ރިޔާސީ އިންތިހާބަށްފަހު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދެމެދު އޮންނަ މުއްދަތަކީ އަބަދުވެސް ރާއްޖޭގެ ސިޔާސީ މައިދާން ގިނަ ބަދަލުތަކެއް އަންނަނަ ދުވަސްތަކެކެވެ. ކޮންމެ ބަޔަކުވެސް މަޖިލީހުގައި އެ ބަޔަކަށް ގިނަ ގޮނޑި ހޯދޭނެ ފޯމިއުލާތައް ހޯދަން އަވަސްވެގެން އުޅެ އެވެ. މިފަހަރު ވެސް ފެނިގެން ދަނީ ހަމަ އެ މަންޒަރެވެ. އެއާއެކު ވެރިކަމަށް އައި ބިޔަ ކޯލިޝަންގެ ބިކަވަމުންދާ މަންޒަރު މިދަނީ ފެންނަމުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ކޯލިޝަން އެކުގައި ނުނުކުންނާނެކަން އެއީ މިހާރު ގާތްގަނޑަކަށް ކަށަވަރުވެފައިވާ ކަމެކެވެ. އެމްޑީޕީއިން ވަނީ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަށް ކެންޑިޑޭޓުން ހޮވައި ނިންމާފަ އެވެ. ކޮންމެ ގޮތެއް ވިޔަސް އެމްޑީޕީއިން އެ 86 ކެންޑިޑޭޓުން ނެރޭނެ އެވެ. އެ ކެންޑިޑޭޓުންނަށް ކޯލިޝަން ލީޑަރު މައުމޫން އަބްދުލްގައްޔޫމް މަރުހަބާ ވެސް ވިދާޅުވި އިރު ފެނުނީ ބިޔަ ބޮޑު ކޯލިޝަންގެ އަނެއް ލީޑަރު ގާސިމް އިބްރާހިމްގެ މޭނުބައިވި ތަނެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރަމުންދަނިކޮށް ގާސިމް ބޮޑު ނިންމުމެއް ނިންމެވި އެވެ. އެމްޑީޕީއާ ވަކިވެ، އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދާށެވެ. ހުރިހާ ފަރާތްތަކާ ވެސް ވާހަކަ ދައްކަން ޖުމްހޫރީ ޕާޓީ އޮތީ ތައްޔާރަށް ކަމަށް ވިދާޅުވެ އެވެ. މާނައަކީ އޭގެ ތެރޭގައި ޕީޕީއެމް އާއި ކޮންގްރެސް ޕާޓީގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމްޓީޑީ ވެސް ހިމެނޭނެ އެވެ.
ސުވާލަކީ އެމްޑީޕީގެ ޕްރައިމަރީއާ ހަމައިން ޖުމްހޫރީ ޕާޓީއަށް މިވީ ކީއް ހެއްޔެވެ؟ އެ ޕާޓީން އަނިޔާވެރި ކަމަށް ބުނި ސަރުކާރުގެ ރައީސް ޔާމީނާއެކު ކުރިޔަށްދާ ވަރަށް ކަންކަމަށް އަސަރު ކުރީ ކީއްވެ ހެއްޔެވެ؟
"ފާހަގަވާނެ، ކޯލިޝަން ރޫޅިއްޖެ ކަމަށް ގާސިމް ވިދާޅުވީ، އެމްޑީޕީ އިންތިހާބުގެ ނަތީޖާ ނުކުމެ ރައީސް މުހައްމަދު ނަޝީދަށް ވެސް ޓިކެޓް ލިބުން ފަހުން، ރައީސް ނަޝީދު މަޖިލީހަށް ވަޑައިގެންނެވުމަކީ ގާސިމް އެންމެ ބޭނުންވާ ކަމަކަށް ވާނެ ކަމަށް ގަބޫލެއް ނުކުރަން، ދެ ބޭފުޅުންނަކީ ވެސް މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިވާނެ ދެ ބޭފުޅުން، ރައީސް ކަމަށް ވާދަކުރައްވާނީ އެ ދެ ބޭފުޅުން،" ރާއްޖޭގެ ސިޔާސީ މައިދާން އެނަލައިޒް ކުރައްވާ ބޭފުޅަކު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވި ގޮތުން ކޯލިޝަން ރޫޅައިލީ އެމްޑީޕިއިންނެވެ. ކަންކަން ހިނގައިދާ ގޮތުން ގުޅިފައިވާ ޕީޖީ ގުރޫޕް ރޫޅިދާނެ ކަމަށް އެމްޑީޕީއިން މިދިއަ ހަފުތާގައި އިންޒާރެއް ކުރި އެވެ. އެކަމަކު އެމްޑީޕީގެ ޕްރައިމަރީގެ ވޯޓް ގުނަނިކޮށް އެ ގުރޫޕް އެއީ އޮތް ގްރޫޕެއްތޯ ސުވާލު އުފެދޭ ކަމަށް ގާސިމް ވިދާޅުވެ މީހުން ސިއްސުވައިލި އެވެ.
އެއާއެކު ގާސިމް ވިދާޅުވަނީ "ޖުމްހޫރީ ޕާޓީއަށް މިފަހަރު ވެސް ޖެހުނީ އެމްޑީޕީއަށް ވެރިކަން ދިނުމަށްފަހު ސަލާން ޖަހަން" ނުކުންނާށެވެ.
މީގެ ކުރީ ދެ ރިޔާސީ އިންތިހާބުގައި ވެސް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު އެމްޑީޕީ އަދި ޕީޕީއެމް ވެރިކަމަށް އަ އެވެ. މަޖިލިސް އިންތިހާބަށް 2009 ވަނަ އަހަރު ދިޔައިރު އެމްޑީޕީއާއެކު އޮތް ކޯލިޝަން ރޫޅުނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްފަހު ޕީޕީއެމްއާއެކު، ކޯލިޝަން ރޫޅުނެވެ. ނަމަވެސް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ މިއީ ކޯލިޝަންގެ ސަރުކާރެކޭ އެވެ. އެހެންވީއިރު ޖުމްހޫރީ ޕާޓީ ސަލާން ޖަހަން މަގު މައްޗަށް ނުކުންނަން އަދި ޖެހިއްޖެ ހެއްޔެވެ؟
"އަޅުގަނޑަކަށް ނުފެނޭ މައްސަލަ އުޅޭ ތަނެއް، އެހެން މި ދެންނެވީ ސަރުކާރުގެ މަސައްކަތް އެއޮއް ކުރިއަށް ދަނީ، ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުން ވެސް އައްޔަން ކުރައްވައިފި ރައީސުލްޖުމްހޫރިއްޔާ، ދައުލަތުގެ ހަމަ މަތީ މަގާމުތަކަށް، ސްޓޭޓް މިނިސްޓަރުންނަށް، އަޅުގަނޑަކަށް ހަމަ ނުފެނޭ މައްސަލަތަކެއް އުޅޭ ތަނެއް ކޯލިޝަންގެ ތެރޭގައި،" އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެ އެވެ.
މިހާރު ވެސް ސަރުކާރުގެ ވަރަށް އިސް މަގާމުތަކާއި އިސް ވުޒާރާތައް އޮތީ ޖުމްހޫރީ ޕާޓީއަށެވެ. ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ހެލްތް މިނިސްޓްރީ އާއި ސައިންސް މިނިސްޓްރީ އަދި އިމިގްރޭޝަން ފަދަ ވަރަށް މުހިންމު ތަންތަނުގެ ވެރިންނަކީ އެ ޕާޓީގެ ބޭފުޅުންނެވެ. އެހެން ގިނަ ތަންތަނުގެ ނައިބުންނާއި ޑެޕިއުޓީއިންނަށް ވެސް އެ ޕާޓީގެ ގިނަ އަދަދެއްގެ ބޭފުޅުން އެބަ ތިއްބެވި އެވެ. ގޮތަކަށް ބުނާނަމަ ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުނު އެއްވެސް މީހަކަށް މި ސަރުކާރުން ވަޒީފާ ނުލިބިއެއް ނެތެވެ.
"އެމްޑީޕީއިން ޖުމްހޫރީ ޕާޓީ ނެރެ އެއްލާަލައި ސަލާން ޖަހަން ޖައްސުވައިފި ކަމަށް ބުނުން ހަމައެއް ނުޖެހޭ، އަދިވެސް ކޯލިޝަން ސަރުކާރު މިއޮތީ އެއްކޮށް، ސަރުކާރުގެ ކަންކަމުގައި ޖުމްހޫރީ ޕާޓީ ބާކީއެއް ނުކުރޭ، ކޯލިޝަން ހެދީ ވެސް ރައީސް ޔާމީންގެ ސަރުކާރު ނިންމަން، އެކަން ކޯލިޝަނުން ކުރި، އެއްބަސްވުމަކީ އެއީ،" ކޯލިޝަން މެންބަރަކު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީ ނޫނީ ގާސިމް އިބްރާޙިމަށް މައްސަލައަކަށްވީ އަހުދާއި ވައުދު އުވާލުމެވެ. އެެއީ އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށް ނިންމުމެވެ. އެ ސަބަބާހުރެ ކޯލިޝަން ރޫޅެން ދިމާވި ނަމަވެސް ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒުގެ ވިސްނުން އެކަމުގައި ތަފާތެވެ.
ރިޔާޒު ވިދާޅުވެފައިވާ ގޮތުގައި އެމްޑީޕީއިން ގިނަ ގޮނޑި ކާމިޔާބު ކުރުމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތަކީ ކޯލިޝަނަށް ހިޔަނި އެޅޭނެ ކަމެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އެއީ ކޮންމެ ޕާޓީއަކުން ވެސް މަސައްކަތް ކުރާނީ އެ ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބޭނެ ފޯމިއުލާއަކަށްވާތީ އެވެ.
"ރައީސް ނަޝީދުގެ އޮންނާނެ އެމްޑީޕީއަށް ގިނަ ގޮނޑި ހޯދުމުގެ ވިސްނުން، އެ ގަބޫލު ކުރަން، މައްސަލައެއް ވެސް ނެތް، އަޅުގަނޑުމެން ޖުމްހޫރީ ޕާޓީއިން ވެސް ބޭނުންވާނެ މެކްސިމަމް ގޮނޑި ލިބޭނެ ގޮތަކަށްވުން، އެހެން ޕާޓީތަކުގެ ވެސް އެ ވިސްނުން ހުންނާނެ،" ރިޔާޒު ވިދާޅުވެ އެވެ.
އެކަމަކު، އޭނާ ގަބޫލުކުރައްވާ ގޮތުގައި ފައިދާ ބޮޑީ އަދި ރަނގަޅު ނަތީޖާއެއް ވެސް ނެރެވޭނީ ކޯލިޝަންގެ ޕާޓީތައް އެކުގައި ނުކުމެގެނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެއީ އެއްބަސްވެސް ވެފައިވާ ކަމެކެވެ. މަޖިލިސް އިންތިހާބުގައި ގުޅިގެން ކުރިއަށް ދިޔުމަށް އެއްބަސްވުމެއްވާ ކަމަށް އެހެން ޕާޓީތަކުން ގަބޫލު ކުރިޔަސް އެމްޑީޕީ އެކަން ގަބޫލެއް ނުކުރެ އެވެ.
ރައީސް ސޯލިހުގެ ތަރުޖަމާނު ވެސް ވަނީ ހަތަރު ލީޑަރުންގެ އެފަދަ އެއްބަސްވުމެއް ނޯންނާނެ ކަމަށް ވިދާޅުވެފަ އެވެ. ކޯލިޝަންގެ އެހެން އެއްބަސްވުންތަކަކީ ހަތަރު ލީޑަރުން އެއްބަސްވެފައިވާ އެއްބަސްވުން ތަކެކެވެ. ނަމަވެސް މަޖިލީހާ ގުޅޭ އެއްބަސްވުމުގައި ރައީސް މައުމޫން ސޮއެއް ނުކުރައްވަ އެވެ. އެހެންކަމުން އެއީ ކޯލިޝަން އެއްބަސްވުމަކަށް ނުވާނެ ކަމަށް އެމްޑީޕީއިން ބުނެ އެވެ.
ދެން އޮތީ އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމުން ޖުމްހޫރީ ޕާޓީއަށް އޮތް ގެއްލުމުގެ ވާހަކައެކެވެ. އެ ޕާޓީއިން ބުނާ ގޮތުގައި ޖުމްހޫރީ ޕާޓީއަކީ ވެސް ތާއީދު އޮތް ގާބިލް ކެންޑިޑޭޓުން ވެސް ގިނަ ޕާޓީއެކެވެ. އެހެންކަމުން އެއީ ވެސް މަޖިލިސް އިންތިހާބުގައި ބައެއްގެ ކޮނޑަށް އަތްލައިގެން ނޫނަސް ނުކުމެވޭނެ ޕާޓީއެކެވެ. އެ ޕާޓީގެ ކެންޑިޑޭޓުން ނެރެ ކެމްޕެއިން ކުރާނެ ގާބިލްކަން ހުންނާނެ އެވެ. މިފަހަރު ޖުމްހޫރީ ޕާޓީވެސް ވަކިން ވާދަ ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތަށް ވެދާނެ ނޫން ހެއްޔެވެ؟ އެ ޕާޓީއަށް ކޯލިޝަނަކީ ހިތި އެއްޗެއްކަމަށް ވެފައިވާއިރު ކޯލިޝަނާ ދިމާލަށް އަބަދު ދާން ޖެހޭތޯ އެއީ ވެސް އުފެދޭ ސުވާލެކެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބަށް އެކުގައި ނުކުތުމަށް މަޝްވަރާތަކެއް ކުރި ނަމަވެސް އޭގައި ގޮތެއް ނުނިންމި މިހާ ހިސާބަށް އާދެވުމުން އެއީ އެހެން މަރުހަލާއަކަށް ދެވުނީ އެވެ. އެހެންވެ ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ވަކިވަކި ވާދަ ކުރުމަށްފަހު އެ ޕާޓީއަކަށް ކާމިޔާބު ކުރެވުނު އެންމެ ގިނަ ގޮނޑިތަކަކާއެކު މަޖިލީހަށް ވަދެ، ކޯލިޝަން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރުމަކީ ހަމަ އެންމެ ރަނގަޅު ގޮތެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.
މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ކޯލިޝަން ތެރޭގައި ހިފި އަލިފާން ހުޅު ބޮޑު އަލިފާންގަނޑަކަށް ބަދަލުވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ހުށަހެޅުއްވި އިސްލާހަކުނެވެ.
އޭނާއަކީ ޖުމްހޫރީ ޕާޓީއަށް މިފަހުން ސޮއި ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހުށަހެޅުއްވީ ކުރީގެ ރައީސުންނަށް މަޖިލިސް މެންބަރުން ކަމަށް ނާދެވޭ ގޮތް ހަދާށެވެ. ސީދާ ރައީސް މުހައްމަދު ނަޝީދަށް މަޖިލީހުގެ ދޮރު ބަންދު ކުރާށެވެ. އެކަމާ ލީޑަރުންގެ ތެރެއިން ނުސީދާ ގޮތެއްގައި ވެސް ދެކޮޅު ހެއްދެވީ ރައީސް މައުމޫނެވެ.
އާންމުކޮށް ކަންކަމުގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާޑުވިދާޅުވާ ގާސިމް އިބްރާހިމް އެ އިސްލާހާމެދު މިހާތަނަށް އެއްޗެއް ވިދާޅުވެއް ނުވެ އެވެ. ނަމަވެސް ގާނޫނު އަސާސީއާ ހިލާފު އެއްވެސް ކަމެއް ކުރުމަށް އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒުގެ އެންގެވުމުން ލަތީފް އިސްލާހު ނުނެންގެވި އެވެ. އެ އިސްލާހުގެ ފަހަތުގައި އިސް ބޭފުޅުންގެ އަތްތަކެއްވާ ކަމަށް ތުހުމަތު ކުރެވެނީ އެހެންވެ އެވެ.
"ގަބޫލު ކުރެވޭ ގޮތުގައި ލަތީފްގެ އިސްލާހަކީ ދެއްކި ބިރެއް، އެމްޑީޕީއަށް، އެ ޕާޓީއިން ހުރިހާ ދާއިރާއަކަށް ވާދަކޮށް އެހެން ޕާޓީގެ މީހުންނަށް ފާޑު ކިޔާނަމަ ބާރު އޮތީ ތިމަންނަމެން އަތުގަކަން ދައްކާލުމަށް، މިހާރު ވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އެކުވެއްޖެނަމަ، އިސްލާހު ފާސްވުމުގެ ފުރުސަތު ބޮޑު، އޭރަށް ނަޝީދަށް ދޮރު ބަންދުވީ، އެކަމަކު އެ ބިރަށް އެމްޑީޕީ ސިހޭ މަންޒަރެއް ނުފެނުނު ޖުމްހޫރީ ޕާޓީ އެމްޑީޕީއާ ދުރަށްދާން ފާޅުގައި ނިންމީ އެހެންވެ ކަމަށް ގަބޫލު ކުރެވޭ،" ކޯލިޝަންގެ މެންބަރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީއިން ވަނީ މަޖިލީހުގައި އަތްގަދަކޮށްފަ އެވެ. އެމްޑީޕީއަށްވުރެ ޖުމްހޫރީ ޕާޓީގެ މެންބަރުން މިހާރު ގިނަ އެވެ. ޕީޕީއެމްގައި ވެސް އެވަރަށް މެންބަރުން އެބަތިއްބެވެ.
އެކަމަކު އެ އިސްލާހު ފާސް ކުރުމަކީ ޖުމްހޫރީ ޕާޓީގެ މެންބަރުން ބޭނުންވާ ކަމެއް ނޫންކަން ބައެއް ބޭފުޅުންގެ ވާހަކަތަަކުން އެނގެ އެވެ. އެގޮތުން އެކަމާ ދެކޮޅަށް އަބްދުﷲ ރިޔާޒު ވާހަކަ ދައްކަވާފައިވާއިރު އޭނާ އިސްވެ ހުންނަވައި އެ އިސްލާހު ފާސް ކުރުމަށް މަސައްކަތެއް ކުރައްވަފާނެ ކަމަކަށް ނުބެލެވެ އެވެ.
އެ ޕާޓީއަށް ނިސްބަތްވާ މެންބަރު އަލީ ހުސެއިން ވެސް ވަނީ އިސްލާހާ ދެކޮޅު ހައްދަވާފަ އެވެ. އިސްލާހާ ދެކޮޅު ހެއްދެވުމުގެ އިތުރަށް ރައީސް ޔާމީންއާ ކޯލިޝަން ހެދުމަކީ ވެސް އެ ޕާޓީގެ ބައެއް މެންބަރުންނަށް އޮޕްޝަނެއް ނޫނެވެ.
ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މެންބަރު އަބްދުﷲ އަހުމަދު ވިދާޅުވި ގޮތުގައި މާޒީ ހަނދާން ނައްތާލައިގެން ނުވާނެ އެވެ. އަދި، "އަނިޔާވެރިކަމާ" ބައިވެރިވެ މަަސައްކަތް ކުރުމަކީ "ޗޮއިސް" އެއް ނޫން ކަމަށް އޭނާ ވިދާޅުވެ އެވެ. ރައީސް ޔާމީނަކީ އަނިޔާވެރި ބޭފުޅެއް ކަމަށް އެންމެ ގަދައަށް ވިދާޅުވި ބޭފުޅަކީ ގާސިމެވެ. ކާޅަށް ކޮށައި ކާން ދިނަސް ރައީސް ޔާމީންއާ ނުގުޅޭނެ ކަމަށް ވިދާޅުވީ އެމަނިކުފާނެވެ.
އެހެންވީއިރު މަޖިލިސް އިންތިހާބަށް ރައީސް ޔާމީންއާއެކު، ގާސިމް ކޯލިޝަން ހަދައިފިނަމަ އެއީ ރައްޔިތުން ބަލައިގަނެދާނެ ކަމަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދެ އެވެ. އެހާ ހިސާބުން ސަރުކާރު ކޯލިޝަން ރޫޅުނީ އެވެ. ސުވާލަކީ ޖުމްހޫރީ ޕާޓީ ނުރޫޅި އޮންނާނެ ހެއްޔެވެ؟ ރައްޔިތުން އެ ޕާޓީގެ ފަހަތުގައި އޮންނާނެ ހެއްޔެވެ؟