ރިޕޯޓް

ބޮޑު ޕްރައިމަރީ، ބޮޑު ގެއްލުމެއްގެ ފެށުމެއް!

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށްޓަކައި ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ބާއްވާފަ އެވެ. އަދި އެ ޕްރައިމެރީއާއެކު ރާއްޖޭގައި މީހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިހާބުގެ ޝަރަފު ވެސް އެމްޑީޕީއަށް ލިބުނީ އެވެ. މީގެ އިތުރުން ރާއްޖޭގައި ރެކޯޑް އަދަދަކަށް މެމްބަރުން ވެސް ޕްރައިމެރީ އައި ދިމާކޮށް އެމްޑީޕީއަށް ވަނެވެ. އެ އިންތިހާބާއެކު އެމްޑީޕީން ވަނީ އެޕާޓީއަކީ ރާއްޖޭގެ އެންމެ ޑެމޮކްރަޓިކް ހަމަތަކަށް ލޯބި ކުރާ ޕާޓީކަން ސާބިތުކޮށްދީފަ އެވެ. އެހެން ނަމަވެސް އެކަމަށްޓަކައި އެމްޑީޕީން ދައްކަން ޖެހުނު އަގުވެސް ކުޑައެއް ނޫނެވެ.

ޕްރައިމަރީ ބޭއްވުމުގައި އެމްޑީޕީގެ ނިޔަތް ކިތަންމެ ސާފުކަމަށް ވިޔަސް، އެ އިންތިހާބު ގަޑުބަޑު ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ބަންދު ކުރެވެން އޮވެމެ، އެކަން ކޮށްފައެއް ނުވެ އެވެ. ފަހަރުގައި އެ ޕާޓީގެ މެމްބަރުންގެ އަދަދު ގިނަ ކުރުމަކީ ޕާޓީއަށް މި ވަގުތަށް މުހިންމު ކަމަކަށް ވީކަމަށްވެސް ވުން އެކަށީގެންވެ އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ގަޑުބަޑު ވެގެން ދިޔައީ ޕްރައިމަރީގައި ވޯޓްލާން ހުޅުވާލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިޔަށް އެ ޕާޓީއަށް ވަނުމަށް ހުޅުވާލި ފުރުސަތުންނެވެ. އެ ފުރުސަތުގެ ބޭނުން ހިފައި އެ ދާއިރާތަކަށް ކުރިމަތިލާން ފޫ ގަޅާލައިގެން ތިބި މީހުން އޭގެ ބޭނުން ރަނގަޅަށް ހިފި އެވެ. އެގޮތުން އެ ބަޔަކަށް ތާއީދު ކުރާ މީހުން އެމްޑީޕީގެ ތެރެއަށް ވެއްދި އެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ބަލިވި ރައްޔިތުންގެ މަޖިލީހުގައި މިހާރު އިންނަވާ މެމްބަރަކު ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ފާއިތުވެދިޔަ ދެ މަޖިލިސް އިންތިހާބު ވެސް ނާކާމިޔާބުވެގެން ދިޔައީ ޕްރައިމެރީގެ ސަބަބުންނެވެ.

"އެމްޑީޕީގެ އެތެރޭގެ ގަވައިދުތައް އިސްލާހު ނޮކޮށް ޕްރައިމަރީ ބޭއްވުމުން އެމްޑީޕީއަށް ވަނީ ފާއިތުވެދިޔަ ދެ މަޖިލިސް އިންތިހާބުންވެސް އެކަށީގެންވާ އަދަދަކަށް ގޮނޑި ނުނެގިފައި. އެކަންކަން އެހެން އޮއްވާ މިފަހަރު ވެސް ޕްރައިމެރީ ބޭއްވީ. އޭގެ ނަތީޖާ ޕާޓީއަށް ހިތިކޮށް މިފަހަރު ވެސް ދައްކާނެ. އަދިވެސް އެކަންކަން އިސްލާހު ކުރަން ލީޑަޝިޕުން އުޅޭތަނެއް ނުފެނޭ" އެ މެމްބަރު ވިދާޅުވި އެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވަން އިއުލާން ކުރުމާއެކު ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭ ނުތަނަވަސްކަން އުފެދިގެން ދިޔަ އެވެ. އެ ޕާޓީގެ ލީޑަޝިޕުން ކުރިން އެއްބަސްވެފައި އޮތީ ކޯލިޝަނާއެކު ވަކި އަދަދެއްގެ ގޮނޑިއަށް ވާދަ ކުރާށެވެ. ނަމަވެސް އެ އެއްބަސްވުމުގައި ރައީސް މައުމޫން ސޮއި ކޮށްފައިނުވާ ކަމަށްބުނެ، އެ އެއްބަސްވުމަށް އަމަލު ކުރަން އެމްޑީޕީން ދެކޮޅު ހެދި އެވެ. އެއާއެކު އެ ޕާޓީއަށް ހައްގު މިންވަރު ހޯދަން، ވަކިން މަޖިލީހަށް ވާދަކުރަން ނިންމީ އެވެ.

އިއްތިހާދުގައި ލާފައިވާ ރެނދު އެންމެ ބޮޑަށް ފޭވެގެން ދިޔައީ އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރަމުން ދަނިކޮށް، ކޯލިޝަން ލީޑަރުންގެ ތެރެއިން ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ޓްވިޓާގެ ތެރެއަށް ދޫކޮށްލެވި ދެ މެސެޖަކުންނެވެ. ގާސިމްގެ ޓުވީޓުތަކުގައި ކޯލިޝަނެއް ދެމި އޮތްތޯ ވަނީ ސުވާލު އުފައްދާފަ އެވެ.

އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރަން އަހުދުވެ އެ އަހުދާއި ހިލާފު ވުމުގެ ތުހުމަތު އެމްޑީޕީގެ ބޮލުގައި ޖޭޕީން އެޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލި އިރުވެސް ބައެއް ކެނޑިޑޭޓުންނަށް ބިރުވެރިކަމެއް އޮތެވެ. އެއީ ރަނގަޅު ކިތަންމެ ކެނޑިޑޭޓަކު ޕްރައިމަރީން ފެއިލްވެގެން ދިއުމުގެ ބިރެވެ. އެ ބިރު ކެނޑިޑޭޓުންނަށް އޮތީ ޕްރައިމަރީއާއި ދިމާކޮށް، އެ ޕާޓީއަށް ވަތން 30،000 އަށް ވުރެ ގިނަ މެމްބަރުންގެ ސަބަބުންނެވެ. އެވާހަކަ އޭރުވެސް ދެކެވުނެވެ. އެހެން ނަމަވެސް ޕާޓީގެ ލީޑަޝިޕުން އެކަމަކާ މާބޮޑަށް އަޅައި ނުލި ކަމަށް ޕާޓީގެ ބައެއް މެމްބަރުން ބުނެ އެވެ.

އެމްޑީޕީގެ ޕްރައިމެރީއިން ފެއިލްވި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވި ގޮތުގައު ޕްރައިމަރީއާ ދިމާކޮށް އެ ޕާޓީއަށް ޕީޕީއެމްއިންވެސް މެމްބަރުން ވަދެފައިވެ އެވެ.

"އަޅުގަނޑު ދާއިރާގައި އެމްޑީޕީގެ 855 މެމްބަރުން މިއުޅެނީ، މިދިޔަ މަޖިލިސް އިންތިހާބާއި، ރިޔާސީ އިންތިހާބަށްފަހުވެސް 860 ވަރު މި އުޅެނީ. ދެން އެހެން އޮއްވާ މިފަަހަރު ޕްރައިމަރީއަށް ހުޅުވާލައިގެން ފޯމް ފުރުމުގެ ފުުރުސަތު ހުޅުވާލީމާ ބަދަލުވެެގެން ދިޔަ 2200 އަށް. އެހެންވީމާ އެއީ ބޮޑު ތަފާތެއް. އަޅުގަނޑުމެން ބަލާލި އިރު ގާތްގަނޑަކަށް އެބައުޅޭ 400 އާއި ގާތަށް ހަމަސީދާ ޕީޕީއެމް އިން ވަދެފައި ޕާޓީއަށް. އަޅުގަނޑު ދާއިރާއަށް." އަލީ ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި ބައެއް ގޭގެއަށް ފައިސާ ދީގެން ވެސް ފޯމު ފުރުވާފައި ވެއެވެ. އޭގެ ހެކިވެސް އެބަ ހުއްޓެވެ. އެކަން އެގޮތަށް ކުރުމުން ބަޔަކު ބޭނުންވާ ނަތީއްޖާއެއް ނެރެން ފަސޭހަވެގެންދިޔަ ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ. އަދި ނިޒާރު ގަބޫލު ކުރައްވާ ގޮތުން ނެރެވިފައިވަނީ ވެސް އެ ނަތީޖާ އެވެ.

ނިޒާރު ފާހަގަ ކުރެއްވާ ޕޮއިންޓްގައި ހިފާ އެހެން ކެނޑިޑޭޓޫން ވެސް މަދެއް ނޫނެވެ. އެމްޑީޕީއަށް މަޖިލިސް ޕްރައިމަރީން ލިބުނު އެންމެ ބޮޑު އެއް ގެއްުލުމަކީ އެ ޕާޓީއަށް ވަރުގަދަ ކެނޑިޑޭޓުންތަކެއް ގެއްލުމާއި ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި ކުރިމަތިވެވަޑައިގެންނެވި ދުއްތުރާތަކާއި، އަދި ހުށަހެޅުއްވި ހުށަހެޅުންތަކަށް ނޫނެކޭ ވިދާޅުވެ އެމްޑީޕިއާއެކު ދެގޮތެއްނުވެ ތިއްބެވި ބައެއް މަޖިލިސް މެމްބަރުންނަށް އެ ފުރުސަތު ގެއްލިގެން ދިއުމެވެ. ގެއްލުވާލީވެސް ޕްރައިމަރީއާއި ދިމާކޮށް، އެކި ދިމަދިމާލުން އެ ޕާޓީއަށް ވަތން މެމްބަރުން ބޭނުންކޮށްގެން ކަމަށް ބުނެވިދާނެ އެވެ.

އެމްޑީޕީގައި މި އޮންނަ ގޮތުން ރައީސް ޔާމީނަށް ވެސް އެބަ އޮވޭ އެމްޑީޕީގެ ޕްރައިމަރީގައި [ބޭނުން މީހަކު] ނެގުމުގެ ފުރުސަތު. މިހާރު މިއޮތް ޕްރޮސެސްގެ ތެރެއިން ޕްރައިމަރީ އެންމެ ފަސޭހައިން ނެގުމުގެ ފުރުސަތު އޮތް އެއް ބޭފުޅެއް ރައީސް ޔާމީން
އަލީ ނިޒާރު | މަޖިލިސް މެންބަރު

ނިޒާރާއެކު އެމްޑީޕީއަށް ލޯޔަލް މެމްބަރުންގެ ތެރެއިން ޕާޓީ ޓިކެޓު ނުލިބި ބަލިވީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމާއި ތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއަށާއި ވައިކަރަދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އެމްޑީޕީއާއި ދާދިފަހުން ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ވެސް ކުރިމަތިލެއްވީ ނާކާމިޔާބާ އެވެ.

"އެމްޑީޕީގައި މި އޮންނަ ގޮތުން ރައީސް ޔާމީނަށް ވެސް އެބަ އޮވޭ އެމްޑިޕީގެ ޕްރައިމަރީގައި [ބޭނުން މީހަކު] ނެގުމުގެ ފުރުސަތު. އަޅުގަނޑަށް ހީވަނީ މިހާރު މިއޮތް ޕްރޮސެސްގެ ތެރެއިން ޕްރައިމަރީ އެންމެ ފަސޭހައިން ނެގުމުގެ ފުރުސަތު އޮތް އެއް ބޭފުޅެއް ރައީސް ޔާމީނަކީ ... މިހާރު މި އޮންނަ ގޮތުން ކިތަންމެ ވަފާތެރިކޮށް، މަސައްކަތް ކުރިޔަސް، ކިތަންމެ ބުރަކޮށް މަސައްކަތް ކުރިޔަސް ފަސް އަހަރަށްފަހު ހަމަ މިލިޔަނަރުންނާއި ވާދަ ކުރަން ޖެހޭނީ. ކުރި ހިދުމަތެއްގެ ވެސް އަގެއް ނެތް. ކިތަންމެ ވަފާތެރިވިޔަސް އޭގައި އެއްވެސް އަގެއް ނޯވޭ." ނިޒާރު ވިދާޅުުވި އެވެ.