މާލެ: ކޮންކްރީޓް ޖަންގައްޔެއްތަ؟ ފުޑްކޯޓެއްތަ؟

ތޮއްޖެހިފައިވާ ވެރިރަށް މާލެއަކީ މުޅި ދުނިޔޭގައި ވެސް އާބާދީގެ ނިސްބަތުން އެންމެ ތޮއްޖެހުން ބޮޑު، ބޯ ގިނަ ކެޕިޓަލް ސިޓީ އެވެ. މާލެއިން ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އެކި އެކި ނަންނަމުގައި ތަފާތު ވައްތަރުތަކުގެ ކެފޭތަކާއި ބިސްޓްރޯތަކާއި ކާބޯތަކެތި ވިއްކާ އާ ބާވަތުގެ ތަންތަނެވެ. މާލޭގައި ކާބޯތަކެތީގެ މާކެޓް އަރައިގެން ދަނީ ހީވެސް ނުކުރާހާ ބާރު ދުވެއްޔެއްގަ އެވެ. ހުރިހާ ދިމާއެއްގައި ވެސް، ކޮންމެ ކެފޭއެއްވެސް ކޮންމެ ރެސްޓޯރަންޓެއް އަދި ކޮންމެ ޓޭކްއައުޓެއް ވެސް އޮންނަނީ ފުރި ބާރުވެފަ އެވެ.

ދިވެހި އާބަދީގެ ބޮޑު ބައެއް ދިރިއުޅޭ މާލޭސިޓީގައި ރާކަނި މަހާއި ސަނަދަރަ އައި ފޫއެނބުރީގެ މަހުން ފެށިގެން ބޯވަރެޕްސް އާއި ކަށިކެޔޮޖޫހާއި ކަނަމަދު ކޭކާއި ބަކްލަވާ މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ނަން ހުސްކޮށް ނުލިބޭނެ އެކައްޗެއް ވެސް ނެތެވެ. ލައިފް ސްޓައިލާއި ވިޔަފާރި އާއި އިގްތިސޯދުގެ މި ބޮޑު ބަދަލާއެކު ބަދަލެއް ގެންނަމާ ހިނގާށެވެ. މާލެއަށް ނިސްބަތްކޮށް ކުރިންސުރެ ކިޔަމުން އައި "މާލެ: ކޮންކްރީޓް ޖަންގައްޔެއް" ގެ ނަން "މާލެ: ފުޑްކޯޓެއް" މި ގޮތަށް ބަދަލު ކޮށްލާނީ އެވެ.

ކޮންމެ ގޮތަކަށް މާލޭގެ ލައިފް ސްޓައިލާއި ވިޔަފާރި ސިފަ ކުރިޔަސް މިހާރުގެ މާލެއަކީ ފުރިހަމަ "ފުޑްކޯޓެކޭ" ބުނުން އެންމެ ރަނގަޅުވާނެ އެވެ. އެހެން ނުބުނެވޭނެ އެއްވެސް ސަބަބަބެއް ނެތެވެ.

ފްރެންޗައިސް ފާސްޓްފުޑް އައުޓްލެޓްތައް މާލެ ސިޓީގެ އެކި ދިމަ ދިމާއަށް މިދަނީ ގިނަވަމުންނެވެ. އަދި ވަކި ތަފާތު އެކި ގައުމުތަކުގެ ކޫސީން އަޖުމަ ބަލައިލުމަށް ދިވެހި ޒުވާނުން މެދުގައި މިހާރު ފޯރިވެސް ގަދަ އެވެ. ހާއްސަކޮށް މިފަހުން މާލޭގައި ބޭރުގެ ރަހަތަކާއި ކޫސިންތައް އަޖުމަބެލުން ވަނީ ފަސޭހަވެފަ އެވެ.

އަލަށް މާލެ އާއި ހުޅުމާލެ، އަދި ވިލިމާލެއިން ވެސް ލިބެންހުރި ކޫޒީންތަކަށް ބަލާއިރު ސްޕެނިޝް ފުޑާއި އިޓަލީގެ ރަހަތަކާއި، ސޫޝީ އާއި ކޮރެއަން ފުޑްގެ އިތުރުން ތުރުކީގެ ކޮފީ އާއި ބަކްލަވާގެ ރަހަތައް ފާހަގަކޮށްލަންޖެހެ އެވެ.

ސިނަމާލެ ބުރިޖު ހުޅުވާލުމާއެކު ހުޅުމާލޭގެ ކެފޭތަތަކަށް ދިއުންވެސް ވައިގެ ހިފިއެވެ. އެ ރަށުގެ ބީޗްގައި އިނދެގެން ސައިތައްޓެއް ބޯލައި މަސްރޮށްޓެއް ކާން ނުދާމީހަކު މިހާރު ހުންނާނެ ހެނެއްވެސް ހީއެއް ނުވެއެވެ.

ކެފޭތަކުގެ ވިޔަފާރި އިތުރުވެ، އޮންލައިންކޮށް ފޭސްބުކާއި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ އެޕްސްގައި ވެސް ކާބޯތަކެތި ވިއްކުން އަންނަނީ ހެސް ކިޔާފައި އިތުރުވެގެންނެވެ. ކޭކާއި ކަޕްކޭކާއި ކުކީސް އާއި ބޯކިބާ، ޕާސްޓާ މިހެންގޮސް ކާށި ހުންޏަށް ދާންދެން ބާރަށް ވިކެ އެވެ.

ވާދަވެރިކޮށް ހިންގާ ކެފޭތަކުންވެސް އެތަނަކުން ލިބޭ އެއްޗެއް ތަފާތު ކުރަން މިހާރު މަސައްކަތް ކުރެއެވެ. ބައެއްކެފޭތައް ހާއްސަކޮށްފައި ވަނީ ނަމާއި ރަހައިގެ އިތުރުން އެ ތަކެތި ސާވްކުރާ ގޮތެވެ. ޖޫސްފަދަ ތަކެތި މޭސަން ޖާސްގައި ސާވް ކުރުމާއި ބިއްލޫރި ފުޅިތަކުގައި ކަސްޓަމަރުންނަށް ގެނެސްދިނުން ވަރަށް ބޮޑަށް ވަނީ ވައިގައި ހިފާފަ އެވެ.

ހާއްސަކޮށް ކަސްޓަމަރުން ގަޔާވާ ގޮތަށް ކެފޭތައް ޑިޒައިންކޮށްފައި ހުރުމުގެ އިތުރުން މާކެޓިން ގެ އުކުޅަކަށް ބޭނުން ކުރަނީ ކަސްޓަމަރުން ނަގާ ފޮޓޯތަކާއި ކަސްޓަމަރުންގެ ރިވިއުތަކެވެ.

އޮންލައިންކޮށް ކާބޯތަކެތި ވިއްކުމުގެ އިތުރުން ޔޫތް މިނިސްޓްރީއިން މިދިޔަ ހަފުތާއި ބަންދާއި ދިމާކޮށް ފެށި ވީކެންޑް މާކެޓް، "ހަފުތާރެސް" ގައިވެސް ވަނީ ތަފާތު އެކި ބާވަތްތަކުގެ ސްޓްރީޓް ފުޑް ވަނީ ވިއްކާފަ އެވެ. މިއީ ކާބޯތަކެތީގެ މާކެޓަށް އަލަށް ނިކުންނަ ފަރާތްތަކަށް ރަނުގެ އާ ފުރުސަތަކެވެ. ފުޑް ޓްރަކްސް އާއި ސްޓްރީޓްފުޑް ވައިގައި ހިފައިފިނަމަ މާލެއަކީ ހަމަ ރަނގަޅަށް ވެސް ބޮޑު ފުޑްކޯޓެކެވެ. ފަހަރުގައި ދުނިޔޭގައި އޮތް އެންމެ ބޮޑު ފުޑްކޯޓަށް ވެސް ވެދާނެ އެވެ.