ކަލަ ބޭންކުން ޖޯޓަން ބްރޭންޑުގެ މެރިން ކޯޓިންސް ކުލަ ބޭނުންކުރާ ފަރާތްތަކަށް ސެމިނާއެއް ބާއްވައިފި އެވެ.
ކަނޑު އުޅަނދު ފަހަރުގައި ބޭނުން ކުރާ ކުލައިގެ ހާއްސަ ބްރޭންޑެއް ކަމަށްވާ ޖޯޓަން މެރިންގެ މި ސެމިނާގައި ސޭލްސް މެނޭޖަރު މުހައްމަދު ހުސާމް ވިދާޅުވީ ސެމިނާގެ ސަބަބުން ކަނޑު އުޅަނދު ގެންގުޅޭ ފަރާތް ތަކަށް ގިނަ މައުލޫމާތު ތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.
ކަލަ ބޭންކްގެ ޖީއެމް މުހައްމަދު ހާނީ ވިދާޅުވީ ކަލަ ބޭންކުން އަބަދު ވެސް ބަލަނީ އެ ކުންފުނިން އެތެރެކުރާ ބާވަތްތަކުގެ މައުލޫމާތު ކަސްޓަމަރުންނަށް ވީހާވެސް ގާތުން ދޭށެވެ.
"އަޅުގަނޑުމެން ހަމައެކަނި ޕްރޮޑަކްޓް ވިއްކަނީއެއް ނޫން، ޕްރޮޑަކްޓާއެކު އެ ޕްރޮޑަކްޓް ބޭނުންކުރާނެ ގޮތާއި ފަހުގެ ސިސްޓަމްސް އަދި ފަހުގެ ޓެކްނޮލޮޖީސް އަދި ހަރަދުތައް ލުއި ކުރާނެ ގޮތް ކިޔައިދެން،" ހާނީ ވިދާޅުވި އެވެ
މި ސެމިނާގައި ކޯލޯޑް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އައްބާސް މުހައްމަދު ވެސް ބައިވެރިވަޑައިގެންނެވި އެވެ.
ޖޯޓަން މެރިން ކޯޓިންގްސްއަކީ އަލަށް ބަންނަ އަދި މަރާމާތު ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަ އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އަދި ކަލަ ބޭންކަކީ ރާއްޖޭގައި ކުލައިގެ ވިޔަފާރި އެންމެ ފުރަތަމަ ފެށި އެއް ކުންފުންޏެވެ.