ކޮންމެ މުނާސަބަތަކަށް ވެސް ކޭކެއް ދިނުން ނޫނީ ކޭކެއް ފަޅައިލުން ހަމަ ބަރާބަރެވެ. ނަމަވެސް މިހާރު އުފަންދުވަހާއި ބްރައިޑަލް ޝަވާސް އަދި ބޭބީ ޝަވާސް ފަދަ ހަފްލާތައް ފާހަގަކުރަން ކޭކެއް އެކަނި ކަމަކު ނުދެއެވެ. ކޮންމެވެސް ތީމަކާ ގުޅޭ ގޮތަކަށް ޑެޒާޓް ޓޭބަލެއް ވެސް ތައްޔާރުކޮށްފައި ހުންނަން ޖެހެ އެވެ. އެ ގޮތް ސަޅިވެސް މެއެވެ.
ޑެޒާޓް ޓޭބަލަކީ ކޭކައި އެކިކަހަލަ ފޮނި ކާއެއްޗިސް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ހާއްސަ ސުފުރާ އެކެވެ. ޑެސާޓް ޓޭބަލްގައި އާއްމުކޮށް ކޭކާއި ކްކީ އާއި ކަޕްކޭކާއި ޑޯނަޓް އަދި މެކަރޫންސް ހިމަނާފައި ހުރެ އެވެ.
ކުޑަކުދިންގެ ޕާޓީން ފެށިގެން ވެޑިންގް ޕާޓީތަކަށް ވެސް މިހާރު މީހުން އިހްތިޔާރު ކުރަނީ އެ ގޮތެވެ. މާލެއާއި ހުޅުމާލޭގައި ވަރަށް ފުޅާކޮށް ކޭކް ވިޔަފާރިއެއް ހިންގާ ނަޝީކޭކްސްއިން ވެސް ބުނަނީ އެހެނެވެ. މިފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ ޑެޒާޓް ޓޭބަލްތަކުގެ އަގަކީ 2000ރ. އިން ފެށިގެން މައްޗަށް ބޮޑެތި ފަލަ އަގުތަކެވެ.
ވެޑިންކޭކްސް އަށް ބަލާއިރު މިދުވަސްކޮޅު މުޅިންވެސް ހިނގަނީ ނޫޑް ކޭކައި ރަސްޓިކް ތީމަށް ހުންނަ ފްލޯރަލް ކޭކެވެ. މި ކޭކްތަކަކަށް އިތުރު ފުރިހަމަ ގެނެސްދެނީ ވެޑިން ޕާޓީއަށް ހާއްސަކޮށްގެން ތައްޔާރު ކުރާ ޑެޒާޓް ޓޭބަލުންނެވެ.
ކުރިން ގޮތް ބޮޑުކޮށް ހުންނަ ކޭކް، ވެޑިންތަކުގައި ހިނގިޔަސް މިހާރު ހިނގަނީ ސިމްޕަލް މިނިމަލް ކޭކްތަކެވެ. ވެޑިން ޕާޓީއަކަށް ގޮސްފިނަމަ މިހާރު މި ޑެޒާޓް ޓޭބަލުގެ ފޮޓޯއެއް އިންސްޓަގްރާމާއި ސެނެޕްޗެޓަށް ނުލައި އެކަކަށްވެސް ހިތްހަމައެއް ނުޖެހެ އެވެ.
އުފަންދުވަހުގެ ކޭކަށް ބަލާއިރު މިއީ ކޮންމެ ތީމަކަށް ނުވަތަ ކޮންމެ ފޮޓޯއެއް ޖަހާލައިގެން ވެސް ކޭކެއް އަޅާލެވޭ ދުވަސްވަރެވެ. އެހެންނަމަވެސް، އަންހެންކުދިންގެ ޕާޓީތަކުގައި "ޔުނިކޯން" ކޭކު ވަރަށް ހިނގައެވެ. ގިނަ ކުޑަކުދިންގެ ޕާޓީތަކުން ބަޓާ ކްރީމުން ހަދާފައި ހުންނަ ޔުނިކޯން ކޭކެއް ނުފެނި ނުދާނެއެވެ. މީގެ އިތުރުން "މާމެއިޑް" ތީމަކީވެސް ހިޓެކެވެ. ފިރިހެން ކުދިންނަށް މިދުވަސްކޮޅު "މައިންކްރާފްޓް" ކޭކް ވަރަށް ކަމުދެ އެވެ.
ބްރައިޑަލް ޝަވާސް އަށާއި ބޭބީ ޝަވާސްއަށް އެންމެ ހިނގަނީ ވަރަށް ސިމްޕަލްކޮށް ހުންނަ މިނިމަލް ކޭކެވެ. މިކޭކްތަކަށް އިތުރު ރީތި ކަމެއް ގެނައުމަށް ކޭކް ޓޮޕާސް އަކީވެސް މިހާރު ކޮންމެހެން ހުންނަން ޖެހޭ އެއްޗެއްކެވެ. ކޭކު ހަދާ މީހުން ގްރެފިކް އާޓިސްޓުން ލައްވާ ހާއްސަ ކޭކް ޓޮޕާސް ހައްދަ އެވެ. އެހެންވެ ބްރައިޑަލް ޝަވާސް އަދި ބޭބީ ޝަވާސްތަކުގައި ވެސް ޑެޒާޓް ޓޭބަލެއް ހުރުމުން އިތުރަށް ފުރިހަމަވެގެން ދެއެވެ.
ދެން އޮތީ ކޭކްގެ ފްލޭވާ އެވެ. ގިނަ މީހުންނަށް އަދިވެސް ކަމުދަނީ ކުޑަކުދިންގެ އުފަންދުވަހަށާއި ވެޑިންއަށް ބަޓަ ކޭކެވެ. އެކަމަކު ޒުވާނުންގެ މެދުގައި އަދި ބްރައިޑަލް / ބޭބީ ޝަވާސްތަކަށް ގެންދަނީ ގިނައިން ޗޮކްލެޓް ކޭކެވެ.
ނަޝީކޭކުން ބުނާ ގޮތުގައި އެ މީހުން ތައްޔާރު ކުރާ ޑެޒާޓް ޓޭބަލު ތަކުގައި ކޮންމެހެންވެސް ޑޯނަޓް ހިމަނަން މީހުން އެދެ އެވެ.
އަގުބޮޑު ކޭކްތައް ގަންނަ މީހުން ބުނަނީ ކަސްޓަމަރުން އެދޭ ޑިޒައިނަށް ކޭކެއް ތައްޔާރު ކުރާއިރު ރަހަ އާއި ކޭކުގެ ޓެކްސްޗާވެސް އެހާ މުހިއްމެވެ. ރަހަ މީރު ނޫންނަމަ އަގު ބޮޑުކޮށް ހައްދާ ކޭކު އެންމެ ފަހުން ކާނެ މީހެއް ނުވެ ފްރިޖުގައި ބަހައްޓަ ބަހައްޓާފައި އެއްލާލަން ޖެހޭފަހަރު މަދެއް ނޫނެވެ. ހަމައެއާއެކު ޑެޒާޓް ޓޭބަލްގައި ހިމަނާ ތަކެތި ވެސް ބަލާށާއި ފޮޓޯއަށް ރީތީވާ ވަރަށް އަނގައަށް ވެސް މީރުވާންވާނެ އެވެ.