ވިޔަފާރި

އެޕްރީލް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދެ ޕަސެންޓް ދަށަށް

Jul 1, 2015
1

މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 2.9 ޕަސެންޓް ދަށްވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ މި އަހަރުގެ އޭޕްރީލް މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހު 105،309 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު ޒިޔާރަތް ކޮށްފައިވަނީ 102،242 ޓޫރިސްޓުންނެވެ. މިއީ ގާތްގަނޑަކަށް 2.9 ޕަސެންޓުގެ ދަށްވުމެކެވެ. މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް އަހަރުން އަހަރަށް ބަލާއިރު، ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު އައިސްފައިވަނީ 426،870 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރު ވަނީ 432،210 ޓޫރިސްޓުން އައިސްފަ އެވެ. މިއީ 1.3 ޕަސެންޓުގެ ކުރިއެރުމެކެވެ.

މި އަހަރުގެ އެޕްރީލް މަހު ރާއްޖޭގެ މުހިންމު ގިނަ މާކެޓުތަކުން އައި ޓޫރިސްޓުންގެ އަދަދު ވެސް ވަނީ ދަށަށް ގޮސްފަ އެވެ. ނަމަވެސް ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އިން  އައި ޓޫރިސްޓުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. ޗައިނާ އިން މި އަހަރު އޭޕްރީލް މަހު 24،034 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރުގެ އެޕްރީލް މަހު އައިސްފައިވަނީ 26،398 ޓޫރިސްޓުންނެވެ. މިއީ 9.8 ޕަސެންޓުގެ އިތުރުވުމެކެވެ.

ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް ހިމެނެ އެވެ. އެ ގައުމުން މިދިޔަ އަހަރު 9،462 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ އެޕްރީލް މަހު އައިސްފައިވަނީ 8،793 ޓޫރިސްޓުންނެވެ. މިއީ 7.1 ޕަސެންޓް ދަށްވުމެކެވެ. އަދި މިދިޔަ އަހަރު އޭޕްރީލް މަހު އިޓަލީން އައިސްފައިވަނީ 6،994 ޓޫރިސްޓުންނެވެ. ނަމަވެސް މި އަހަރުގެ އެޕްރީލް މަހު އައިސްފައިވަނީ 5،686 ޓޫރިސްޓުންނެވެ. މިއީ 18.7 ޕަސެންޓު ދަށްވުމެކެވެ. އަދި ފްރާންސުން މިދިޔަ އަހަރުގެ އެޕްރީލް މަހު 5،537 ޓޫރިސްޓުން އައިސްފައިވާއިރު، މި އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 4،973 ޓޫރިސްޓުންނެވެ. މިއީ 10.2 ޕަސެންޓުގެ ދަށްވުމެކެވެ.