އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ގާތް ބޭފުޅަކު، ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
"ނޭޝަނަލް ރިފޯމް ޕާޓީ" ގެ ނަމުގައި މި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވަނީ ސ. ފޭދޫ އިނގުރުމާގޭ މުހައްމަދު ދީދީއެވެ. އޭނާއަކީ ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. ޝަހީމްއާއެކު ރަށަށް ވަޑައިގެން ކެމްޕެއިން ކޮށް ދެއްވި ބޭފުޅެކެވެ.
އެ ޕާޓީގެ އިތުރުން ވެސް އެހެން ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އިލެކްޝަން ކޮމިޝަންގައި ވަނީ އެދިފަ އެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "އަވަސް" އަށް ވިދާޅުވީ އާ ދެ ސިޔާސީ ޕާޓީއެއް ހެދުމުގެ ހުއްދަ އަކަށް އެކޮމިޝަނުގައި ދެ ފަރާތަކުން އެދިފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ ސެކްޝަނުން މިހާރު ކަންކަން ބަލަމުންދާ ކަމަށާއި، ކުރިޔަށް އޮތް ހަފްތާ ތެރޭ ދެ ޕާޓީ ހެދުމުގެ ހުއްދަ ދިނުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
އަލަށް ހެދުމަށް ދެން ހުށަހަޅާފައިވަނީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" އެވެ. ކަރިޝްމާ ޕާޓީ މޯލްޑިވްސް ހެދުމަށް ހުށަހަޅާފައިވަނީ މ. ކެލަމް މުހައްމަދު އިސްމާއިލް އެވެ.
އިލެކްޝަންސްގައި އާ ދެ ޕާޓީއެއް ހެދުމުގެ ހުއްދައަށް ހުށަހަޅާފައިވާއިރު ކުރީގެ ރައީސް އަބުދުﷲ ޔާމިން ވެސް ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފަ އެވެ.