ގައުމު ރަނގަޅު ވާނީ ރައީސް ރަނގަޅުވެގެން ކަމަަށް ވިދާޅުވެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނެއްކާވެސް ތަފާތު ޓްވީޓެއް ކުރައްވައިފި އެވެ.
މި ފަހުން އިމްރާން ގެންދަވަނީ ކޮންމެ ދުވަހަކުހެން ޓްވީޓެއް ކުރައްވަމުންނެވެ. އޭނާގެ ކޮންމެ ޓްވީޓަކަށްވެސް އާންމުންގެ ވަރަށް ބޮޑު ފާޑުކިޔުމެއް އޮވެއެވެ. އަދި މިދިޔަ ތިން ހަތަރު އަހަރު ނުދައްކަވާ ހުންނެވި ވާހަކަތަކެއް މިހާރު ދައްކަވަނީ ކީއްވެގެންތޯ އެތައް ބަޔަކު ސުވާލު ކުރެެއެވެ. އަދި އިމްރާންގެ ޓްވީޓްތަކެއް ފުލުފުލުގައި އަންނަނީ ރިޔާސީ އިންތިހާބު ބޯމަތިވުން ކަމަށްވެސް އެ މީހުން ދެކެއެވެ.
ރޭ މެންދަމު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށް ވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވެގެން ނޫނީ ގައުމު ރަނގަޅެއް ނުކުރެވޭނެ ކަމަށެވެ. އަދި ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅު ވީނަމަވެސް ރައީސް ރަނގަޅުވެގެން މެނުއީ ގައުމު ރަނގަޅެއް ނުވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު ކަމަށް ވަޑަައިގެންނެވި ފަހުން ރަސްމީ ހައިސިއްޔަތުން ނޫން ގޮތަކަށް ވަރަށް މަދުން ނޫނީ އިމްރާން ޓްވީޓް ނުކުރައްވައެވެ. ނަމަވެސް މި ޖުލައި ފެށުނީއްސުރެ އޭނާ ގެންދަވަނީ އެކި މައުލޫތަކަށް ޓްވީޓް ކުރައްވަމުންނެވެ. ފުރަތަމަ ޓްވީޓް ކުރައްވަން ފެއްޓެވީ އަދާލަތަކީ ދީނުގެ ދިފާއަށް އުފެއްދި ޕާޓީއެއް ކަމަށާ އެ މަގުސަދުގަައި ދެމި އޮންނާނެކަން ޔަގީން ކޮށްދެއްވުމަށް ކުރެއްވި ޓްވީޓްތަކެކެވެ. ނަމަވެސް އެ ޓްވީޓްތަކަށް އެތައް ބައެއްގެ ފާޑުކިޔުންް އަމާޒުވިއެވެ. ދީނީ ދެ އިލްމުވެރިއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު އިތުރު ކުރަމުންދާތީ އިލްމުވެރީން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އިލްމުވެރީންނަށް އަނިޔާއެއް ނުދެއްވާނެ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރެއްވިއެވެ. އެ ޓްވީޓާއެކުވެސް ފާޑުކިޔުން އިތުރުވީ އެވެ. ނަމަވެސް އިމްރާން ގެންދަވަނީ ފުލުފުލުގައި ޓްވީޓް ކުރައްވަމުންނެވެ.
މިފަހުން އިމްރާން ތަފާތު ޓްވީޓްތައް ކުރައްވަން ފެއްޓެވީ ހޯމް މިނިސްޓަރު ކަމުން ބަދަލު ކުރެއްވުމަށް ރައީސް ނިންމެވުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އިމްރާންވެސް އަދި ސަރުކާރުންވެސް އެކަމާއި ގުޅޭ އެއްވެސް ވާހަކައެެއް ހާމައެއް ނުކުރެއެވެ.