ރާއްޖެ އުފެދިފައިވާ ގޮތުން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ނޫނީ ތަރައްގީ ނުވެވޭނެ ކަމަށާއި ގައުމު ތަރައްގީ ކުރަން ޒަމާނީ ޓެކްނޮލޮޖީ ބޭނުންވާ ކަމަށް އެންވަޔަރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ އިންޓަނެޓުގެ އަގަށް ގެނައި ބަދަލުތައް އިއުލާނު ކުރަން މިއަދު ބޭއްވި ހާއްސަ އިވެންޓްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލެއް ގެނައުމަކީ ސަރުކާރުގެ ވައުދެއް ކަމަށް ފާހަގަ ކުރައްވައި ޝައުނާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީއާ ރާއްޖެ އަރާ ހަމަކުރުން ކަމަށެވެ.
އިންޓަނެޓަށް މިއަދު ގެނައި ބަދަލަކީ ކަމާ ގުޅުން ހުރި ފަރާތްތަކާ ވަރަށް ގިނަ މަޝްވަރާތަކެއް ކޮށްގެން ގެނައި ބަދަލެއް ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގިނަ މީހުންގެ މައްސަލައަކަށް ވަނީ އިންޓަނެޓްގެ ސްޕީޑާއި އަގުތައް ކަމަށެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއްގައި އިންޓަ ނެޓަށް ބަރޯސާވާން ޖެހޭ ކަން ފާހަގަ ކުރައްވައި ޝައުނާ ވިދާޅުވީ މި ގެނައި ބަދަލާ އެކީ މަންޒަރު ވެސް ބަދަލު ވެގެން ދާނެ ކަމަށެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ރަށު ބަންދާއި ގޭބަންދުގައި ތިބިއިރު އިންޓަނެޓުގެ އަގުހެޔޮ ކުރާން މިއަށްވުރެ ވަކި މުނާސަބު ވަގުތެއް ނެތް ކަމަށް އިޝާރާތް ކުރައްވާ ޝައުނާ ވިދާޅުވީ މި އަގުތަކުން ގޭގެއަށް ދޭ އިންޓަނެޓް އަގުތަކަށް ފާހަގަ ކުރެވޭވަރުގެ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ.
ޝައުނާ ވިދާޅުވީ ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރެއިން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެކަން ހާމަވެފައިވާ ކަމަށާއި ރަށްރަށުގައި ތިބޭ ކައުންސިލަރުންނަށް އޮންލައިންކޮށް ވަޒީރުންނާ ބައްދަލު ކުރެވޭކަން އެނގުނު ކަމަށާއި އިންޓަނެޓަށް ގެނެވުނު މި ބަދަލާއެކީ ސަރުކާރުގެ ހިންގުމަށް ވެސް ބަދަލުތަކެއް އަންނާނެ ކަމަށެވެ.
"[ކުރިން] އެއް އޮފީހުން ތައްގަނޑުޖަހައިގެން އަނެއް އޮފީހުން އިނގިލީގެ ނިޝާން ޖަހައިގެން، އަނެއް އޮފީހުން އައިޑީކާޑުގެ ފޮޓޯ ކޮޕީ ހަދައިގެން ނޫނީ އާންމު ހިދުމަތެއް ލިބޭ ވަރެއް ނުވޭ. ރައްޔިތުންގެ ވަރަށް ގިނަ ވަގުތުތައް ހޭދަ ކުރަނީ މިފަދަ ތަކުލީފުތައް ތަހައްމަލް ކުރަމުން." ޝައުނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އެކަންކަން ހުއްޓުމަކަށް ގެނެސް ސަރުކާރުގެ ހުރިހާ އޮފީސްތަކެއް އޮންލައިންކޮށް ގުޅައިލުން ކަމަށާއި ޖިޑިޓަލް އައިޑީތަކުގެ ހިދުމަތްތައް ފެށި ރަށްރަށުގެ ހޮސްޕިޓަލްތަކާއި މާލޭގައި ހުރި ޓާޝަރީ ހޮސްޕިޓަލާ ވެސް ޑިޓަލްކޮށް ގުޅާލުން ކަމަށެވެ.
އިންޓަނެޓްގެ އަގަށް ގެނައި ބަދަލާއެކީ މިހާރު ދޭ އިންޓަނެޓުގެ އަގު އެވްރެޖްކޮށް 30 ޕަސެންޓު ހެޔޮކޮށް ސްޕީޑަށް ވަނީ ބަދަލު ގެނެސްފަ އެވެ.