އިމްރާން އަބްދުﷲ

އެތައް މުއައްސަސާއެއް "ފްރީޒް"ވީ އެކަކާ ހެދި: މުނާޒު

ދައުލަތުގެ މުހިންމު އެތައް މުއައްސަސާއެއް މިއަދު ވަނީ "ފްރީޒް" ވެފައި ކަމަށާ އެއީ އެންމެ މީހަކާ ހެދި ދިމާވާ ކަމެއް ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ފާޑުވިދާޅުވެއްޖެ އެވެ.

މުނާޒް، ސީޕީގެ މަގާމުން ވަކިކުރެއްވީ މިމަހުގެ 21 ވަަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މުނާޒް ގެންދަވަނީ ޖަލުގައި ހުރި މައްސަލަތަކާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ނާގާބިލްކަން ހާމަކުރައްވާ ތަފާތު ޓްވީޓްތައް ކުރައްވަމުންނެވެ. ނަމަވެސް މަގާމުން ވަކިކުރެއްވުމާއި ހަމައަށް މިނިސްޓަރު އިމްރާނަށް އޭނާ ގެންދެވީ ތައުރީފު ކުރައްވަމުންނެވެ.

ސިފައިންގޭގައި ހިދުމަތުގައިވެސް ކުރިން ވަރަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ މުނާޒް ވިދާޅުވީ ސަރުކާރުން ކިތަންމެ ބޭނުންވި ނަމަވެސް ހައްގު މިންވަރު ހޯދާ ނުދެވިގެން އުޅެނީ ނާގާބިލް ވަޒީރުން ގޮވައިގެން އުޅެން ޖެހިފައިވާތީ ކަމަށެވެ. އަދި ދާދި ފަހުން އޮތް ޖަލްސާއެއްގައި ރައަީސް ނަޝީދު އެ ވާހަކަތައް ވިދާޅުވިއެވެ.

މިއަދު އެލްޖީއޭ، ހޯމް މިނިސްޓްރީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ޕޮލިސް ސާވިސް އަދި ކަރެކްޝަނަލް ސާވިސް ވަނީ ފްރީޒްވެފައި ކަމަށާ އެކަން އެހެން ވެފައިވަނީ ހަމަ އެކަނި އެންމެ މީހަކާ ހެދި ކަމަށް މުނާޒް ވިދާޅުވިއެވެ. މުނާޒް އެ އިޝާރާތް ކުރެއްވި ހުރިހާ މުއައްސަސާތަކުގެ އެންމެ އިސްވެރިއަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ޖަލުތަކުގެ ކުރީގެ ވެރިޔާ އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރުމަށް ކުރެވުނު މަސައްކަތާއި، އެކަމުގައި ހޯމް މިނިސްޓަރުގެ އެއްބާރުލުން ލިބިވަޑައިގެންފައިނުވާ ކަމަށް ވަނީ ތުުހުމަތު ކުރައްވާފައެވެ. މުނާޒް މަގާމުން ވަކިކުރެއްވިއިރު ޖަލުގައި ގައިދީންނަށް އެކަށީގެންވާ ގޮތުގައި ބޭސްފަރުވާގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ.

މުނާޒް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ސްޕެޝަލިސްޓުން ހޯދުމަށް އެދުމުން އެކަންވެސް ނުކޮށް ދެވުނު ކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުން ޖަލަށް ދާގޮތަށް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ކުރެވިފައިނުވާ ކަމަށެވެ.

"ގައިދީންގެ ބޭސްފަރުވާ އަވަސް ކުރުމަށް އަމަލީ ގޮތުން އިމްރާން އަބްދުﷲ އަށް އެއްވެސް ކަމެއް ނުކޮށްދެވުނު. އެމްސީއެސްއަށް ސްޕެޝަލިސްޓުން ހޯދައި ނުދެވުނު. އައިޖީއެމްޗުން ޑޮކްޓަރުން ޖަލަށްދާ ގޮތަށްވެސް ހަމަޖައްސާ ނުދެވުނު. އަހަރެއް ފާއިތުވެގެން ދިޔައީ." މަޖިލީހުގެ ރައީސް ނަޝީދާއި، އެޗްއާރްސީއެމަށް ޓެގް ކުރައްވާ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.