ލައިފްސްޓައިލް

300 މީހުން ކާލި ކިނބުލަށް ވީގޮތެއް އަދިވެސް ނޭނގޭ!

އިންސާނުން ކެއުމަށް އާދަވެފައިވާ ވަރަށް ބިޔަ ބޮޑު ކިނބުލަކަށް ވީގޮތެއް ނޭނގި އަދިވެސް ގިނަ ބަޔަކު ތިބީ ހާސްކަމުގަ އެވެ. ފާއިތުވީ ދުވަސްތަކުގައި މި ސޮރު ހިފަން އަދި މަރާލަން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ.

ގުސްތާވޭ ނަމަކަށް ކިޔާ މި ކިނބުލުގެ ދިގުމިނުގައި 20 ފޫޓު ހުރެ އެވެ. އީސްޓް އެފްރިކާގެ ބުރުންޑީގެ ލޭކް ތަންގަންޔިކާގެ ކައިރީގައި ދިރިއުޅޭ މީހުންނަށް މި ކިނބުލުގެ އުނދަގޫ ބޮޑުވެގެން ގޮސް އެމީހުން ތިބެނީ އަބަދުވެސް ބިރުން ފިތްކެނޑިކެނޑި އެވެ.

އެތައް ޓަނެއްގެ ބަރުދަން ހުރި މި ކިނބޫ އަދިވެސް އެ ކޯރުގެ ކިލަނބު ފެންގަނޑުގެ ތެރޭގައި ދިރިއުޅޭކަމެއް ނުވަތަ މަރުވީ ކަމެއް ވެސް އެއްވެސް މީހަކަށް ޔަގީންކަމާއެކު ބުނާކަށް ނޭނގެ އެވެ.

ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި ގުސްތާވް އަށް މިހާރު 100 އަހަރު ވެދާނެ އެވެ. އަނެއް ބަޔަކު ބުނަނީ އެސޮރަށް ވާނީ އަދި 60 އަހަރު ކަމަށެވެ. އެހެން ބުނަނީ އެސޮރުގެ މަތީ ދަތްތައް އަދިވެސް ނުވެއްޓި ހުރީމަ އެވެ.

މި ސޮރުގެ ހަމަލާތައް ލޭކް ތަންގަންޔިކާގެ ކައިރީގައި ދިރިއުޅޭ މީހުންނަށް އަމާޒުވާން ފެށީ 1987 ވަނަ އަހަރު ކަމަށް ނެޝަނަލް ޖިއޮގްރަފިކް އިން ބުނެފައި ވެއެވެ.

އޭގެ ފަހުން އެ ހިސާބުގައި މަރުވި އެތައް ބަޔެއްގެ މަރުގެ ޒިންމާ އަޅުވާފައިވަނީ މި ކިނބުލުގެ ބޮލުގަ އެވެ. އެއީ ސީރިއަލް ކިލާއެއް ނުވަތަ ގާފިލާތަކުގެ މެދުގައި އޮތް ދެކޮޅުވެރިކަމުގެ ސަބަބުން މަރާލާފައިވާ ބަޔަކަށް ވިޔަސް އެންމެންވެސް އެމީހުންގެ މަރުގެ ޒިންމާ އަޅުވަނީ ކިނބުލުގަ ބޮލުގަ އެވެ.

އެންމެ ކިނބުލެއް އެތައް ސަތޭކަ ބަޔަކަށް ހަމަލަ ދީ ކާލަފާނެކަމާ މެދު ޝައްކުކުރާ މީހުން އުޅެ އެވެ. ނަމަވެސް އެ މަންޒަރު ފެނުނޭ ކިޔާފައި އެތައް ބަޔަކު ހެކިބަސް ދީފައިވާތީ އެ ވާހަކައަކީ ތެދެއް ކަމަށް ގަބޫލު ކުރެވިފައި ވަނީ އެވެ.

ކިނބޫ ލޮލުން ދުށް މީހުން އެސޮރު ސިފަ ކުރަނީ ވަރަށް ބިޔަ ބޮޑު އެއްޗެއްގެ ގޮތުގަ އެވެ. އެއީ ހަމަ އެއް ކިނބުލެއް ކަން އެމީހުން ފާހަގަ ކުރަނީ އެސޮރުގެ ބޯމަތީގައި އިން ވަރަށް ބޮޑު ލަކުނަކުންނެވެ. އެ ލަކުނު ހުންނަނީ ބަޑި ޖެހީމަ ވަޒަން އަރާފައި ހުރި ތަނެއް ހުންނަ ހެންނެވެ.

ބުނެވޭ ގޮތުގައި މި ކިނބުލުގެ ބޮލުގައި ވަޒަން އަރައިގެން ލަކުނު ލާފައިވާ ތިން ނިޝާނެއް ހުރެ އެވެ. އެއީ އެކިފަހަރު މަތިން އެސޮރު ޝިކާރަކުރަން މީހުން ކޮށްފައިވާ މަސައްކަތުން ލިބިފައި ހުރި އަނިޔާތައް ކަމަށް ބެލެވެ އެވެ.

"ކެޕްޗަރިން ދަ ކިލާ ކްރޮކް" ކިޔާ ޑޮކިއުމެންޓްރީއެއް އުފެއްދުމަށް 2004ގައި އެ ކޯރު ކައިރިއަށް ސައިންސްވެރިންގެ ގްރޫޕެއް ގޮސްގެން އުޅުނެވެ. އަދި "ރެސްކިއު މިޝަން"ގެ ނަމުގައި އެ ސޮރު ހިފައިގެން އެހެން ސަރަހައްދަކަށް ގެންދިއުމުގެ މަސައްކަތް އެމީހުން ކުރި އެވެ. ނަމަވެސް ކިނބޫ ހިފަން ސައިންސްވެރިން ކުރި ހުރިހާ މަސައްކަތްވީ ނާކާމިޔާބެވެ. އެމީހުން ޖެހި ހުރިހާ ދަންމަޅިއަކުން ކިނބޫ ވަނީ ސަލާމަތްވެ ފިލާފަ އެވެ.

މި ޑޮކިއުމެންޓްރީގައި ދައްކާފައިވާ ގޮތުން ފުރަތަމަ ސައިންސްވެރިން ކުރި ކަމަކީ ބޮޑު ސިންގާ ކޮއްޓެއް ހަދާފައި އޭގެ ތެރެއަށް ދިރޭ ކުކުޅެއް ލައިގެން އެ ކާލަން ކިނބޫ ގެނެވޭތޯ ކުރި މަސައްކަތެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބެއް ނުވި އެވެ. އިންފްރާރްޑް ކެމެރާއެއްގެ އެހީގައި އެތައް ރެޔެއް ވަންދެން މި ސޮރު މަޅީގައި ޖެއްސޭތޯ ސައިންސްވެރިން ގްރޫޕުން ކުރި މަސައްކަތް ނާކާމިޔާބުވުމުން ކުކުޅު ނަގާފައި އެ ކޮށިތެރެއަށް ދިރޭ ބަކައްޓެއް ލިއެވެ. ނަމަވެސް އޭގެ އަނެއް ދުވަހު ސައިންސްވެރިން އައިއިރު ކޮށިއޮތީ މުޅިން ސުންނާފަތި ކޮށްލާފަ އެވެ. ލަފާ ކުރެވެނީ ކުރީ ރޭ އެ ހިސާބަށް އެރި ވަރުގަދަ ތޫފާނަކުން ކޮށި ހަލާކުވީ ކަމަށެވެ. ކޮއްޓަށް ލީ ބަކަރި ޖެހުނުތާ ލަކުނުވެސް ނެތެވެ.

އެ ކޮއްޓަށް ވީ ގޮތެއް އަދި ބަކައްޓެއް ވީގޮތެއް ސައިންސްވެރިންނަކަށް ވިސްނާ ވިސްނާ ނޭނގުނެވެ. ސަބަބަކީ ކޮށީގައި ހަރުކޮށްފައި އިން އިންފްރާރްޑް ކެމެރާ ވެސް ހަލާކުކޮށްލާފައި ވާތީ އެވެ.

ފަހަރެއްގައި މި ގޮތްނޭނގޭ ކިނބޫ އެ ވަރުގަދަ ބޮޑު ކޮށި ހަލާކުކޮށްލައިގެން ވަދެ ބަކަރި ކާލީ ކަމަށް ވެސް ވެދާނެ އެވެ.

ކިނބޫ އަތުލަން ފަހުން ވެސް އެކި އެކި ދަންތުރަ ޖަހައިގެން ސައިންސްވެރިން މަސައްކަތްތަކެއް ކުރި އެވެ. ނަމަވެސް ހުރިހާ މަސައްކަތެއް ނާކާމިޔާބުވުމުން އެމީހުން އެނބުރި ދިޔައީ އެވެ.

މިގޮތަށް އެތައް އަހަރެއް ކިނބޫ ވަނީ އެސޮރު ހިފައި ހައްޔަރުކުރަން އުޅުނު މީހުންނަށް ލަނޑު ދީ ފިލުމުގައި ކާމިޔާބު ހޯދާފަ އެވެ. ކިނބޫ އޮންނަ ކޯރާ ކައިރީ ގެތަކުގައި އުޅޭ މީހުންގެ ބިރުވެރިކަމަށް އަދިވެސް ނިމުމެއް ނާދެ އެވެ.

އެ ކިނބޫ ވަނީ 2019ގައި ބަޔަކު ދިން ހަމަލައެއްގައި މަރުވެފައި ކަމަށް ގަބޫލުކުރާ ބަޔަކު ވެސް އުޅެ އެވެ. ނަމަވެސް އެ ސޮރު މަރުވިކަމުގެ ވެސް އެކަށީގެންވާ ހެއްކެއް ނެތެވެ. އެހެންވެ އަވަށު މީހުން އަދިވެސް އެ ކޯރު ކައިރިއަށް ދާން ބިރުގަނެއެވެ.