ވިޔަފާރި

ކޯ ލޯޑުން އާކަށް 35000 ރުފިޔާގެ އެހީއެއް

ކޯ ލޯޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އެހީގެ ގޮތުގައި އާކް ޖަމިއްޔާއަށް 35000ރ. ދީފި އެވެ.

އޭސް ހާޑްވެއާގެ އެހީތެރިކަމާއެކު ކޯ ކޯޑް މޯލްޑިވްސް އިން އާކަށް ފައިސާ ހަވާލު ކޮށްފައިވަނީ މި މަހު ހަވަނަ ދުވަހު އެވެ. އެ ކުންފުނިން އާކަށް ފައިސާ ހަވާލުކޮށް ދެއްވީ ކުންފުނީގެ ޖެނެރަލް މޭނޭޖާ މުހައްމަދު ހާނީ އެވެ. އާކްގެ ފަރާތުން އެހީއާ ހަވާލުވެ ވަޑައިގަތީ މެނޭޖިން ޑިރެކްޓާ މުރުތަލާ މޫސާ އެވެ.

އާކް ޖަމިއްޔާއަކީ ކުޑަކުދިންގެ ހައްގުތަކުގެ ދިފާއުގައި ވަކާލާތު ކުރުމުގެ ގޮތުން 2009 ވަނަ އަހަރު އުފައްދާފައިވާ ޖަމިއްޔާ އެކެވެ. މި ޖަމިއްޔާގެ ކޯ ފައުންޑާ އަދި އެކްޒެކެޓިވް ޑައިރެކްޓާއަކީ ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު
ޒަކީ އެވެ.

ފައިސާގެ އެހީ ހަވާލުކުރުމަށްފަހު ހާނީ ވަނީ، ކުރިއަސް އޮތްތަނުގައި އާކް ޖަމިއްޔާއާއެކު މިހާރަށްވުރެ ގާތުން މަސައްކަތްކުރުމަށް ކޯ-ލޯޑުން ބޭނުންވާ ކަމަށެވެ. އަދި މުޖުތަމައުގެ ކުރިއެރުމަށް އާކުން ކޮށްދެމުން ގެންދާ ކަންތައްތަކަށް އޭނާ ތައުރީފު ކުރެއްވި އެވެ.

އާކްގެ ކޯ ފައުންޑަރ އަދި ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ ކޯ-ލޯޑުން ދިން އެ އެހީ ބޭނުން ކުރާނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން މާލެ އާއި އަތޮޅުތެރޭގައި ހިންގާ ހޭލުންތެރި ކުރުމުގެ ކެމްޕެއިން ހަރަކާތްތަކުގައި ކަމަށެވެ.