ވިޔަފާރި

ދިޔަނެރުގައި ސަފާރީ ބަނދަރެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި

Jun 28, 2015

ރާއްޖޭގެ ސަފާރީތަކަށް  ކ. ދިޔަނެރުގައި ބަނދަރެއް ތަރައްގީ ކުރަން  ސަރުކާރުން އެމްޕީއެލްއާ ހަވާލުކޮށްފައިވާ ކަމަށް ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ އިން ބުނެފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުންގެ ޖަމިއްޔާ (ލޭމް) ގެ އާ ބޯޑުން އިކޮނޮމިކް މިނިސްޓްރީއާ މިއަދު ބައްދަލު ކުރުމަށްފަހު، އެ ޖަމިއްޔާގެ ރައީސް ހަސަން ހަލީމް ވިދާޅުވީ ސަފާރީ ބަނދަރެއް ހޯދުމުގެ މައްސަލާގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ މިއަދު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި މި މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި މި ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށެވެ.

ލޭމްގެ ރައީސް ހަސަން ވިދާޅުވީ ސަރުކާރުގެ ކުންފުންޏަކުން މި ބަނދަރު ހެދުމަކީ މާރަނގަޅު ގޮތެއް ކަމަށެވެ.

"މިއީ ވަރަށް ޒަމާން ވަންދެން މަސައްކަތް ކުރަމުން ގެންދާ ކަމެއް. މިއީ ލިބުނު ކާމިޔާބީއެއް،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ސަފާރީ ބަނދަރުގައި ބައެއް ޓެކްނިކަލް ކަންތައްތައް ހިމެނުމަށް އެމްޕީއެލްއާ ގުޅިގެން ކުރިއަށް ދިއުމަށް މިނިސްޓަރު ސައީދު އެދިވަޑައިގެންފައިވާ ކަމަށެވެ.

ހަލީމް ވިދާޅުވީ ސަފާރީ ބަނދަރުގެ މައްސަލައިގެ އިތުރުން ސަފާރީ ބަންނަން ރާއްޖެ އެތެރެކުރާ ބާވަތްތަކުގެ ތެރެއިން ބައެއް އެއްޗިހިން ޑިއުޓީ މައާފުކޮށް ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރި ކަމަށެވެ.