި ބެކަޕް ކޮމިޔުނިކޭޝަން ސިސްޓަމްތަކެއް ލިބިފައި، މިހާރު ސައުތު އޭޝިޔާ ސެޓެލައިޓް އަރުވާފައި އެބަވޭ، އޭގެ ތެރެއިން މުޅި ރާއްޖެ ކަވަރުވާ ގޮތަށް ވަކި ރަށްތަކެއްގައި އެންޓެނާތަކެއްޖަހާ، ބެކްއަޕް ސިސްޓަމެއް ހަމަޖެއްސުމަކީ އަޅުގަނޑުމެންގެ ވިސްނުން،"

ކާރިސާއެއްގެ އިތުރުން، ގިނަ ދުވަހު ކަނޑުމަތީގައި އުޅެ ދިވެހި މަސްވެރިންނަށްވެސް އެފަދަ ނިޒާމެއްގެ ތެރެއިން އިތުރު ރައްކާތެރިކަމެއް ކަށަވަރުވެގެންދާނެ ކަމަށް މަލީހު ވިދާޅުވި އެވެ.

މިނިސްޓަރުގެ ހާއްސަ ދައުވަތެއް ދާއިރާގެ ޒުވާނުންނަށް!

ޑިޖިޓަލް އިކޮނޮމީ އަކާއި ޑިޖިޓަލް ގަވަނަންސް އާއި ދިމާލަށް ރާއްޖެ މިސްރާބުޖަހާއިރު މިދާއިރާއިން ތައުލީމީ ޒުވާނުން އުފެއްދުމާއި، މިދާއިރާގައި މިހާރުވެސް ހަރަކާތްތެރިވާ ކުޅަދާނަ ޒުވާނުންނަށް ފުރުސަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ހާއްސަ އިލްތިމާސެއް މިނިސްޓަރު ކުރެއްވި އެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ޓެކްނޮލިޖީ ދާއިރާގެ ތައުލީމީ ގާބިލް ޒުވާނުން ތައްޔާރުވާށޭ، ވަޒީފާ ބޭނުންވަންޏާ މިކޮޅަށް އައުމަށް ނޫނީ އަމިއްލަ މަސައްކަތް ކުރާ މީހުންނަށް އަޅުގަނޑުމެންގެ ބައެއް މަސައްކަތްތައް އައުޓްސޯސް ކުރެވޭނެ، އައިޓީ އާއި ޓެކްނޮލޮޖީ ދާއިރާގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި އުޅޭ ކުދިންނަށް ފުރުސަތު ލިބޭނެ،"

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ދާއިރާގައި އުޅޭ ގާބިލު ޒުވާނުންނަށް ހުރި ގޮންޖެހުންތަކަކީ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ފައިސާ ނެތުމުގެ އިތުރުން އެމީހުންގެ އުފެއްދުންތައް މާކެޓްކޮށް ވިއްކުމުގައި ދިމާވާ ދަތިތައް ކަމަށެވެ.

"އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތުން ގާނޫނުތައް ވުޖޫދަށް ގެނެވި އެމެޒަން، ގޫގުލް ވޮލަޓް އެޕަލް ޕޭ ފަދަ ހިދުމަތްތައް އައުމުން، ރާއްޖޭގެ ޕްރޮޑަކްޓްތުތައް ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ ދޮރު ހުޅުވޭނެ، މިއީ ބޯޑާލެސް ދުނިޔެއެކޭ، މިހާރު ގައުމުތައް ޑިފައިންވަނީ ބޯޑަރަކުން ނޫނޭ، ކުޑަ ރަށެއްގައި ހުރި މީހަކަށް ވިޔަސް މުޅި ދުނިޔެއަކީ އޭނާގެ މާކެޓޭ،" ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެސްއެމްއީ ބޭންކެއް ވުޖޫދުވުމާއެކު ދާއިރާގެ ޒުވާނުންނަށް ވިޔަފާރި ފެށުމަށް ލޯނު ހޯދަން ފަސޭހަވާނެކަމަށް ފާހަގަކުރައްވަމުން މަލީހު ވިދާޅުވި އެވެ.

މަސައްކަތް ކުރާނެ އޮފީހެއް ނެތް ކުދިންނަށް، ހައި ސްޕީޑް އިންޓަނެޓާއެކު، އެހެނިހެން ވަސީލަތްތަކާއެކު މިނިސްޓްރީއަށް އައިސް މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅު ތެރޭގައި މި ދާއިރާއަށް ޝައުގުވެރިވާ ކުދިންނަށް ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް އެކި ރަށްރަށުގައި މިހާރު ހުއްޓިފައިހުރި ކޮމިޔުނިޓީ އީސެންޓަރުތައް އަލުން އޮޕަރޭޝަނަށް ގެންނެވުމަކީ މިދާއިރާއަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް މަލީހުގެ ވިސްނުންފުޅުގައި ހުރި ކަންކަމެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މެދުނުކެނޑި ޓެކް ސިމްޕޯޒިއަމްތައް ބޭއްވުން، އޭރުން ރާއްޖެ ވެގެންދާނެ ޓެކްނޮލޮޖީ ދާއިރާއިން ދިރާސާތައްވެސް ކުރެވޭ މުޅިން ވަކި ސިނާއަތެއްގެ ގޮތުގައި، އަމާޒަކީ މި ދާއިރާއަކީ އިގުތިސޯދަށް މުހިންމު އެއް ދާއިރާއަކަށް ހެދުން، ރާއްޖޭގައި ތިބެގެން މިދާއިރާގެ ދިވެހިންނަށް ބޭރުގެ ބޮޑެތި ކުންފުނިތަކަށް މަސައްކަތް ކުރެވޭނެ ދޮރު ހުޅުވާލުން، ވިސްނުންތެރިކަމާއެކު މަސައްކަތް ކޮށްފިއްޔާ އެއީ ހަމަ ހާސިލްކުރެވޭނެ ލަނޑުދަނޑިތަކެއް،"

މަލީހު އަކީ ޓެކްނޮލޮޖީ އާއި ދުރުން ޓޫރިޒަމް ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. ތައުލީމު ވެސް ހާސިލް ކުރައްވާފައިވަނީ މުޅިން އެހެން ރޮނގަކުންނެވެ. ނަމަވެސް، ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ހުރި ގިނަ ގޮންޖެހުންތަކާއި އެ ދާއިރާއިން ރާއްޖެ ގެންދަން ބޭނުންވާ މިސްރާބު މަލީހުއަށް ވަރަށް ސާފެވެ. ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކޮށް، ޓެކްނޮލޮޖީ އާއެކު ޒަމާނީ މަންޒިލަކަށް ވާސިލުވުމަށް މިދާއިރާގެ "ޓެކްނިކަލް" ބޭފުޅުންގެ އަޑުއައްސަވައި، އެމީހުންގެ އެހީ ހޯއްދަވައިގެން، ގުޅިގެން މަސައްކަތް ކުރައްވަން މަލީހު ހުންނެވީ ތައްޔާރަށެވެ.