ހަބަރު

މާލޭގައި ވަޅިން ބިރުދައްކައި ބައި މިލިއަން ރުފިޔާ ފޭރިގެންފި

Feb 18, 2019
4

ސައިކަލުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ، "އެކްސްޕާޓްސް މޮޓޯ"ގެ ބައި މިލިއަނެއްހާ ރުފިޔާ ގްރޫޕަކުން ފޭރިގެންފި އެވެ.

ފުލުހުން ބުނި ގޮތުގައި މިރޭ 10:30 އެހާކަންހާއިރު، ފަތަހަ ސުންބުލި ކައިރިން ސައިކަލެއްގައި ދިޔަ ތިން މީހަކު ވަޅިން ބިރުދައްކައި ފޭރިގެންފައި ވަނީ 560،000 އަށް ވުރެ ގިނަ ރުފިޔާ އެވެ. އެ ފައިސާ އަކީ އެ ސަރަހައްދުގައި ހުންނަ ސައިކަލު ވިއްކުމުގެ ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށްވާ، "އެކްސްޕާޓްސް މޮޓޯ"ގެ އޮފީހަށް ގެންދިޔަ ފައިސާތަކެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މިދިޔަ ހަފްތާގެ ތެރޭގައިވެސް މާލެ އާއި ހުޅުމާލޭގައި ފޭރުމުގެ ބޮޑު ދެ މައްސަލައެއް ހިނގާފައިވެ އެވެ. އެގޮތުން، ފިޔާތޮށިމަގު ޒިޔާރަތް މިސްކިތް ކައިރިން، ހޮރައިޒަން ފިޝަރީޒްގެ 160،000 ރުފިޔާގެ ޗެކްތަކަކާއި މުހިންމު ޑޮކިއުމަންޓްތަކެއް ވަނީ ބަޔަކު ފޭރިގެންފަ އެވެ. މީގެ އިތުރުން ހުޅުމާލެ ރޫޓް ފިހާރައިން ބޭންކަށް ޖަމާކުރަން ގެންދިޔަ 300،000 ރުފިޔާ ވެސް އިއްޔެ ވަނީ ބަޔަކު ފޭރިގެންފަ އެވެ. އެކަން ވެސް ކޮށްފައި ވަނީ މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅިން ބިރުދެއްކުމަށް ފަހު އެވެ.

މިކަހަލަ މައްސަލަތައް އިތުރުވުމާ ގުޅިގެން ފުލުހުން މިހާރު އިލްތިމާސް ކޮށްފައި ވަނީ، ކުންފުނިތަކުން ގިނަ އަދަދެއްގެ ފައިސާ ތަންތަނަށް އުފުލާއިރު، ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ހޯދުމަށެވެ. އެ ހިދުމަތް ހޯދަން ގުޅަން ޖެހެނީ؛ 9980068 އަށެވެ.