ވިޔަފާރި

ޑަބަލް ޑެކް ފެރީއާ އެކު އިތުރު ދެ ބަހުގެ ހިދުމަތް އެމްޓީސީސީން ފަށައިފި

Jun 25, 2015

ހުޅުމާލެ/ މާލެއަށް ޑަބަލް ޑެކްލީ ފެރީގެ ހިދުމަތާ އެކު މީހުންނާ އެކު ލަގެޖު ވެސް އުފުލާ ދެ ބަހުގެ ހިދުމަތް އެމްޓީސީސީން މިއަދު ފަށައިފި އެވެ.

އެމްޓީސީސީ ފެރީޓާމިނަލް "އެކްޕްރެސް ލައުންޖްގައި" ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އަބްދު ރައްޒާގު ހަލީމް ވިދާޅުވީ އެމްޓީސީސީން ދެމުން ގެންދާ ހިދުމަތް ތަރައްގީ ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، މި މަސައްކަތުގެ ދަށުން ތައާރަފުކުރާ ޑަބަލް ޑެކް ފެރީއަކީ ވެންޓިލޭޝަނާއި ސްޕީޑްވެސް ބާރުވާނެ ކަމަށެވެ.

"މިއަދު މި ތައާރަފުކުރަނީ އެމްޓީސީސީން ހިދުމަތް ދެމުން ގެންދާ ހުޅުމާލެ/ ހުޅުލެއަށް ބަހުގެ ހިދުމަތް. މި ހިދުމަތް ދިނުމަށް އިތުރު ދެ ބަސް މި ތައާރަފުކުރަނީ. މި ދެ ބަހަކީ މީހުންނާއި ލަގެޖުވެސް އުފުލައިދޭ ބަހެއް،" ހަލީމް ވިދާޅުވި އެވެ.

ހަލީމް ވިދާޅުވީ 45 މީހުންގެ ޖާގައިގެ މި ބަހުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަ ލިބިގެންދާނެ ކަމަށެވެ.

"މި ދެ ބަހުގެ ހިދުމަތް ފެށުމާއެކު ގަޑިއަކު އެއް ފަހަރު ދަތުރުކުރާނެ،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އަހަރު އިތުރު ހަތް ފެރީ ހިދުމަތް ނެރުމަށް ނިންމާފައިވާ ކަމަށެވެ. 

"ފެރީތަކުގައި ފަންކާ ހަރު ކުރުމުގެ މަސައްކަތް ވެސް މި ދަނީ ކުރަމުން. ރައްޔިތުންނަށް ހިތްހަމަ ޖެހޭ ފަދަ ހިދުމަތްތަކެއް ދިނުމަށް މިދަނީ މަސައްކަތް ކުރަމުން،" ހަލީމް ވިދާޅުވި އެވެ.