އިންޓަނެޓްގެ ސާވިސް

ގޭގެއަށްދޭ އިންޓަނެޓުގެ އަގު 30 ޕަސެންޓް ހެޔޮކޮށްފި

May 27, 2021
9

ރާއްޖޭގައި ދޭ އިންޓަނެޓުގެ އަގަށް ބަދަލު ގެނެސް، ގޭގެއަށް މިހާރު ދޭ އިންޓަނެޓުގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު ހެޔޮކޮށްފި އެވެ.

މި ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮ ކުރަންވީ ވައުދުގެ ދަށުން އަގަށް ގެނައި ބަދަލު އިއުލާނު ކުރީ މިއަދު އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ އެވެ.

"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން ގެނެސްދިން ބަދަލާއެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ ހެޔޮއަގު ލިބެން ފަށާނީ ޖުލައި މަހުން ފެށިގެންނެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައިވާނީ އޮގަސްޓް މަހުން ފެށިގެންނެވެ.

މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ އިންޓަނެޓުގެ ހިދުމަތަކީ މިއަދު އަސާސީ ހިދުމަތެއް ކަމަށާ، ސަރުކާރުން އިންޓަނެޓުގެ އަގު ހެޔޮކުރީ އެހެންވެ ކަމަށެވެ. އަދި މި ބަދަލު ގެނެސްފައިވަނީ މި ހިދުމަތްދޭ އުރީދޫ އާއި ދިރާގުގެ ބޮޑު އެއްބާރުލުމަކާއެކުގައިކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އިންޓަނެޓުގެ އަގު ހެޔޮ ކުރަން ކުރި މަސައްކަތުގައި އެނގުނީ އަގާއެކު ސްޕީޑް. މިކަންކަމުގެ ހާލަތު އެބަ އެނގޭ. ޖީމެއިލްވެސް ހުޅުވާ ނުލެވޭ. ފެމެލީ ވައިބަ ގްރޫޕަށްލާ ފޮޓޯތައް އަޅުގަނޑުމެންނަށް ޑައުންލޯޑް ނުކުރެވުން. ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރުމަށް ވެސް މިއަދު ނެޓަށް ބަރޯސާވޭ،" ޝައުނާ ވިދާޅުވި އެވެ.

ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑް ދެ އެމްބީޕީއެސް

އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ. އަންނަ ޖުލައިއިން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެ އެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓޮލް ސްޕީޑް ދެ އެމްބީޕީއެސް އެވެ. މީގެ އިތުރުން 300ރ. އަށްވުރެ މަތިން ވިއްކާ ހުރިހާ އިންޓަނެޓު ޕެކޭޖުތަކެއްގައި ތްރޮޓޮލް ސްޕީޑް ދަށްކުރެވޭނީ ފަސް އެމްބީޕީއެސް އަަށެވެ. މި ބަދަލާއެކު އިންޓަނެޓު ޕެކޭޖު ހުސްވުމުން ދެން ލިބޭ ޕްރީޑު ދެ ގުނަ އާއި ފަސް ގުނަ އަށް މަތިވެގެން ދާނެ އެވެ. އަދި ގޭގެ އަށް ދޭ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 30 ޕަސެންޓުގެ ހެޔޮކަމެއް އަންނާނެ އެވެ.

އަގަށް ގެނައި ބަދަލާއެކު ތިން ޕެކޭޖެއް

  • 250ރ. އަށްވުރެ ބޮޑު ނޫން: ސްޕީޑް 5 އެމްބީޕީއެސް، ޑޭޓާ 30 ޖީބީ (ތްރޮޓޮލް ސްޕީޑް: 2 އެމްބީޕީއެސް)
  • 500ރ. އަށްވުރެ ބޮޑު ނޫން: ސްޕީޑް 15 އެމްބީޕީއެސް، ޑޭޓާ 100 ޖީބީ (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)
  • 700ރ. އަށްވުރެ ބޮޑު ނޫން: ސްޕީޑް 25 އެމްބީޕީއެސް، ޑޭޓާ 200 ޖީބީ (ތްރޮޓޮލް ސްޕީޑް: 5 އެމްބީޕީއެސް)

އަގަށް މި ގެނައި ބަދަލާއެކު މޮބައިލް އިންޓަނެޓުގެ އަގު ވެސް ހެޔޮ ވެގެންދާނެ އެވެ. ޕްރިޕެއިޑް އާއި ޕޯސްޓްޕެއިޑް ޑޭޓާ އެލަވަންސް އަދި މޮބައިލް ބްރޯޑްބޭންޑުގެ އެލަވަންސް 20 ޕަސެންޓާ ހަމައަށް އިތުރު ވެގެންދާނެ އެވެ.