ހަބަރު

ކައުންސިލަރުންނަށް އެޅި ފިޔަވަޅުތައް ރިވިއު ކުރަނީ

ކައުންސިލަރުންނާ މެދު ނިމިގެން ދިޔަ ސަރުކާރުގައި އަޅާފައިވާ ފިޔަވަޅުތައް ރިވިއު ކުރަން ފަށާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ލޯކަލް ގަވާނެންސް އޮތޯރިޓީ، އެލްޖީއޭގެ ރައީސްކަން ވެސް ކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ދާދި އަވަހަށް އެ މައްސަލަތައް ރިވިއުކޮށް ނިމި، އިންސާފު ގާއިމްވެގެން ދާނެ ކަމަށެވެ.

"ސިޔާސީ ސަބަބުތަކާ ހުރެ ކައުންސިލަރުންނާމެދު ފިޔަވަޅު އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރާނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.

ނިމިގެން ދިޔަ ސަރުކާރާ ދެކޮޅު ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން އަދި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔައި ބަޔާން ނެރުން ފަދަ ކަންކަމުގައި ގިނަ އަދަދެއްގެ ކައުންސިރުން ސަސްޕެންޑްކޮށްފައިވެ އެވެ. ބައެއް ކައުންސިލަރުންނަށް މުސާރަ ނުލިބޭ ގޮތަށް އެތައް ފަހަރަކު ވެސް ސަސްޕެންޑްކޮށްފައިވެ އެވެ.

ރަށު ކައުންސިލް އަދި އަތޮޅު ކައުންސިލްތަކަށް ބާރުދީ، ލާމަރުކަޒީ ނިޒާމް ހަރަދަނާ ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ކައުންސިލަރުންނަށް ފިޔަވަޅު އެޅުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.