އިންޓަނެޓްގެ ސާވިސް

އިންޓަނެޓު މިންގަނޑުތަކާ ހިލާފުވާ ކުންފުނިތަކަށް ފިޔަވަޅު އަޅާނަން: ކޭމް

May 27, 2021
1

އިންޓަނެޓްގެ ހިދުމަތަށް މިއަދު ގެނެވުނު ހެޔޮ ބަދަލާ ގުޅިގެން ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވެއްޖެ އެވެ.

"ނެޓް ހެޔޮ"ގެ ނަމުގައި އިންޓަނެޓަށް ގެނެވުނު ހެޔޮ ބަދަލުތައް އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލްޔާސް ވިދާޅުވީ އިންޓަނެޓް ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ސްޕީޑު އަދި ފެންވަރު ކޭމް އިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހުރޭތޯ އެ އޮތޯރިޓީން ބަލަމުން ގެންދާނެ ކަމަށެވެ.

އިލްޔާސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް މަންފާ ހޯދައިދިނުމަށް ގެނެވުނު ބަދަލު ގެނެސްދިނުމުގައި ބައިވެރިވެ އެއްބަސްވި އައިއެސްޕީތަކުން އެގޮތަށް އަމަލުނުކޮށްފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށެވެ.

ޖުލައި މަހުން ފެށިގެން ފިކްސްޑް ބްރޯޑްބޭންޑް ބޭނުންކުރާ މީހުންގެ 75 ޕަސެންޓް މީހުންނށް އަގުހެޔޮ ގޮތުން އެކަނިވެސް ފައިދާ ވެގެންދާނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ. މި ބަދަލާއެކު ރައްޔިތުންގެ ޖީބަށް ވެސް އަދި ލިބޭ ހިދުމަތް ބޭނުންކުރުމަށް އެތައް ލުއިތަކެއް ލިބިގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ކުންފުނިތަކުން ވަނީ މި މަސައްކަތުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާފަ އެވެ.

މި އިވެންޓްގައި ބައިވެރިވި އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވެފައި ވަނީ އިންޓަނެޓަށް ހެޔޮ ބަދަލެއް ގެންނަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އިންޓަނެޓްގެ ފެންވަރު މިއަށްވުރެ ރަނގަޅު ކުރުމަށް އިންވެސްޓްމެންޓްތަކެއް މިހާރު ވެސް ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ.

ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދުވެސް ވަނީ އެކުންފުނީގެ ފަރާތުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ދިރާގުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެ ޑިޖިޓަލް ކުރުމުގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދީ އެއްބާރުލުން ދިނުމެވެ.

ކުންފުނިތަކާ ގުޅިގެން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ގޭގެއަށް މިހާރު ދޭ އިންޓަނެޓުގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު ހެޔޮވާނެ އެވެ. އަދި މޮބައިލް އިންޓަނެޓުގެ އަގު ވެސް ހެޔޮ ވެގެންދާނެ އެވެ. ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ޑޭޓާ އެލަވަންސް އަދި މޯބައިލް ބްރޯޑްބޭންޑުގެ އެލަވަންސް 20 ޕަސެންޓާ ހަމައަށް އިތުރު ވެގެންދާނެ އެވެ.