ހަބަރު

އެމްނެސްޓީގެ ވަފުދާ ބައްދަލުކޮށް ގުޅުން ބަދަހި ކުރުމަށް މިނިސްޓަރު ހުށަހަޅުއްވައިފި

Jun 25, 2015

ރާއްޖެއާ ގުޅޭ ރިޕޯޓެއް ތައްޔާރު ކުރުމަށް މިހާރު ރާއްޖެ ޒިޔާރަތް ކުރަމުން އަންނަ އެމްނެސްޓީ އިންޓަނޭޝަނަލްގެ ވަފުދަކާ ފޮރިން މިނސްޓަރު ދުންޔާ މައުމޫން އިއްޔެ ބައްދަލު ކުރައްވައިފި އެވެ.

އެމްނެސްޓީ އިން މީގެ ކުރިން ނެރެފައިވާ އެކި ރިޕޯޓްތަކާ މެދު ރާއްޖެއިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

މިނިސްޓްރީ އިން ބުނި ގޮތުގައި އެމްނެސްޓީއިން ވަކި ފަރާތަކަށް ނުޖެހި ހަމަހަމަކަމާ އެކު މަސައްކަތް ކުރުމަށް ރާއްޖޭގެ ފަރާތުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން އެ ޖަމާއަތަށް ދޭނެ އެވެ. އަދި ރިޕޯޓްތައް އެކުލަވާލުމުގައި ރާއްޖޭގެ ހަމަޖެހުމާއި މިނިވަންކަމަށް އަދި އިގްތިސާދީ ކުރިއެރުމަށް ބުރޫއަރާ ގޮތަށް ރިޕޯޓްތައް ނުނެރޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.

"ދިވެހި ސަރުކާރާއި އެމްނެސްޓީ އާއި އިތުރައް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ޓީމާ އެކު މަޝްވަރާ ކުރެއްވި އެވެ. އަދި އެކަމުގެ މުހިންމުކަން މިނިސްޓަރު ވަރަށް ބޮޑަށް ފާހަގަ ކުރެއްވި އެވެ،" ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިންސާނީ ހައްގުތައް ކުރިއަރުވައި، ޑިމޮކްރަސީ އާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަށް ސަރުކާރުން ނުހަނު ގިނަ މަސައްކަތްތަކެއް ކުރާކަން ވެސް ދުންޔާ ފާހަގަ ކުރެއްވި އެވެ. އަދި އެ މަސައްކަތްތަކުގައި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމްއިއްޔާތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާނެ ކަމުގައި ވެސް މިނިސްޓަރު ފާހަގަ ކުރައްވާފައިވެ އެވެ.

މިބައްދަލު ވުމުގައި މިނިސްޓަރާ އެކު އެޑިޝަނަލް ސެކްރެޓަރީ ލިއުޝާ ޒާހިރް އަދި  ޑިރެކްޓާ ޖެނެރަލް ހަދީޖާ ނަޖީހާ ބައިވެރިވެ ވަޑައިގަތެވެ.