މި ދެމަފިރިން ހިފާލާފައި ތިބީ އަހަރެމެން ބަދަލު ކުރަން!

މިއީ މަރިޔަމް ހަމްޝާ ހުސެއިން އާއި އަހުމަދު އަފްރާ އިސްމާއީލެވެ. މިއީ ދެމަފިރިންނެވެ. މި ދެމަފިރިންގެ ދިރިއުޅުމުން އަހަރެމެނަށް ބުނެދޭ ވާހަކައެއް އެބައޮތެވެ. އެއީ ކޮންމެ މީހަކަށް ވެސް ކޮންމެ ދެމަފިރިއަކަށް ވެސް "ތިމާވެށީގެ ޗެމްޕިއަނަ"ކަށް ވެވިދާނެ ކަމެވެ.

ހަމްޝާ އަކީ އާކިޓެކްޓެކެވެ. އަފްރާހަކީ އިންޖިނޭރެކެވެ. އެއީ އެ ދެމަފިރިންގެ ރަސްމީ ވަޒީފާ އެވެ. އެކަމަކު ތިމާވެށީ ކަންކަމާމެދު ދެމަފިރިން އަމިއްލައަށް އިސްނަގައި ކޮނޑުގައި ޒިންމާއެއް އަޅައިގެން އުޅެނީ "ޕްލާސްޓިކް ނޫން ގޮތެއް" ދިވެހިންނަށް ހޯދާއިދޭށެވެ.

މި ދެމަފިރިންގެ މި ކުރާ ކަމަކީ އިންސްޓަގްރާމް މެދުވެރިކޮށް "ޒީރޯވޭސްޓް އެމްވީ" ނަމުގައި ތިމާވެއްޓާއި ރަށްޓެހި ތަކެތި ވިއްކަނީ އެވެ.

"މީގެ މެއިން އައިޑިއާއަކީ ކޮންމެ މީހަކަށް ވެސް ކުޑަ ކުޑަ ކަމަކުން އެކަށީގެންވާ ބޮޑު ބަދަލެއް ގެނެވިދާނެން. ބައެއް ގާތް ރަހުމަތްތެރިންވެސް މިކަހަލަ ތިމާވެށްޓާއި ރައްޓެހި ގޮތްތަށް ޕްރެކްޓިސް ކުރޭ. ރާއްޖެއިން ބޭރުގައ ކިޔަވަން އުޅުނު ދުވަސްވަރު މިއަށް ލޯހުޅުވި ދިރިއުޅުމަށް ގެނައި މި ބަދަލު މާލެ އައިސްވެސް ކުރިއަށް ގެންދަން ފެށުނީ،" ހަމްޝާ . ބުންޏެވެ.

ރާއްޖެއިން ބޭރަށް ކިޔަވަން ދިއުމަށްފަހު ދިރިއުޅުމުގެ ވައްޓަށްފާޅިއަށް އަންނަ ބައެއް ރަނގަޅު ބަދަލު ހިފައިގެން ބައެއް މީހުން މާލެ އާދެ އެވެ. ހަމްޝާއަށްވެސް ވީ އެހެނެވެ. ބޭރުގައި ދިރިއުޅުމަށް އައި ރަނގަޅު ބަދަލެއް ހިފައިގެން މާލެ އައިސް ހިނގާލި އެވެ. ހަމްޝާގެ ދެމަފިރިން ބުނާ ގޮތުގައި ލައިފްސްޓައިލަށް ގެންނަން ޖެހޭ މިފަދަ ބަދަލެއް ގެނައުމަށް ކޮންމެ މީހަކުވެސް ކޮށްލަންވީ ކުޑަ ކުޑަ ކަމެކެވެ. އެކަމަކު އޭގެ ސަބަބުން ހީވެސް ނުކުރާ ހާ ބޮޑު ބަދަލެއް ހަޔާތަށާއި ގައުމަށާއި ވެއްޓަށް ގެނެސް ދެވެ އެވެ.

އަފްރާހު އޭނާގެ ދަބަހުން ނެގި ކުޑަ ބިއްލޫރި ފުޅިއެއް ދައްކާލި އެވެ. އެއީ މާލެ އަތޮޅުގެ ގޮނޑުދޮށްތަކުން ނަގާފައިވަ ސާމްޕަލެކެވެ. އޭގައި މި ހިމެނެނީ ގޮނޑުދޮށުން ނަގާފައިވާ އެކި އެކި މައިކްރޯޕްލާސްޓިކެވެ. މި ފުޅީގައި ސިނގިރޭޓް ފިލްޓަރާއި އެކި އެކި ކުދި ޕްލާސްޓިކް ކޮޅުތަކާއި ކަންފަތް ސާފުކޮށްފައި އެއްލާލައި ކޮޓަންބަޑް ގެ އިތުރުން ހޮޅި ހޮޅީގެ އެތިކޮޅާއި ޕްލާސްޓިކް ފުޅި ހަދަން ބޭނުންކުރާ ރޯމެޓީރިއަލް، ޕްލާސްޓިކް ނާޑްލްސް ވެސް ހުއްޓެވެ.

ކަނޑުތަކާއި ކަނޑުގެދިރުމަށް ގެއްލުންދޭ މައިކްރޯޕްލާސްޓިކް ނުވަތަ "ނާޑްލްސް" ދިވެހި ގޮނޑުދޮށްތަކުގައި ހީވެސް ނުކުރާ މިންވަރަށް އެބަހުރިކަން އެއިން ފާހަގަވި އެވެ.

ކެފޭއަކަށް ގޮސް ޖޫސް ތަށި ދަމާލަންވީ. އިތުރު ޕްލާސްޓިކް ހޮޅިއަކަށް ބަރޯސާ ނުވެ. އެ ހޮޅި ދޫކޮށްލަންވީ. ހޮޅިއެއް ބޭނުން ނޫން ކަމުގައި ބުނެވިދާނެ. ކޮންމެހެން ހޮޅިއެއް ބޭނުމިއްޔާ އެޔަށްވުރެ މާ ސަޅިވާނެ ސިލިކޯން، ދަގަނޑު ނުވަތަ ބިއްލޫރި ހޮޅިއެއް ހިފައިގެން ދިއުން. މިއީ ޕްލާސްޓިކް ނޫން ގޮތެއް ހިޔާރުކުރަން އެންމެ ފަސޭހަ ގޮތް. ކުޑަ ކުޑަ މާޖިނެއް ލާފައި ޒީރޯވޭސްޓްއެމްވީން އެ މި ވިއްކަނީ އަހަރުމެން. ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު މި ކަހަލަ ލައިފްސްޓައިލެއް ހިޔާރު ކުރަން
އަފްރާހު

"ޒީރޯވޭސްޓްއެމްވީ" އިން ވިއްކަނީ ޕްލާސްޓިކް ނޫން ހޮޅި އާއި ފުޅި އާއި ބާޒާރު ކޮތަޅާއި ދަތްއުނގުޅާ ބުރުހާއި ބީސްވެކްސް އެވެ. އަފްރާހު ބުނި ގޮތުގައި އެއީ ވެއްޓާ ރައްޓެހި ދުޅަހެޔޮ ދިރިއުޅުމެއް ހިޔާރު ކުރަން ފަށައިގަނެވިދާނެ ގޮތެކެވެ. އަދި އެއީ ފަސޭހަ ވެސް ގޮތެކެވެ. ކެފޭއަކަށް ދިޔައަސް ކޮންމެހެން ހޮޅިއެއް ބޭނުން ކުރަން މުހިއްމެއް ނޫނެވެ.

"ކެފޭއަކަށް ގޮސް ޖޫސް ތަށި ދަމާލަންވީ. އިތުރު ޕްލާސްޓިކް ހޮޅިއަކަށް ބަރޯސާ ނުވެ. އެ ހޮޅި ދޫކޮށްލަންވީ. ހޮޅިއެއް ބޭނުން ނޫން ކަމުގައި ބުނެވިދާނެ. ކޮންމެހެން ހޮޅިއެއް ބޭނުމިއްޔާ އެޔަށްވުރެ މާ ސަޅިވާނެ ސިލިކޯން، ދަގަނޑު ނުވަތަ ބިއްލޫރި ހޮޅިއެއް ހިފައިގެން ދިއުން. މިއީ ޕްލާސްޓިކް ނޫން ގޮތެއް ހިޔާރުކުރަން އެންމެ ފަސޭހަ ގޮތް. ކުޑަ ކުޑަ މާޖިނެއް ލާފައި ޒީރޯވޭސްޓްއެމްވީން އެ މި ވިއްކަނީ އަހަރުމެން. ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު މި ކަހަލަ ލައިފްސްޓައިލެއް ހިޔާރު ކުރަން،" އޭނާ ބުންޏެވެ.

މާލޭގައި މަޝްހޫރު ކެފޭތަކަށް ދުވާލަކަށް ގާތްގަނޑަކަށް 300 އެއްހާ ކޭސް ފެން ވައްދަ އެވެ. ބޭނުންކޮށްފައި އެ ފުޅިތައް އުކާލަނީ އެވެ. މި ދެމަފިރިން ބުނަނީ ކެފޭތަކާއި ރެސްޓޯރަންޓަށް ދާއިރު އިރުވެސް އަމިއްލަ ފެންފުޅިއެއް ހިފައިގެން ދާށޭ އެވެ. އެންމެން ވެގެން މި އިންގިލާބު ގެންނަންވީ އެވެ.

:މިއީ ފަރުދީ ގޮތުން ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމެއް ނޫންތޯ؟" އަފްރާހު ސުވާލެއް ކުރި އެވެ.

އޭނާ ބުނިގޮތުގައި "ޒީރޯވޭސްޓް އެމްވީ" އިން ކުރާ ކަމަކީ ވެސް ކުޑަ ކުޑަ ކަމެކެވެ. އެއީ ވރިސޯޓްތަކުގެ ބޭނުމަށް ގެނެސްފައި ހުންނަ "ވޮސް" ބްރޭންޑްގެ ފެން ހުސްކުރި ބިއްލޫރި ފުޅިތައް ގަންނަނީ އެވެ. ދެން އޭގައި ސްޓިކާއެއް ޖަހާ އަލުން ވިއްކާލަނީ އެވެ.

"އެއްފަހަރު ބޭނުންކޮށްފައި އެއްލާލުމުގެ ބަދަލުގައި ރެޑިއުސް، ރީޔޫސް އެންޑް ރީސައިކަލް ކުރަންވީ. އަދި ގޭގައި ވެސް ބަންދުކޮށްފައި ހުންނަ ފުޅީގައި ހުރި ފެނުގެ ބަދަލުގައި ފިލްޓަރެއް ހަރުކޮށްގެން ބޭނުން ކުރަންވީ. ބާޒަރު ކުރުމުގައި ވެސް ތަރުކާރީ މޭވާ ވަކި ވަކިން ޕްލާސްޓިކް ކޮތަޅަށް އެޅުމުގެ ބަދަލުގައި ޕްލާސްޓިކް ނޫންގޮތެއް ހިޔާރު ކުރަންވީ. ޒީރޯވޭސްޓްއެމްވީ އިން މި ވިއްކަނީ ތިމާވެށްޓާއި ރައްޓެހި ކޮތަޅެއް. އަދި ފޮތި ކޮތަޅެއްވެސް އެބަވިއްކަން".

ޒީރޯވޭސްޓްއެމްވީ އިން އަލްޓަނޭޓިވް އެއްގޮތަށް ތައާރަފު ކުރަނީ ބީސްވެކްސް އެވެ. މިއީ ކޮންމެ ގޭ ބިސީއެއްގެ ބަދިގެއަކަށް ވެސް ކޮންމެ ރެސްޓޯރަންޓަކަށް ވެސް ބޭނުންތެރި އެކައްޗަށްވާނެއެވެ. އަދި ބެމްބޫއިން ހަދާފައި ހުންނަ ދަތްއުނގުޅާ ބުރުސް ވެސް ވިއްކައެވެ.

"ބަދިގޭގައި ކާއެއްޗެހި ތަކުގެ ކަވަރުގޮ ތުގައި މި ބޭނުންކުރަނީ ބީސްވެކްސް. މިއީ ދެން މާ
އާއްމު އެއްޗަކަށް އަދި ނުވެދާނެ. އެކަމަކު މިއީ ކާ އެއްޗެހީގައި މަތި ޖެހުމަށް މި ބޭނުންކުރާ ޕްލާސްޓިކް ރެޕިން ބަދަލުގައި ބޭނުން ކުރަން ރަނގަޅު އެއްޗެއް. އެއްފަހަރު ބޭނުންކޮށްފައި ދޮވެލައިގެން އަލުން ބޭނުން ކުރެވޭ. އަދި ދިޔާއެއްޗެއްގައި ވެސް މީގެން މަތިޖަހާ ބަންދު ކުރުމުން އެއްކޮށް ސީލްވެފައި ހުންނާނީ... ދަތްއުނގުޅާ ބުރުހަކީ ވެސް ކޮންމެ ދެމަހެއްހާ ދުވަހުން އާއްމުކޮށް ބަދަލު ކުރާ އެއްޗެއް. ބޭމްބޫއިން ހަދާފައި ހުންނަ ބުރުސް ވެސް ބާވާނެ، ބަދަލުކުރަން ވެސް ޖެހޭ އެކަމް އޭއްޗަކީ ބައޯޑިގްރޭޑަބަލް އެއްޗެއް،"

ޒީރޯވޭސްޓްއެމްވީ އިން ވިއްކާ ސިލިކޯން ހޮޅިތަކެއް

މިދެމަފިރިން ކޮނޑުގައި އަޅައިގެން މި އުޅެނީ ބޮޑު ޒިންމާއެކެވެ. ބަދަލު ކުރަން ހިފާލާފައި މިތިބީ އަހަރުމެންގެ ކަންނެއް ދިރިއުޅުމާއި ގުޅިފައިވާ ކަންކަމެވެ. އަހަރެމެން ބަދަލު ކުރެވޭނެ ކަމުގެ އުއްމީދު އަތުކުރި އޮޅާލައިގެން ތިބި މި ދެމަފިރިން ބޭނުންވަނީ ކަންމަތީ ސައިހޮޓަލަށް ހެދިކާ ގަންނަން ދާ އިރުވެސް އަޅާނެ އެއްޗެއް ހިފައިގެން ދާނެހާ ހިއްވަރާއި ކެރުން އަށަގަންނުވާށެވެ.

"ދެ ހަފުތާ ވަރު ކުރިން ގޯޓް ފިޝް ކެފޭގައި ބޭއްވިން ޕޮޕް އަޕް ޝޮޕެއް. ވަރަށް ބޮޑު ތަރުހީބެއް ލިބުނު މި ޝޮޕަށް. އަދި އަޅުގަނޑުމެން ގާތްގަނޑަކަށް މި ފަށައިގަތީ. މުސްތަގުބަލަށް ބޮޑެތި ކަންކަން އެބަހުރި ވިސްނާފައި. އަދި ޒީރޯވެސްޓްއެމްވީގެ އެއްޗެހި މާލޭގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް ލިބެންހުރުން އެއީ އުއްމީދެއް. ފުރަތަމަ ފަށައިގަންނަން މި ގަސްދުކުރަނީ ކުޅުދުއްފުށިން،"

މި ދެމަފިރިންގެ ހިތުގައި މިކަމަށް އޮތް ލޯބި ފެނުމުން މި ދެމަފިރިންނަށް "ތިމާވެށީގެ ޗެމްޕިއަން"ގެ މެޑަލި ނުދީއެއް ނުވާނެ އެވެ. މި ދެމަފިރިންނާއެކު އަހަރެމެން ކޮންމެ މީހަކަށް ވެސް ތިމާވެށީގެ ޗެމްޕިއަނަކަށް ވެވިިދާނެ އެވެ.