އިންޓަނެޓްގެ ސާވިސް

އިންޓަނެޓުގެ އަގު ހެޔޮކޮށް، މާދަމާ އަގުތައް އިއުލާނު ކުރަނީ

އިންޓަނެޓުގެ އަގު ހެޔޮކޮށް، އާ އަގުތައް މާދަމާ އިއުލާނު އިއުލާނު ކުރާނެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން ވެފައިވާ ވައުދު ފުއްދައި، އަގުތައް އިއުލާނު ކުރާނީ މާދަމާ ރައީސް އޮފީހުންނެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގަށް ބަދަލު ގެނައުމާއެކު އެވްރެޖުކޮށް ޖީބީއެއްގެ އަގު 5ރ. އަށް ވެއްޓިގެން ދާނެ އެވެ. އެއީ އެވްރެޖުކޮށް މިހާރު އިންޓަނެޓު ހުރި ވަރަށް ވުރެ 20 ޕަސެންޓު ވަރު ހެޔޮ އަގެކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލާއެކު 5 އެމްބީޕީއެސްގެ ސްޕީޑުގައި 250ރ. އަށް 30 ޖީބެއް ލިބޭނެ އެވެ. އަދި ޖީބީ ހުސްވުމުން އިންޓަނެޓު ލިބޭނެ ސްޕީޑް ނުވަތަ ތްރޮޓުލް ސްޕީޑަކީ 2 އެމްބީޕީއެސް އެވެ. އަދި 15 އެމްބީޕީއެސްގެ ސްޕީޑުގައި 500ރ. އަށް 100 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ. މީގެ އިތުރުން 25 އެމްބީޕީއެސްގެ ސްޕީޑުގައި 750ރ. އަށް 25 ޖީބީ ލިބޭނެ އެވެ. އަދި ތްރޮޓުލް ސްޕީޑަކީ 5 އެމްބީޕީއެސް އެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރުމާއެކު އެންމެ ބޮޑަށް ހެޔޮ ވެގެންދާނީ ފިކްސް ބްރޯޑްބޭންޑުގެ އަގުތަކެވެ.

އިންޓަނެޓުގެ އަގަށް ގެންނަ ބަދަލު ސަރުކާރުން ވަނީ އޮޕަރޭޓަރުންނާ ހިއްސާކޮށްފަ އެވެ. އަދި އިންޓަނެޓުގެ އަގު ހެޔޮ ކުރުމުގެ ބަދަލެއްގެ ގޮތުން އޮޕަރޭޓަރުންނަށް ބައެއް ލުއިތައް ދޭން ވެސް ވަނީ ހުށަހަޅާފަ އެވެ. އެ ލުއިތަކުގެ ތެރޭގައި ރަށްރަށުން އޮޕަރޭޓަރުންނަށް ދޫކޮށްފައިވާ ބިންތަކުގެ އަގު ހެޔޮ ކުރުން ހިމެނެ އެވެ. މިހާރު ރާއްޖޭގެ މޮބައިލް އޮޕަރޭޓަރުންނަށް އެކި ރަށްރަށުން ޓަވަރު ޖެހުން ފަދަ ކަންކަމަށް ބިން ދޫކޮށްފައިވަނީ އެކި އަގު ތަކުގަ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ދެނީ ދިރާގާއި އުރީދޫ އަދި އާރުއޯއެލް އިންނެވެ. އިންޓަނެޓުގެ އަގު ހެޔޮ ނުވުމުގެ މައްސަލާގައި ސަރުކާރަށް ގިނަ ފާޑުކިއުންތައް އަމާޒުވެފައިވެ އެވެ. އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ގިނަ މަސައްކަތް ތަކެއް ކުރެއްވި އެވެ. ނަމަވެސް މިނިސްޓަރު ކަމުން މަލީހް ވަކިކުރި އިރުވެސް އެކަން އޮތީ ނުވެ އެވެ. އޭގެފަހުން ސަރުކާރުން އަލަށް ހަމަޖެއްސެވި މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.