އަތްތެރި މަސައްކަތް ނުވަތަ ކްރާފްޓީ މީހުންނަކީ ވަރަށް ކުޅަދާނަ ބައެއް ނޫން ހެއްޔެވެ؟ އެހެންވެސް ވަޒީފާއެއްގައި އުޅެމުން ވިޔަސް މިކަހަލަ ހުނަރެއްގެ ބޭނުން ހިފައިގެން އާމްދާނީއެއް ހޯދާ ނަމަ އަދި މާ ސަޅި ނޫން ހެއްޔެވެ؟ މިއޮތީ އެކަހަލަ ސަޅި ވާހަކަ އެވެ.
މިއީ އިންސްޓަގްރާމް މެދުވެރިކޮށް ކަންފަތުލާ މުދި ވިއްކަން ފެށި ޒުވާން ދެބެއިން ކަމަށްވާ ޝަފަގް ނާޒް އާތިފް އާއި އޭނާގެ ކޮއްކޮ ރިފްގާ ނާޒް އާތިފްގެ ވާހަކައެވެ. "ޑްރީމާސް މޯލްޑިވްސް" ނަމުގައި މި ދެބެއުން ކަންފަތުލާ އެއްޗެހި ރާއްޖެއިން ބޭރުން އެތެރެކޮށްގެން ވިއްކި ނަމަވެސް މިހާރު ވިއްކަނީ އަމިއްލައަށް އުފައްދާފައިވާ ރީތި ކުލަގަދަ ދިވެހިވަންތަ ކަންފަތު މުންޖެވެ. މި ދެބެންނާއެކު ކެފޭއަކަށް އެބަ ވަދަލަމެވެ.
ފެށުނު ގޮތުގެ ތައާރަފެއް ދީފަނަންތަ؟
މިއީ އަޅުގަނޑުމެން 2017 ވަނަ އަހަރު ފެށި ކަމެއް. އަޅުގަނޑުމެންނަށް ފެނުނު ވަރަށް ގިނަ އެއްޗެހި އޮންލައިންކޮށް ވިއްކާ މީހުން. އެހެންނަމަވެސް ކަންފަތުލާ އެއްޗިސްއަށް ހާއްސަކޮށްގެން ވިއްކާ މީހުން މަދު. އެހެންވެ ގަސްދު ކުރީ ވަރަށް އިންޑިއަން ތީމްއަކަށް އަދި ބޯހިމިއަން ތީމެއްގެ ކަންފަތުލާ އެއްޗިހިތަކެއް ގެނެސްގެން ވިއްކަން. މި ގޮތުން ފެށި ވިޔަފާރިއެއް މިއީ. ދެން މި ވިޔަފާރީ ތެރޭގައި އުޅުމުން ކަސްޓަމަރުން ގަޔާވާ ކަހަލަ އަމިއްލަ އުފެއްދުމެއް ހެދުމުގެ ހިޔާލު ލިބުނީ. އެގޮތުން ޝަފަގު މިއީ މި ކަންފަތުލާ އެއްޗިސް އުފެއްދުމުގެ އާޓިސްޓް. ރިފްގާ އަކީ މީގެ މާކެޓިން ޕާސަން. ދެމީހުން ވެގެން މި ވިޔަފާރި "ޑްރީމާސް މޯލްޑިވްސް" މި ހިންގަނީ.
މިއީ ކިހިނެއް ވިސްނައިގެން ދިން ނަމެއް؟
މިއީ އަޅުގަނޑުމެން ދެމީހުންގެ އެންމެ ބޮޑު ހުވަފެން، އަމިއްލަ ވިޔަފާރިއެއް ފެށުން. އެހެންވެ ކިއުނު ނަމެއް. ބޭރު ކަސްޓަމަރުންނަށް ވެސް ކިޔަންވެސް ފަސޭހަވާނެ ގޮތަށް "ހުވަފެން" ގެ ބަދަލުގައި ޑްރީމާސް މޯލްޑިވްސް މި ކިޔަނީ.
އަމިއްލައަށް އުފައްދާ މުދީގެ ތަފްސީލެއް ދީބަލަ؟
އަޅުގަނޑުމެން މިހާރު ބާޒަރަށް ނެރެފިން ދެ ކަލެކްޝަނެއް. ފުއްޓަރު ކަލެކްޝަނާއި އަދި ބުސްތާން ކަލެކްޝަން. ފުއްޓަރު ކަލެކްޝަން އަކީ ރާއްޖޭގެ ޖަޒީރާވަންތަ ކަމުން އިންސްޕަޔާ ވެގެން ނެރުނު ކަލެކްޝަނެއް. މީގައި މި ހިމެނެނީ ރިނެދެއްޔާއި ސަނދަރަ ބޮއްޔާއި ފޫއެނބުރި، އަދި ފަސް އިނގިލި. މިއަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. މިގޮތުން ހުޅުމާލޭގައި ސީ ސަން ބީޗްގައި ޑިސެމްބަރު މަހު ޕޮޕް އަޕް ޝޮޕެއް ބޭއްވިން. އެއިން ލިބުނު ތަރުހީބު ބޮޑުވުމުން ނިންމީ އިތުރި ކަލެކްޝަނެއް ނެރެން. ދެން މިގޮތުން ރާއްޖޭގެ ގައުމީ މާ، ދިވެހި ފިނިފެންމަލަށް ހާއްސަކޮށްގެން މި ނެރުނީ ބުސްތާން ކަލެކްޝަން. ދެން މި ކަލެކްޝަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނުމަށް އެކި އެކި މާމެލާ މެލި މި ކަލެކްޝަންގައި ހިމަނާލީ. މިގޮތުން، ސަންފްލާވާ އަދި ޑެއިޒީމާވެސް ހިމެނޭނެ.
ބުސްތާން މިއީ ކޮންކަހަލަ ނަމެއް؟
ބުސްތާނަކީ އަޅުގަނޑުމެންގެ ކާފަ ގެ ފަރާތުން އިންސްޕަޔާވެގެން ނެރުނު ކަލެކްޝަނެއް. މިއީ ދިވެހިބަހެއް. މާ އާއްމުނޫނަސް މި ނަމުގެ މާނައަކީ ބަގީޗާ. ކާފައަކީ ދިވެހި ބަހަށާއި ދިވެހި ބަހުގެ އަދަބީ ކަންކަމަށާއި ބަގީޗާއަށް ވެސް ލޯބިކުރާ މީހެއް.
ޝަފަގުގެ މި މަސައްކަތް އޮންނަ ގޮތް ކިޔާދީ ބަލަ؟
އަޅުގަނޑު ކަލެކްޝަނެއް ނެރުމުގެ ކުރިން އެންމެ ފުރަތަމަ ކޮންސެޕްޓުއަލައިޒް ކުރަނީ. ކޮން ކުލަތަކެއްތޯ ގުޅޭނީ. ކޮބައިތޯ އެންމެ މީހުން ގަޔާވާނެ ކުލަތަކަކީ. އަދި ކޮން މާކެޓް ސެގްމެންޓަކަށްތޯ ކޭޓާ ކުރަނީ. ސިމްޕަލްކޮށް ހެދުން އަޅާމީހުންނަށް ތޯ ނުވަތަ ބޮހީމިއަން ތީމް ހެދުން އަޅާ މީހުންނަށްތޯ. ދެން އެއަށްފަހު ޑިޒައިން މަސައްކަތް ކުރަނީ. ކަންފަތުލާ އެއްޗިހި ހަދަން ބޭނުން ކުރަނީ ހާއްސަ ޕޮލީ ކްލޭއެއް. މިއީ ހަމަ ކޮލިޓީ ރަނގަޅު ޑޫރަބްލް އެއްޗެއް. ދެން ބޭނުންވާ މޯލްޑްއަކަށް ޑިޒައިން ނެރެ މޯލްޑްކޮށް ބޭކް ކުރަނީ. ބައެއް ޑިޒައިންތަކަކީ އަޅުގަނޑު އަމިއްލައަށް މޯލްޑްހަދާފައި. އަނެއްބައި މިއީ ރެޑީ މޭޑް މޯލްޑްތަކެއް. ދެން އޮންނަނީ ރަނގަޅަށް ހިއްކާ ހަދާ ބުރުމާ އިން ތޮރުފާ އެއަށް ބޭނުންވާ ލޯވަޅު ކަނޑާ އިންޑަސްޓްރިއަލް ގުލޫ އިން ތަތްކުރަނީ. މުޅި ޕްރޮސެސްއަށް ނަގާ ތިން ދުވަސް!
ކިހިނެއް މި މަސައްކަތް ދަސްކުރީ؟
ޝަފަގް މި މަސައްކަތް ދަސްކުރީ ހަމަ އެކި އެކި އޮންލައިން ޓިއުޓޯރިއަލް ބަލައިގެން. އަދި އެއްޗެއް ނޭނގިގެން ނުވަތަ ކަންފަތުލާ އެއްޗެއް ހެދުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އޮސްޓްރޭލިއާ ޑިޒައިނާސްއަށް މެސެޖުކުރަން. ދެން އެމީހުން ވަރަށް އެޙީތެރިވޭ. ހަމަ އެކި ފަހަރުމަތިން ޓްރައިކޮށްގެން މިހިރީ ޓެމްޕަރޭޗާ ބަހައްޓަންވީ އެންމެ ރަނަގަޅުވަރާއި އެއްޗެހި ވެސް ދަސްކޮށްފައި.
ރިފްގާ މި ކުރަނީ ކޮން މަސައްކަތެއް؟
އަޅުގަނޑަށް އޮންނަނީ މި އެއްޗެހި ވަކިވަކިން ފޮޓޯ ނަގައި ޕްރޮޑަކްޓް މާކެޓް ކުރުން. އަޅުގަނޑުމެންގެ ޕޭޖުގައި ހުންނާނީ މުޅިންވެސް އަމިއްލައަށް ނަގާ ފޮޓޯ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ޕްރޮޑަކްޓް ޕްރޮމޯޝަންގެ ހުރިހާ ކަމަކާއި ކަސްޓަމަރުންނާއި ޑީލް ކުރަނީ އަޅުގަނޑު. އަދި މާކެޓް ކުރުމަށް އިންފުލުންސާސްއަށް ޕީއާރް ޕެކޭޖެވެސް ދެން. އަދި ޕޮޕް އަޕް ޝޮޕް ރާވާ އިންތިޒާމް ހަމަޖައްސަން. އެގޮތުން މިއަދުވެސް ޖޭޒް ކެފޭގައި އޮބައޮތް ޕޮޕް އަޕް އިވެންޓެއް.
އިތުރު ކަލެކްޝަނެއް ފެނިދާނެތަ؟
މި އަންނަ ރޯދަމަހަށް ފަހު ގަސްދު ކުރަން ކުޑަކުދިންނަށް ހާއްސަ ކަލެކްޝަންއެއް ނެރެން. އަދި ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ޓީޝާޓްތަކެއް ނެރުމުގެ މަސައްކަތް ވެސް އެބަ ކުރިއަށް ގެންދަން. މީގެ އިތުރުން ވެސް ޝަފަގް އަމިއްލައަށް ފަހާ ޕާސްތަކަކާއި ކްލަޗްތަކެއް އެބަ ވިއްކަން. މި އަހަރުގެ ސްކޫލް ސީޒަންގައި ޕާސްތައް ވަރަށް ހިނގި. ކްލަޗް ދަބަސްތަކަކީ އަޅުގަނޑު ކަސްޓަމައިޒްކޮށް ހަދާ ދަބަސްތަކެއް. ހަފްލާއަކަށް ދިވެހި ޑިޒައިނެއްގެ ހެދުމެއް ލާނަމަ އެއާއެކު ހިފާލާނެ ހާއްސަ ނަލަ ދަބަހެއް. މިހާރުވެސް މި ވިއްކަން. އަދި އަޅުގަނޑުމެންނަކީ މީރު މީރާ ޕްރޮޑަކްޝަންގެ "ކުރި" ބްރޭންޑްގެ ކާށިތެޔޮ ޑިސްޓިރިބިއުޓްކުރާ ވެސް ބައެއް. ބިއްލޫރި ފުޅިއެއްގައި ނައިފަރުން ހާއްސަކޮށް ތައްޔާރު ކޮށްގެން ގެންނަ މި ކާށިތެޔޮ ކަސްޓަމަރުންނަށް ފޯރުކޮށްދެނީ ވެސް އަޅުގަނޑުމެން.
ވިޔަފާރި ފުޅާކުރަން ބޭނުންވަނީ ކޮންކަމެއް؟
އަޅުގަނޑުމެންނަށް ރާއްޖެއިން ބޭރުގައި މާކެޓް އެބައޮތް. އެކަމަކު މިވަގުތު އަދި ވެބްސައިޓެއް ނެތް. ދެން ޝިޕިން ފީ އާއި މި ކަހަލަ ދަތިތަކެއް އެބަހުރި. ހީވެސް ނުކުރާވަރަށް ޒުވާނުން މި ވިޔަފާރި ބަލައިގަނޭ. އެހެން ނަމަވެސް ކުދި ވިޔަފާރިތަކަށް އާއްމުކޮށް މި ހުންނަ ގޮންޖެހުންތައް، އިތުބާރާއި، ބަލައިގަންނަވަރާއި ފުރުސަތުތައް މަދުކަން ފާހަގަވޭ.
އެންމެ ބޮޑަށް ސަޕޯޓް ދެނީ ކޮންބައެއް؟
ކުޑަ ފައިސާކޮޅެއްގެ އިންވެސްޓްމަންޓަކުން ފެށި މި ވިޔަފާރި ގާތްގަނޑަކަށް ދެ އަހަރު ދުވަސްތެރޭ މިވަރަށް ކުރިއަށްދާން އަޅުގަނޑުމެން އާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު. މީގެ ސަބަބުން އާއިލީ ގުޅުންވެސް ބަދަހިވެއްޖެ. ޑެލިވަރީ ކުރުމުގައި އާއި ޕޮޕް ޝޮޕްގައި މުޅި އާއިލާ ބައިވެރިވޭ.