މިއީ ތިމާވެއްޓާ ތިމާގެ މަންމަ!

އަހަރެމެނަށް ތެޅެނީ އަނގައެކެވެ. ދުނިޔެއަށާއި ތިމާވެއްޓަށް މާ ލޯބި ކުރާ ކަމަށް ހެދިގެން އުޅޭ އިރު ތިމާވެއްޓަށް އެއް ކަމެއް ވެސް ކޮށެއް ނުދެވެ އެވެ. އެކަމަކު މި މަރިޔަމް ލުޖެއިން ހަސަން އަހަރެމެނާ މުޅީން ތަފާތެވެ. އުމުރުން 24 އަހަރުގެ މި ލުޖެއިން އަކީ ޒުވާން މަންމައެކެވެ. އަދި ކޮބައި ދެ މަހާއި 14 މަހުގެ ތުއް ދެ ކުދީންގެ މަންމައެކެވެ. އަދި އެއް ނޫނެވެ. މި މަންމައަކީ އަހަރެމެންހެން ތިމާވެއްޓަށް ހެޔޮ އެދިގެން އަނގަ ތަޅާ މަންމައެއް ނޫނެވެ. ހަމަ އަސްލަށްވެސް ލުޖެއިން ތިމާވެއްޓާއި ރަށްޓެހީ އަމަލާއި ބަހުންނެވެ.

ހައިރާން ވެދާނެ ވާހަކައެއް ބުނަން ހެއްޔެވެ؟ މިއޮއް ޒަމާނުގައި ލުޖެއިން އޭނާގެ ދެ ކުދިންނަށް ވެސް ބޭނުން ކުރަނީ މުޅީން ފޮތި ނެޕީއެވެ. ލުޖެއިންގެ ފޮތި ނެޕީގެ ޖާނީ ހިއްސާކޮފާނަންތޯ އަހައިލަން މި ހަދާލަނީ "ކޮފީ ވިތު ލުޖެއިން" އެވެ. މި ކޮފީގައި ތިބެ، ލުޖެއިންގެ ދަބަހުން ދަމާ ނެރުނު ތަފާތު ވައްތަރުގެ ފޮތި ނެޕީ ތަކަކާ ހަމައިން މި ވާހަކަ ފަށަމާ ހިނގާށެވެ.

ލުޖެއިން އޭނާގެ ކުދިން ޖައްސަން ބޭނުން ކުރާ ނެޕީއަކީ އާއްމުކޮށް ފެންނަ ޑިސްޕޯސަބަލް ނެޕީއާ ތަފާތު ފޮތި ނެޕީ އެވެ. މި ފޮތި ނެޕީއަކީ ދޮވެލައިގެން އަލުން ބޭނުން ކުރެވޭނެ ނެޕީތަކެކެވެ. ހަރަދު ކުޑަ ތިމާވެއްޓާ ތިމާގެ ނެޕީތަކެވެ.

"އަޅުގަނޑުގެ ހަގުދަރިފުޅަށް ދުވަހަކުވެސް ޑިސްޕޯސަބަލް ޑައިޕާ އެއް ބޭނުން ނުކުރަން. ދޮށީ ދަރިފުޅު ވެސް ހޮސްޕިޓަލްގައި އޮއްވާ ފޮތި ނެޕީ ދިނުމުން ނަރުހުން ޑިސްޕޯސަބަލް ޑައިޕަރަކަށް އެދުމުން ފުރަތަމަ ނިއުބޯން ސްޓޭޖްގައި 10 ވަރަކަށް ފަހަރު ޑިސްޕޯސަބަލް ޑައިޕާ ބޭނުންކުރި ގޮތަށް އޭގެ ފަހުން ދުވަހަކު ވެސް ނުކުރަން،" ލުޖައިން ބުންޏެވެ.

މި ޒުވާން މަންމަ ބުނާ ގޮތުގައި ޑިސްޕޯސަބަލް ނެޕީއިން ތިމާވެއްޓަށް ކުރާ އަދި ކުރާނެ ނޭދެވޭ އަސަރާމެދު އޭނާއަށް ފިކުރު ކުރެވެ އެވެ. އަދި އޭނާ މާބަނޑުވި ދުވަހުން ފެށިގެން އެންމެ ފުރަތަމަ ހެދި ރިސާޗަށްވީ ވިހައިގެން ދަރިފުޅު ޖައްސާނީ ކޮންކަހަލަ ނެޕީއެއް ތޯ ބަލަން ކުރި ރިސާޗެވެ.

ލުޖެއިން އާނާގެ ދެ ކުދިންނާއެކު މިވަގުތު ގޭގައި މަޑުކޮށްލައިގެން ހުއްޓަސް އޭނާއަކީ ޑައިވް އިންސްޓްރަކްޓަރެކެވެ. ދިރިއުޅުން އޮންނަނީ ކަނޑުގަ އެވެ. ނެޕީއާމެދު އޭނާގެ ބުއްދިއަށް ފެންނަ ރަނގަޅު ގޮތް ހޯދަން ވިސްނެން ފެށުނީ ވެސް އެހެންވެ އެވެ.

"ފީނާއިރު މޫދުއަޑިން ވެސް ވަރަށް ގިނައިން ފެނޭ ބޭނުންކޮށް އެއްލާލާފައި ހުންނަ ނެޕީތައް. އެހެންވެ އަޅުގަނޑާ އަޅުގަނޑުގެ ދަރިންގެ ފަރާތުން ވެސް ތިމާވެށީގެ މައްސަލަތަކަށް އިތުރަށް ގޯސްވިޔަ ނުދީ އިތުރު ކުނިތަކެއް ނުއުފައްދައި އިކޮލޮޖިކަލް ފުޓްޕްރިންޓް ކުޑަ ކުރެވޭނެ ގޮތަކާމެދު ވިސްނަމުން ގޮސް ނިންމުނީ ފޮތި ނެޕީ ބޭނުން ކުރަން،" އޭނާ ބުންޏެވެ.

ކުރިޔާ ހިލާފަށް މި ޒަމާނުގައި ފޮތި ނެޕީ ހަދާފައި ހުންނަނީ ހަމަ ހަތަރެސްކަން ފޮތިގަނޑެއް ނޫނެވެ. ބަލައިލަން ވެސް ރީތި އަދި ޖަހަން ފަސޭހަ ގޮތަށް ޕްރީފޮލްޑްސް ލެންބުމެއް ވެސް ގެނެސްދީގެނެވެ.

"ހަމަ އެހެން ނެޕީ ދަތި ޖަހާގޮތަށް ލަންބަލާފަ ފާސްޓްނާ އެއް ލައްވާލަނީ. ބަނޑުބޮޑުވެގެން ހަތް މަހުގައި އޮންލައިންކޮށް މި ނެޕީ ގަތީ... ދެން މި ހުންނަނީ ނެޕީ ކަވަރުތަކެއް. މިއަށް ޖެހެނީ ހަމަ ކޮޓަން ފޮތިގަނޑެއް ލައްވާލަން. އަދި ކަވާސް ހަދާފައި މި ހުންނަނީ ލީކްނުވާ ކަހަލަ މެޓީރިއަލްއަކުން، ޕީޔޫއެލް އާއި ވޫލް އިން ހުންނަނީ،" ލުޖެއިން ކިޔައި ދިނެވެ.

ބުނަން ބޭނުމީ ހޮސްޕިޓަލް ތަކުން މާބަނޑު މީހުނަށް ވިހަންދާއިރު ގެންދަންޖެހޭ ލިސްޓު ދޭއިރު ހަމައެކަނި ޑިސްޕޯސަބަލް ޑައިޕާގެ ބަދަލުގައި ފޮތި ނެޕީވެސް ބަލައިގަންނާށޭ.
ލުޖެއިން

ލުޖެއިން ބުނި ގޮތުގައި ނެޕީ ފޯވުމުން އެ ފޯވެއްޖެކަން އޭނާ ގާތުގައި ބުނެލައި އިޝާރާތް ކޮށްލަން ދަރިފުޅަށް އެނގޭނެ އެވެ. އަދި ކުލަގަދަ ޑިޒައިންތަކަކުން ކަވަރުލާގައި ހުންނާތީ ދަރިފުޅު ވެސް އުފާވެ އެވެ.

"ލާ ނެޕީއެއް އިހްތިޔާރުކުރުމުގެ ބާރު އޮންނާތީ ދަރިފުޅުވެސް އުފާވޭ، އަދި އެންމެ ފަހަރަކު ނެޕީ ރޭޝް ނެގީ މި ނެޕީ ބޭނުން ކުރި ފަހުން. އެކަމަކު އެއީ ހަމަ އެދުވަސްވަރު ހޫނުގަދަކަމުން ވީގޮތެއް،"

ލުޖެއިން އޭނާގެ ކުދިން ފޮތި ނެޕީ ޖައްސަބް ހިޔާލު ކުރީއްސުރެ މީހުން އޭނާ ގާތުގައި ބުނަމުން އައި ވާހަކައަކީ ތިޔަ ކަމެއް ތިޔަ ގޮތަކަށް ނުކުރެވޭނެ އޭއެވެ. ތިޔައީ ވަރަށް ބޮޑު ބުރަ މަސައްކަތެކޭ އެވެ. ނަމަވެސް ދޮންނަނީ އޮޓޯ މެޝިނުން ކަމަށްވެފައި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެކަން ވާނެތީ ލުޖެއިން ބޭނުންވީ ހަމަ ފޮތި ނެޕީގައި ޖައްސާށެވެ.

"ލުޖެއިން ވަރަށް ގިނައިން ރަށްރަށަށް ދަން. ރަށްރަށަކީ ފެނުގެ ޕްރެޝަރާއި، އަވި ލިބޭ ތަންތަންވީމަ އަދި މާ ފަސޭހަ ދޮވެ ހަދަން. މި ނެޕީ ހަދާފައި ހުންނަ ފޮއްޗަކީ ހަމަ އަވީ ލާ އިރަށް ފަސޭހައިން ހިކޭ ކަހަލަ ފޮއްޗެއް." އޭނާ ބުންޏެވެ.

ލުޖެއިން ކުދިން ޖައްސާ ފޮތި ނެޕީ

ސޯޝަލް މީޑިއާ އިންސްޓަގްރާމްގައި ވެސް މި ކަމާ ގުޅޭ މައުލޫމާތު ލުޖެއިން ޝެއާ ކުރެ އެވެ. އެހެންވެ އޭނާ ގާތުގައި މީހުން އަހައިވެސް ހަދަ އެވެ. އޭނާ ވެފައި ވަނީ ގާތްގަނޑަކަށް ތިމާވެއްޓާއި ފޮތި ނެޕީއާ ދެމެދުގެ އެމްބެސެޑަރަކަށެވެ.

"އަޅުގަނޑު ބުނަން ބޭނުމީ ހޮސްޕިޓަލް ތަކުން މާބަނޑު މީހުނަށް ވިހަންދާއިރު ގެންނަންޖެހޭ ލިސްޓެއް ދޭ އިރު ހަމައެކަނި ޑިސްޕޯސަބަލް ޑައިޕާގެ ބަދަލުގައި ފޮތި ނެޕީވެސް ބަލައިގަންނާށޭ. މި ހޮސްޕިޓަލްތަކަށް ކުރެވިދާނެ ކަމެކޭ،" އޭނާ ބުންޏެވެ.

ހަރަދު ކުޑަ ތިމާވެއްޓާ ރައްޓެހި ފޮތި ނެޕީއާއެކު ލުޖެއިން ކުރިޔަށއްދާއިރު މައިންބަފައިން ކުރަންޖެހޭ ބޮޑު އެއް ހަރަދަކަށް ނެޕީވެ އެވެ. އެކަމަކު ޑިސްޕޯސަބަލް ޑައެޕާސް އަކީ އޭގެ ސަބަބުން ތިމާވެއްޓަށް ބޮޑު ގެއްލުމެއްދޭ އެއްޗެކެވެ. އަދި އޭގައި ހިމެނޭ ކެމިކަލްތަކުގެ ސަބަބުން ތުއްތު ކުދިންނަށް ވެސް ގެއްލުންވާކަން ފަހުގެ ދިރާސާތަކުން ދައްކައެވެ. އެހެންވީމާ ލުޖެއިންގެ އައިޑީއާ ސަޅިވެފައި ތިމާވެއްޓާ ރައްޓެއްސެވެ. ތިމާވެއްޓާ ތިމާގެ ބަޔަކަށް ހެދިގެން އަހަރެމެނަށް ތެޅެނީ އަނގަ އެކެވެ.