މަރުވެފައިވާ އިންސާނުންގެ ހަށިގަނޑުން ކަނޑުފަޅު ހިމާޔަތް ކުރެވިދާނެ ކަމަށް އެއްވެސް އިރެއްގައި ހީކުރިން ހެއްޔެވެ؟ އެމެރިކާގެ ކުންފުންޏަކުން މިހާރު މި މަސައްކަތް ވަނީ ފަށާފަ އެވެ. އެޓާނަލް ރީފްސް ނަމަކަށް ކިޔާ މި ކުންފުނިން މަރުވާ މީހުންނަށް "ގްރީން ބެރިއަލްސް" އެއް ދޭކަމަށް ވެއެވެ. މިއީ ތިމާވެއްޓާ ރައްޓެހިގޮތަކަށް ބާއްވާ ޖަނާޒާ އެކެވެ.
މަރުވެގެން އިންދާލާ އިންސާނުންގެ އަޅި ބޭނުންކޮށްގެން ފަރުތައް ހިމާޔަތް ކުރުމުގެ މަސައްކަތް މި ކުންފުނިން ކުރެ އެވެ.
އެޓާނަލް ރީފްސް އިން ކުރާ ކަމަކީ މަރުވެގެން އަންދާލާ މީހުންގެ އަޅިތައް ޕީއެޗް-ނިއުޓްރަލް އާ އެއްކޮށްގެން ތިމާވެއްޓާ ރައްޓެހި ކޮންކްރީޓެއް އުފައްދަނީ އެވެ. ދެން އޭގެން ރީފް ބޯޅަތަކެއް އުފައްދަނީ އެވެ. މީގެން ތައްޔާރުކުރަނީ ވައްތަރެއްގެ އާޓިފިޝިއަލް ރީފް އެކެވެ.
މީގެން ކޮންމެ އެއްޗެއް ފަރުތެރެއަށް ފެއްތުމުގެ ކުރިން އޭގައި އަޅި އެކުލެވޭ މަރުވި މީހާގެ އަތުގެ ނިޝާން ނުވަތަ ބްރޯންޒް މެމޯރިއަލް ޕްލާގެއް އޭގައި ހަރުކުރެ އެވެ.
އެޓާނަލް ރީފްސް އާއި ދަ ރީފް ބޯލް ފައުންޑޭޝަން އަދި ރީފް އިނޮވޭޝަން ގުޅިގެން ކޮންކްރީޓް ބޯޅަ އުފެއްދުމުގެ މަސައްކަތް ކުރާތާ އެތައް ދުވަހެއް މިހާރު ވެއްޖެ އެވެ. މީގެން ކޮންމެ ބޯޅައެއް މީޓަރަކަށް ވުރެ އުސް ވެފައި ފުޅާމިނުގައި ދެ މީޓަރު ހުރެ އެވެ. އަދި ބަރުދަނުގައި 250 ކިލޯގްރާމާއި 1800 ކިލޯ ގްރާމާ ދެމެދު ހުރެ އެވެ. މި ބޯޅަތަކުގެ ބޭރު ފަށަލަ ހުންނަނީ ވަރަށް ރާޅުކޮށެވެ. މެރިން ޕްލާންޓްސް އާއި އެނިމަލްސްގެ ތެރޭގައި ހިމެނޭ ކޮރަލްސް އާއި އަލްގީ އަށް އޭގެ މަތީގައި ހެދެވޭނެ ގޮތަށް ބޯޅަތައް ހުންނަނީ ފަރުމާކޮށްފަ އެވެ. މިހާތަނަށް އެ އޮގަނައިޒޭޝަނުން މިފަދަ 3000 މެމޯރިއަލް ރީފްސް ފަރުތަކުގައި ބަހައްޓައިފި އެވެ. އެއީ އެމެރިކާގެ ޓެކްސަސް އާއި ނިއު ޖާސީ އާ ދޭތެރޭގައިވާ 25 ލޮކޭޝަނެއްގަ އެވެ.
'ދަ ގާޑިއަން"ގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސް ޕެންޑެމިކް ފެށުނުފަހުން އިންސާނުންގެ އަޅިތައް މިފަދަ ބޯޅަތައް ހެދުމުގައި ބޭނުންކުރުމަށް އެދި އެޓާނަލް ރީފްސް އަށް ހުށަހަޅާ ހުށަހެޅުންތައް ތިން ގުނަ އިތުރު ވެފައި ވެއެވެ.
މި ގޮތަށް ގިނައިން އެދެމުން ދަނީ ކަނޑު ދެކެ ލޯބިވާ ތިމާވެށި ހިމާޔަތްކުރަން އެދޭ މީހުން އަމިއްލަ އަށެވެ. އެމީހުންގެ މަރުން ކަނޑުގެ ދިރުން އާލާ ކުރެވިދާނެކަމަށް ދެކިގެންނެވެ.