ހަބަރު

އެންމެ މުހިންމީ ފަސާދަ ނެތް، ދެފުށްފެންނަ ހެޔޮވެރިކަމެއް: އިމްރާން

Feb 8, 2019
2

ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އެންމެ މުހިންމީ ފަސާދައިން އެއްކިބާވެފައިވާ ދެފުށްފެންނަ ހެޔޮ ވެރިކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ މިއަދު ފާހަގަކުރާ ހުރަވީ ދުވަހާ ގުޅިގެން ނެރުއްވި ހިތޯބެއްގަ އެވެ.

މިނިސްޓަރު އިމްރާން ހިތޯބުގައި ވިދާޅުވީ، ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ގެއްލި، އަޅުވެތިކަމުގެ އަނދިރިކަމުގެ ތެރެއަށް ގެނބިގެން ދިޔުމަށް މަގުފަހިވާ އެއް ކަމަކީ ވެރިކަމުގެ ފަރާތުން ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ބޭއިންސާފާއި ފަސާދަ އާންމުކޮށް، ރައްޔިތުންނަށް ތަހައްމަލުކުރަން ނުކުޅަދާނަ ހާލަތު މެދުވެރިކުރުން ކަމަށެވެ.

"އަމިއްލަ ގައުމުގައި އަމިއްލަ ވެރިކަމުގެ ދަށުގައި ރައްޔިތުން ބިކަވެ ނިކަމެތިވެގެންދިޔުން، އެހެންކަމުން ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމު އެންމެ އަސާސީ ރުކުނަކީ ފަސާދައިން އެއްކިބާވެފައިވާ ދެފުށްފެންނަ ހެޔޮވެރިކަމެއް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ، މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދިޔުމާއި އަދި އެ މިނިވަންކަން އަނބުރާ އިޔާދަކުރުމަށްޓަކައި ކާބަފައިން ކުރި މަތިވެރި ޖިހާދުގެ ޒިކުރާ އާކުރާ މިފަދަ ދަނޑިވަޅެއްގައި ކޮންމެހެން ވިސްނާފިކުރު ހިންގަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. ތަރައްގީގެ މަގުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން، ބަވަނަވެފައިވާ ދުނިޔޭގައި، ބައިނަލްއަގުވާމީ މުޖުތަމައުގެ ބައިވެރިއެއްގެ ގޮތުގައި ކުރިޔަށްދާއިރު މިނިވަންކަމާއި ސިޔާދަތަށް ބުރުއަރާފާނެ ކަންކަމާމެދު ހުޝިޔާރުވާންޖެހޭ ކަމަށެވެ. އެފަދަ ކަންކަމަކީ ކޮބައިކަން ދެނެގަނެ، އަޅަންވާ ފިޔަވަޅުތައް އަޅާ، ރައްކާތެރިވާން ޖެހޭ ކަމަށެވެ.

"ހުރަވީދުވަހާއި ހުރަވީދުވާހާ ގުޅިފައިވާ ހާދިސާތަކުން އަޅުގަނޑުމެންނަށް އުނގަންނާދޭ ފިލާވަޅަކީ، ދިވެހި ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި އަޅުގަނޑުމެންގެ ތެރެއިން ކޮންމެ ފަރުދަކީވެސް ދީނާއި ގައުމުދެކެ ލޯބިވާ މީހަކަށްވާންޖެހޭކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަދާ ހަމައަށް ދިވެހި ގައުމު މިނިވަންކަމާ އިސްތިގުލާލާއެކު ކުރިޔަށް ގެންދެވިފައިވަނީ ކާބަފައިންގެ މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށާއި ދިވެހި ގައުމަށް ބޭރުގެ އުދުވާނެއް ކުރިމަތިވި ކޮންމެ ފަހަރަކު ކާބަފައިންގެ އަބްތޯލުން ދައްކަވާފައިވަނީ ހުއްބުލްވަތަންގެ މަތިވެރި މިސާލުތަކެއް ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދިވެހި ގައުމަށް ކުރިމަތިވި ބޭރުގެ ކޮންމެ އުދުވާނެއްގެ ފަހަތުގައި މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ގައުމާއި، ރައްޔިތުންނަށް ހިޔާނާތްތެރި، ދިވެހި ހާއިނުންތަކެއްގެ ހީލަތްތެރި އަތްތަކެއްވާ ކަމަށެވެ. އެފަދަ ކޮންމެ ހާދިސާއެއް ދިރާސާކޮށްލުމުންވެސް ހާމަވާ ހަގީގަތެއްވާ ކަމަށެވެ.

"ވެރިކަމުގެ ދަހިވެތިކަމުގައި ތިމާމެންގެ އަމިއްލަ ދީނާއި ގައުމާއި ރައްޔިތުން ގުރުބާންކޮށް، އަމިއްލަވަންތަކަމާއި އިސްތިގުލާލު ވެއްޔާމޮޑެލަން ފަސްނުޖެހޭ ބަޔަކު މިރާއްޖޭގައި އުޅެފައިވާކަމަކީ ދެބަސްވެވެން ނެތް ހަގީގަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާޒީއިން އިބުރަތްލިބިގަތުމަކީ މުސްތަގުބަލް އުޖާލާކުރުމަށްޓަކައި އަޅަންއޮތް އެންމެ މުހިންމު ފިޔަވަޅު ކަމަށެވެ. އެއީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަކީ ސިޔާސަތު ކަނޑައަޅާފަރާތްތަކާއި މުދައްރިސުންނާއި މުރައްބީންނާއި މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މައްސޫލިއްޔަތެއް ކަމަށެވެ.