ހަބަރު

މަޝްރޫއުތަކަށް މާލީ އެހީ ހޯދުމުގެ ފުރުސަތު ކައުންސިލްތަކަށް

Feb 18, 2019
1

މި އަހަރު ރަށްރަށުގައި ޖަމާއަތުގެ ފައިދާއަށް ހާއްސަކޮށްގެން ހިންގާ މަޝްރޫއުތަކަށް މާލީ އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައްވައިފި އެވެ.

ހޯމް މިނިސްޓްރީން ކައުންސިލްތަކަށް އެހީ ދެނީ ޖަމާއަތުގެ ފައިދާއަށްޓަކައި ރަށު ކައުންސިލް އިދާރާތަކުގެ ހިއްސާ އޮންނަ ގޮތަށް ހިންގާ ތަރައްގީގެ މަޝްރޫއުތަކަށެވެ. މި މަޝްރޫއުގެ ދަށުން ކޮންމެ ރަށު ކައުންސިލަކަށްވެސް އެދޭވޭނީ އަހަރަކު އެއް މަޝްރޫއުއަށް އެހީ ހޯދުމަށެވެ. އެގޮތުން ހުށައަޅުއްވާ މަޝްރޫއުތަކަށް ތިންލައްކަ ރުފިޔާއާ ހަމައަށް އެހީދެއްވަން މިިނިސްޓްރީން ވަނީ ނިންމަވާފައެވެ.

ކައުންސިލްތަކުން އެހީއަށް އެދި ޕްރޮޕޯޒަަލް ހުށައެޅޭނެ މަޝްރޫއުތަކުގެ ތެރޭގައި ގަބުރުސްތާން ވަށައިފާރު ރޭނުން، މަގުބައްތި ޖެހުން، ނެރުބައްތި ޖެހުން، ހިނަވާގެ ބިނާކޮށްދިނުން އަދި ޕޭ ޓޮއިލެޓާއި ފެރީ ގިމަތަ ހެދުން ފަދަ ކަންކަން ހިމެނޭނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ މަޝްރޫއުތަކަށް އެދި ޕްރޮޖެކްޓް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ހުޅުވާލައްވާފައިވާ ކަމަށެވެ. ހުށަހަޅާ ޕްރޮޕޯޯޒަލްތަކަށް މާކްސް ދިނުމުގައި އެންމެ ބޮޑަށް ބަލާނީ މަޝްރޫއުގެ ބޭނުމާއި، މަގުސަދު އަދި މަޝްރޫއުން ހާސިލް ކުރެވޭނެ ނަތީޖާއަށް ކަމަށެވެ. އަދި މަޝްރޫއު ނިމުމަށްފަހު ބަލަހައްޓާނެ ގޮތާއި، ރަށު ކައުންސިލް އިދާރާގެ ހިއްސާ އޮންނާނެ މިންވަރާއި، ރައްޔިތުންނަށާއި، ރަށުގެ ތަރައްގީއަށް މަޝްރޫއުގެ ބޭނުންތެރިކަން ހުރި މިންވަރަށްވެސް މާކްސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މަޝްރޫއުތަކަށް މާލީ އެހީތެރިކަން ދޭނީ މިކަންކަމަށް ބެއްލެވުމަށްފަހު އެންމެ ރަނގަޅު މާކްސް ހޯދާ ޕްރޮޕޯޒަލްތަކަށެވެ.

މަޝްރޫއުތަކަށް ފައިސާ ދިނުމުގެ އުސޫލާއި ޕްރޮޕޯޒަލް ތައްޔާރުކުރާނެ ގޮތުގެ ގައިޑްލައިން ހޯމް މިނިސްޓްރީން މިހާރު ވާނީ ރަށު ކައުންސިލްތަކަށް ފޮނުވާފައެވެ.