ހަބަރު

ދީނީ ކަންކަން ހައްލު ކުރުމަށް އިންޓެލިޖެންސާއި، ކައުންޓާ ޓެރަރިޒަމްގެ އެހީ ހޯދަން ނިންމައިފި

ސޯޝަލް މީޑިއާގައި ދީނާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސް ކަމަށް ހައްލެއް ހޯއްދުމަށް، އިންޓެލިޖެންސާއި، ކައުންޓާ ޓެރަރިޒަމްގެ އެހީ ހޯދަން ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ މާތްވެގެންވާ އިސްލާމްދީނަށް އިހާނެތިކަން ރައްދުވާ ގޮތަށް މިހާރަކަށް އައިސް ދެކެވޭ ވާހަކަތަކާއި ހިނގަމުންދާ ކަންތައްތަކަށް ހައްލެއް ހޯދުމަށް އެކުވާލެއްވި ކޮމިޓީއިން، ރައީސް އޮފީހުގައި ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި، އެކަމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ގާނޫނު އަސާސީއާއި އިއްތިހާދުގެ މެނިފެސްޓޯގައި ވާފަދައިން މާތްވެގެންވާ އިސްލާމްދީނާއި އެ ދީނުގެ ވަހުދަތަށް ބުރޫއަރާފަދަ ކަމަކަށް އަދި އަނިޔާވެރި ކަމާއި، ފަސާދަ އުފެދޭނެ އެއްވެސް ކަމަކަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް އޮފީހުން ބުނީ މިހާރު އުފެދިގެން އުޅޭ ނުތަނަވަސްކަން ހައްލު ކުރުމުގައި ކޮމިޓީގައި ހިމެނޭ ވުޒާރާތަކުގެ އިތުރުން ނެޝަނަލް ސެންޓަ ފޯ ކައުންޓާ ޓެރަރިޒަމާއި، ޕޮލިސް އިންޓެލިޖެންސްގެ އިރުޝާދާއި އެހީތެރިކަން ހޯދަން އެ ކޮމިޓީއިން ނިންމާފައިވަ ކަމަށެވެ.