މި މަހު ވޯޓްލައި ނިންމި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި އިދާރީ ގޮތުން އެންމެ ބޮޑު އިންތިހާބެކެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް މާދަމާ ރޭގެ ނިޔަލަށް ދާއިމީ ނަތީޖާ އިއުލާނުކޮށް ނިންމަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދަނީ މަަސައްކަތް ކުރަމުންނެވެ. ބައެއް ދާއިރާތަކުގެ ނަތީޖާއިން ބޮޑު ހައިރާން ކަމެއް ލިބުނު މި އިންތިހާބާ ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ހުށަހެޅި ބައެއް ވޯޓްފޮށިތައް އަލުން ގުނަން ޖެހި، ސެކިއުރިޓީ އުރަ ކަނޑައި ދެ ރަށެއްގައި އަލުން އިންތިހާބު ބާއްވަން ވެސް ޖެހެއެވެ.
ކައުންސިލް އިންތިހާބުގައި އެންމެ ބޮޑު ހައިރާން ކަމެއް ލިބިފައިވަނީ މާލެ ސިޓީ ކައުންސިލްގެ ނަތީޖާ ނިކުތް ގޮތުންނެވެ. މީގެ ކުރިން 2011 ވަނަ އަހަރު ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުގެ ފަހުން މިއަދާ ހަމައަށް ވެސް ކައުންސިލްގެ ސާފު މެޖޯރިޓީ އޮންނަނީ މިހާރު ވެރިކަމުގައި އޮތް (އެމްޑީޕީގެ އަތުގައެވެ. މިހާތަނަށް މާލޭގެ މޭޔަރު ކަން މުޅީން ވެސް ކުރައްވާފައިވަނީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.
މިފަހަރުގެ އިންތިހާބު މުޅީން ތަފާތެވެ. އިންތިހާބުގައި ނުކުތީ ވެސް އެމްޑީޕީ ލަދުން އިސްޖަހަން ޖެހޭ ފަދަ ނަތީޖާއެކެވެ. އެމްޑީޕީގެ މުޅި ތާރީހުގައި ވެސް އެ ޕާޓީއަށް ލިބުނު އެންމެ ލަދުވެތި ނަތީޖާއަކީ މިފަހަރުގެ އިންތިހާބުން ނުކުތް ނަތީޖާއެވެ. މާލޭގެ ހުރިހާ ގޮނޑިތަކެެއް ކާމިޔާބު ކުރުމުގެ އުންމީދުގައި ނުކުތް އެމްޑީޕީއަށް އިދިކޮޅު ޕީޕީއެމްގެ މައްޗަށް ކުރި ހޯދުނީ އެންމެ ދެ ދާއިރާއިންނެވެ.
މާލެ ސިޓީގައި މޭޔަރުގެ ގޮނޑިއާއެކު ޖުމްލަ 19 ގޮނޑިއަށް ކައުންސިލަރުން އިންތިހާބު ކުރެ އެވެ. ހުރިހާ ދާއިރާއަކަށް އެމްޑީޕީގެ ކެންޑިޑޭޓުން ނެރުނެވެ. އިދިކޮޅު ޕީޕީއެމުން ނެރުނީ 14 ކެންޑިޑޭޓުންނެވެ. ޕީޕީއެމްގެ 12 ކެންޑިޑޭޓުން އެމްޑީޕީގެ ކެންޑިޑޭޓުންގެ މައްޗަށް އިންތިހާބުގައި ކުރި ހޯދި އެވެ. އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކުރި ހޯދުނީ ދެ ދާއިރާއިންނެވެ. އެއީ ވަރަށް މަދު ވޯޓްކޮޅެއްގެ ތަފާތުންނެވެ.
މިފަހަރުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވެސް އެމްޑީޕީގެ ކެންޑިޑޭޓެއްގެ މައްޗަށް ކުރި ހޯދާ ގޮނޑިއެއް ކާމިޔާބު ކުރިއެވެ. އެހެން ކަމުން މާލެ ސިޓީގެ 19 ގޮނޑިން އެމްޑީޕީއަށް އަތުވީ ހަ ގޮނޑި އެވެ. އޭގެ ތެރެއިން އެއް ގޮނޑިއަކީ އިންތިހާބަކާ ނުލައި ލިބިފައިވާ ޑިފޯލްޓް ގޮނޑިއެކެވެ.
މާލޭގެ މޭޔަރު ކަމަށް ނުކުންނެވި ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 11،000 ވުރެ ގިނަ ވޯޓާއެކުގަ އެވެ. އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރަށް ލިބި ވަޑައިގަތީ 6،000 ވުރެ ގިނަ ވޯޓެވެ. މިވަރުގެ ފަރަގެއް އޮތުމާއި ފަސޭހަ ކަމާއެކު މުއިއްޒު މޭޔަރު ކަމަށް ވަޑައިގެންނެވުމަކީ ވެސް ކުޑަ ހައިރާން ކަމެއް ނޫނެވެ.
މި އިންތިހާބާއެކު މުއިއްޒު ވެވަޑައިގެންފައި ވަނީ މާލޭގެ ފުރަތަމަ އިންތިހާބީ މޭޔަރަށެވެ. އަދި އިންތިހާބެއްގައި މާލެ ސިޓީން އެންމެ ގިނަ ވޯޓް ހޯދި ކެންޑިޑޭޓަށެވެ. މިއީ މުހިންމު ތާރީހެކެވެ.
އެމްޑީޕީގެ ތަފާތު ވާހަކަތަކެއް
އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ތަފާތު ވާހަކަތައް ދެއްކެވި އެވެ. ބައެއް އިސް ބޭފުޅުންގެ ނަޒަރުގައި އެމްޑީޕީއަށް މާލެ ސިޓީން ނާކާމިޔާބެއް ނުވެއެވެ. ނަތީޖާ މިގޮތަށް ނުކުތީ އެމްޑީޕީގެ ސަޕޯޓަރުން ވޯޓްލާން ނުނުކުތީމަ އެވެ. ވޯޓްލާން ނުނުކުތް ސަބަބު ވެސް އެ ބޭފުޅުން ވިދާޅުވެ ދެއްވަ އެވެ. އެކަމަކު ބައެއް އާންމު މީހުނަށް އެމްޑީޕީގެ އެ ސަބަބުތައްވީ ވަރަށް ހެއްވާ ސަބަބަކަށެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވި ގޮތުގައި މާލެ ރައްޔިތުން ވޯޓްލާން ނުނުކުތީ އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާތީ އެވެ. އާޒިމް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުން ވޯޓްލާން ނުނުކުތީ ރައީސް ޔާމީން ޖަލުން ނެރޭ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑުވެގެނެވެ.
"ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ރައްޔިތުން ނުކުމެ ބުނީ ޔާމީން ދޫކޮށްލާށެކޭ ނޫން. ދޫކޮށްލާ ވާހަކަ ދައްކާތީ އެކަމާ ކަންބޮޑު ވެގެން ދިވެހި ރައްޔިތުން ވޯޓުލާން ނުނުކުތީ. އެހެންވީމާ މިއަދު ނުކުމެ ބުނާނެ ކަމެއް ނެތް ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ދިން މީހުން ވޯޓު ދިނީ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރާށެކޭ،" ޕީޕީއެމްގެ ކާމިޔާބީ ފާހަގަކޮށް އެ ޕާޓީން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އާޒިމް ވިދާޅުވެފައި ވެއެވެ.
މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީގެ ނަޒަރުގައި އެމްޑީޕީއަށް އިންތިހާބު ގެއްލުނީ އެހެން ސަބަބުތަކެއް ވެސް ހުރެގެނެވެ. މި ފަހަރުގެ އިންތިހާބުގައި އިންތި ތަމްސީލު ކުރާ ދާއިރާ ވެސް ގެއްލުނެވެ. ޕީޕީއެމުން އެ ދާއިރާއަށް ކެންޑިޑޭޓަކު ނުވެސް ނެރެއެވެ. އެމްޑީޕީ ކެންޑިޑޭޓް ބަލި ކުރީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓެކެވެ.
ގޮނޑި ގެއްލުނު ސަބަބެއްގެ ގޮތުގައި އިމްތިޔާޒް ނެންގެވީ އިންތިހާބާ ދިމާކޮށް ދަފުތަރަށް އައި ބަދަލެވެ. މާފަންނު އުތުރު ދާއިރާއަށް ދަފުތަރުން ވޯޓުލީ މީހުންނަކީ އެ ދާއިރާ ހިމެނޭ ހިސާބުތަކުގައި ދިރި ނޫޅޭ މީހުން ކަމަށް އިންތި ވިދާޅުވެ އެވެ.
"ދާއިރާގައި ވޯޓު މި ޑިސައިޑްކުރީ އެ ބޭފުޅުން. އެހެންވީމާ މިއީ ވިސްނަން ޖެހޭ ކަމެއްގެ ގޮތުގައި ދޭކޭތީވެ އަޅުގަނޑުމެން ފާހަގަ ކޮށްލަން. އިންތިހާބުތަކާއި ދަފުތަރާމެދުގައި އަޅުގަނޑުމެން ވިސްނާލަން އެބަ ޖެހޭ. ކީއްވެގެންތޯ ސަރަހައްދުގައި ދާއިރާގެ ތެރޭގައި ނޫޅޭ ބަޔަކު ކުއްލިއަކަށް ވަކި އިންތިހާބަކަށް އައިސް އެ ވޯޓު ޑިސައިޑް ކުރުމުގެ ފުރުސަތު އެ ލިބެނީ ކިހިނެއްތޯ. އެއީ ވިސްނާލަން ޖެހޭ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން. މި ދަފުތަރު އަޅުގަނޑުމެންގެ ދާއިރާގައި ވޯޓު މިފަހަރު ޑިސައިޑްކޮށްފައި ވަނީ." އިންތި ވިދާޅުވިއެވެ.
އެމްޑީޕީގެ އެންމެ ގިނަ މެންބަރުން ފާހަގަކުރި ކަމަކީ މިފަހަރުގެ އިންތިހާބުގައި ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދުވުމެވެ. ގިނަ ބަޔަކު ނުކުމެ ވޯޓްލީ ނަމަ އެމްޑީޕީއަށް މިފަހަރުވެސް ކާމިޔާބު ލިބުނީހެވެ.
އެއީ ހަގީގަތަކަށްވިޔަސް ނުވިޔަސް އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު މަދެވެ. ހާއްސަކޮށް މާލޭ ސިޓީންނެވެ. މާލެއިން ވޯޓްލާން ނުކުތީ 25 ޕަސެންޓް މީހުނެވެ. އެކަމަކު ސުވާލަކީ މިއީ މިފަހަރުގެ އިންތިހާބުގައި އެކަނި ދިމާވި ކަމެއް ހެއްޔެވެ؟ އިންތިހާބު ފެށި 2011 ވަނަ އަހަރާއި ފަހަތަށް އައި 2014 ވަނަ އަހަރާއި 2017 ވަނަ އަހަރުގައި ބޭއްވި އިންތިހާބުގައި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވޯޓްލާން ނުމެފައި އޮތީ ހެއްޔެވެ؟
މާލޭން ވޯޓްލީ މީހުންގެ އަދަދު މަދެއް ނޫން
ނިންމާލި ކައުންސިލް އިންތިހާބުގައި 67 ޕަސެންޓް މީހުން ވޯޓްލާން ނިކުތެވެ. މިއީ އީސީން އަންދާޒާ ކުރި އަދަދަށްވުރެ މާ ރަނގަޅު އަދަދެކެވެ. ކޮމިޝަންގެ ފުރަތަމަ އަންދާޒާއަކީ ވޯޓްލާން ނުކުންނާނީ 40 ޕަސެންޓް މީހުނެވެ. ނަމަވެސް އިންތިހާބު ދުވަހު ވޯޓްލާން ނުކުންނަމުންދިޔަ މީހުންގެ އަދަދު ފެނި އެ އަންދާޒާ 50 ޕަސެންޓަށް އިތުރުކުރި އެވެ. އިންތިހާބު ނިމި ދާއިމީ ނަތީޖާ އިއުލާނު ކުރަމުންދާއިރު މިހާރު ޔަގީންވާ ގޮތުގައި 67 ޕަސެންޓް މީހުން ވޯޓްލާފައިވާ ކަމަށް ހިސާބުތަކުން ދައްކަ އެވެ.
މުޅި އިންތިހާބުގައި ވޯޓްލީ މީހުންގެ އަދަދު މި މިންގަނޑުގައި ހުރި ނަމަވެސް މާލޭގެ ރައްޔިތުންގެ ތެރެއިން ވޯޓްލާން ނުކުތީ ވަރަށް މަދު އަދަދެކެވެ. ނަމަވެސް މިއީ ކޮންމެ ކައުންސިލް އިންތިހާބެއްގައި ވެސް މިކަން މިހާތަނަށް އޮތް ގޮތެކެވެ. މާލެ ރައްޔިތުންގެ ޝައުގުވެރިކަން ކައުންސިލް އިންތިހާބަށް ކުޑައީއެވެ. ނޫނީ އެހެން ކޮންމެވެސް ސަބަބަކާއި ގުޅިގެން މި އިންތިހާބުގައި ވޯޓްލާން މާލެއިން މީހުން ނުކުންނަން ބޭނުން ނުވަނީ އެވެ. ޔަގީން ކަމަކީ ކައުންސިލްގެ އެއްވެސް އިންތިހާބެއްގައި މާ ބޮޑު އަދަދެއް ވޯޓްލާން ނުކުމެފައި ނުވާ ކަމެވެ.
އަދި ކުރީގެ އިންތިހާބުތަކާ ވަރުންއަޅުވާނަމަ ވެސް މިފަހަރުގެ އިންތިހާބުގައި ވޯޓްލާން ނުކުތް މީހުންގެ އަދަދު މަދެއް ނޫނެވެ. އެއާ ހިލާފަށް ތަންކޮޅެއް ގިނަވެފައި ވެއެވެ.
ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގަން ފެށި ފަހުން މި ބޭއްވުނީ ހަތަރު އިންތިހާބެވެ. ފުރަތަމަ 2011 ވަނަ އަހަރުގެ ކައުންސިލް އިންތިހާބުގައި މާލެ ރައްޔިތުންގެ ތެރެއިން ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ 40،917 އެވެ. އެ އިންތިހާބުގައި ވޯޓް ދިނީ 20،503 މީހުނެވެ. ދެބައިކުޅަ އެއްބައި މީހުން ވޯޓްލާން ނުނިކުމެވެ.
ދެން އައި 2014 ވަނަ އަހަރުގެ އިންތިހާބުގައި ވޯޓް ދިނުމުގެ ހައްގު ލިބުނީ 43،424 މީހުނަށެވެ. އެފަހަރު ވޯޓް ދިނީ 12،247 މީހުނެވެ. މިއީ ނިސްބަތުން އެންމެ މަދުން ވޯޓްލާން މީހުން ނުކުތް އަހަރެވެ. އެފަހަރު 33،000 އަށްވުރެ ގިނަ މީހުން ވޯޓްލާން ނުދެ އެވެ.
އޭގެ ފަހުން ކައުންސިލް އިންތިހާބެއް އޮތީ 2017 ވަނަ އަހަރެވެ. އެ އަހަރު 46،302 މީހަކަށް ވޯޓްލުމުގެ ހައްގު ވެރިރަށުން ލިބުނެވެ. ވޯޓްލާން ނިކުތީި 50 ޕަސެންޓަށް ވުރެ ދަށް އަދަދެކެވެ. އެއީ 21،658 މީހުނެވެ.
ދެން މި އަހަރުގެ އިންތިހާބެވެ. މިފަހަރުގެ އިންތިހާބުގައި މާލެ ރައްޔިތުންގެ ތެރެއިން 51،702 މީހަކަށް ވޯޓް ދިނުމުގެ ހައްގު ލިބިފައި އޮތެވެ. އިންތިހާބުގައި ވޯޓްލީ 21،149 މީހެކެވެ. އެހެން ކަމުން މިއީ ކުރީ ނަންބަރުތަކަށް ވުރެ މާބޮޑުތަނުން ދަށް އަަދަދެއް ނޫނެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިފަހަރުގެ އިންތިހާބުގައި ވޯޓްލާން ނުކުތް އަދަދު އެހެން އިންތިހާބުތަކާއި ބަލާއިރު މަދެއް ނޫނެވެ. އެހެންވީމަ މި ފަހަރު އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ ވޯޓްލާން ނުކުތް އާބާދީ މަދުވެގެން ލިބުނު ނާކާމިޔާބެއް ނޫނެވެ. އެހެން ބުނާނަމަ ކުރީ ތިން އިންތިހާބުން އެމްޑީޕީން ހޯދި ބޮޑު ކާމިޔާބަކީ މާގިނަ ބަޔަކު ވޯޓްލާން ނުކުމެގެން ލިބުނު ކާމިޔާބެކޭ ވެސް ނުބުނެވޭނެ އެވެ.
ވެރިރަށުން 20 ނުވަތަ 30 ޕަސެންޓް މީހުން ވޯޓްލާން ނުކުތުމަކީ ވަރަށް ދެރަ ކަމެކެވެ. އެކަން ރަނގަޅު ކުރާން ހުރިހާ ސިޔާސީ ޕާޓީތަކުން މަަސައްކަތް ކުރަން ޖެހެއެވެ. އެހެންވީމާ ބަލިވާ ކޮންމެ ފަހަރަކު ވޯޓްލާން ނުކުތް މީހުންގެ އަދަދު މާ މަދު ކަމަށް ބުނެ ހަގީގަތް ފޮރުވަން މަސައްކަތް ކުރުން ރަނގަޅެއް ނޫނެވެ. މަސައްކަތް ކުރަންވީ ހަގީގަކާއި ކުރިމަތިލާ ރައްޔިތުންގެ ނިންމުންތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރި ކުރާށެވެ. ބައިވެރިވާނެ ގޮތަށް ހުރިހާ ފިކުރަކުންވެސް މަސައްކަތް ކުރުމެވެ.
ތަފާސް ހިސާބުތަކަށް ބަލާއިރު މިފަހަރުގެ އިންތިހާބުގައި ވޯޓްލާން ނުކުތް އަދަދު އެހެން އިންތިހާބުތަކާއި ބަލާއިރު މަދެއް ނޫނެވެ. އެހެންވީމަ މި ފަހަރު އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއަކީ ވޯޓްލާން ނުކުތް އާބާދީ މަދުވެގެން ލިބުނު ނާކާމިޔާބެއް ނޫނެވެ. އެހެން ބުނާނަމަ ކުރީ ތިން އިންތިހާބުން އެމްޑީޕީން ހޯދި ބޮޑު ކާމިޔާބަކީ މާގިނަ ބަޔަކު ވޯޓްލާން ނުކުމެގެން ލިބުނު ކާމިޔާބެކޭ ވެސް ނުބުނެވޭނެ އެވެ.ތަފާސްހިސާބުން ފެންނަ ގޮތް | ރިޕޯޓް
އަނެއް ތިން ސިޓީ އެމްޑީޕީއަށް ކާމިޔާބު
ކައުންސިލް އިންތިހާބުގައި ވެރި ރަށުން ލިބުނު ނާކާމިޔާބީގެ ހިތްދަތިކަން އެމްޑީޕީއަށް ކުޑަކޮށް ދިނީ ދެން އޮތް ތިން ސިޓީން ލިބުނު ކާމިޔާބެވެ. ނަމަވެސް އެމްޑީޕީގެ ވަރުގަދަ ސިޓީއެއްގެ ގޮތުގައި އޮތް އައްޑޫ ސިޓީން އުންމީދު ކުރި ފަދަ ކާމިޔާބެއް ނުލިބެ އެވެ. ސާފު މެޖޯރިޓީ ނެތަސް ނިންމުންތައް ނިމޭނެފަދަ މެޖޯރިޓީއެއް އެބައޮތެވެ.
އައްޑޫ ސިޓީ ކައުންސިލްގައި ހިމެނެނީ މޭޔަރާއެކު 13 ގޮނޑިއެވެ. ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކު ސިޓީގައި މޭޔަރާއެކު ހަތް ގޮނޑިއެވެ.
އައްޑޫގެ ގޮނޑިތައް ބެހިގެންދިޔަ ގޮތަށް ބަލާއިރު މޭޔަރުކަން އެމްޑީޕީއަށެވެ. އިތުރު ހަ ގޮނޑިއާއެކު ކައުންސިލުން ހަތް ގޮނޑި ލިބެނީ އެމްޑީޕީއަށެވެ. ޕީޕީއެމަށް ތިން ގޮނޑި އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންނަށް ތިން ގޮނޑި ލިބުނެވެ. މިއީ އިންތިހާބެއްގައި އައްޑޫ ސިޓީ ކައުންސިލުން މިއަދަދަށް ޕީީޕީއެމަށް ގޮނޑި ލިބުނު ފުރަތަަމަ ފަހަރެވެ. އަދި އަމިއްލަ ކެންޑިޑޭޓުން ވެސް މި ވަރުގެ ނަތީޖާއެއް ނެރުނު ފުރަތަމަ ފަހަރެވެ.
ފުވައްމުލަކު ސިޓީގެ ހަތް ގޮނޑީގެ ތެރެއިން މޭޔަރު ގޮނޑި ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީންނެވެ. އެ ގޮނޑިއާއެކު އިތުރު ހަތަރު ގޮނޑި އެ ޕާޓީން ނެގިއެވެ. ޖުމްލަ ފަސް ގޮނޑިއެވެ. އިދިކޮޅު ޕީޕީއެމަށް ލިބެނީ ދެ ދާއިރާއެއްގެ ގޮނޑިއެވެ.
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިން ފަހުން ބޭއްވި ފުރަތަމަ ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހޯދީ ރަން ވަނައެކެވެ. މޭޔަރު ގޮނޑިއާއެކު ހަތް ގޮނޑިއަށް ވެސް އިންތިހާބުވީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ސިޓީތައް މިގޮތަށް ދިޔަ ނަމަވެސް ބޮޑެތި ބައެއް އަތޮޅުތައް އެމްޑީޕީއަށް ގެެއްލުމަކީ ލިބުނު ބޮޑު ނާކާމިޔާބެކެވެ. ހާއްސަކޮށް ހުވަދު އަތޮޅުގެ ދެ ބުރީގެ އަތޮޅު ކައުންްސިލްގެ ރައީސް ކަމެވެ. ގއ. އާއި ގދ. ގެ ރައީސުންނަކީ ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. އަތޮޅުތެރޭގައި އެމްޑީޕީގެ ސަޕޯޓް އެންމެ ބޮޑު ތިނަދޫ ކައުންސިލުން ވެސް ޕީޕީއެމްގެ ކެންޑިޑޭޓުން ވަނީ ފުރަތަމަ ފަހަރަށް ކުރި ހޯދާފައެވެ. އެ ކައުންސިލްގެ ހަތް ގޮނޑިން ތިން ގޮނޑި އެ ޕާޓީން ނެގި އެވެ. ގައްދޫގެ މެޖޯރިޓީ ވެސް އޮތީ ޕީޕީއެމަށެވެ.
މެދު އަތޮޅުތަކުން ޅ. އަތޮޅުގެ ރައީސް ކަަމާއި ނައިފަރުގެ އެންމެ ގޮނޑިއެއް ނޫނީ ހުރިހާ ގޮނޑިއެއް ދިޔައީ ޕީޕީއެމަށެވެ. ހިންނަވަރުން ކުރި ހޯދީ އެމްޑީޕީއެވެ. އެންމެ އުތުރުން ދިއްދޫގެ މެޖޯރިޓީ އެމްޑީޕީން ނަގާ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި ހޯރަފުށީގެ ހުރިހާ ގޮނޑިތަކެއް އެމްޑީޕީއަށެވެ. ނަމަވެސް އެމްޑީޕީގެ ވަރުގަދަ ލަޝްކަރެއް އޮތް އިހަވަންދޫގެ ސުޕަ މެޖޯރިޓީ ދިޔައީ ޕީޕީއެމުންނެވެ.
އަހަރު ދުވަހަށް ފަސްވި އިންތިހާބުން ނިކުތް ނަތީޖާތައް ކުރީ އިންތިހާބުތަކާއި ވަރަށްވެސް ތަފާތެވެ.