އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް އިއުލާންކުރާނީ މިހަފްތާގެ ބުރާސްފަތި ދުވަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
މަބްރޫކް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޓަނެޓް ހިދުމަތާ ގުޅޭ ސަރުކާރުގެ އާ ސިޔާސަތު އިއުލާނުކުރުން އޮންނާނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 ގައި ކަމަށެވެ.
އިންޓަނެޓް އަގުތަކަށް ގެނެވުނު ބަލަތުތައް އިއުލާނުކުރަން ފުރަތަމަ ނިންމީ އާދީއްތަ ދުވަހު އެވެ. ފަހުން އިއްޔެ އަށް ފަސްކޮށް މިހާރު ވަނީ ހަފްތާގެ އެންމެ ފަހު ދުވަހަކަށް ބަދަލުކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5ރ. އަށް ވެއްޓިގެން ދާނެ އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 ޕަސެންޓު ވަރު ހެޔޮ އަގެކެވެ.
އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.
ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތައް ކަމަށް އެނގިފައިވެ އެވެ.
އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ. މިހާރު ރާއްޖޭގެ މޯބައިލް އޮޕަރޭޓަރުންނަށް އެކި ރަށްރަށުން ޓަވަރު ޖެހުން ފަދަ ކަންކަމަށް ބިން ދޫކޮށްފައިވަނީ އެކި އަގު ތަކުގަ އެވެ.